10 Sep 2019, 16:38
ސިކުނޑި އާއި މައިބަދައިގެ ބަލިތަކާ ގުޅޭގޮތުން އޭޑީކޭ ހޮސްޕިޓަލްއިން ބާއްވަމުން އަންނަ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފި އެވެ.
މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކްޒިއުޓިވް ސެކްރެޓެރީ މަރިޔަމް ޕަރުވީން އެވެ.
މިއަހަރުގެ ކޮންފަރެންސްގެ މެއިން ސްޕޮންސާ އަދި ޑައިމަންޑް ޕާޓްނަރަކީ މެޑިކަލް އިއުއިޕްމަންޓްސް ރާއްޖެއަށް އެތެރެކުރާ ކުންފުންޏެއް ކަމަށްވާ ވޯލްޑިވްސްއެވެ. އެސްޓީއޯގެ އިތުރުން ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި ހިމެނެނީ ގްލެންމާކް، ޑރ. ރެޑީ، މެޑިކިއުޕް މޯލްޑިވްސް އަދި އޭޑީކޭ ފާމަސޫޓިކަލްވެސް ހިމެނެއެވެ.
މިއީ އޭޑީކޭއިން ބާއްވާ އެފަދަ ތިންވަނަ ކޮންފަރެންސްއެވެ.
މިއަހަރު އެ ކޮންފަރެންސް އޮންނާނީ މިމަހު 17 އިން 19 އަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގަ އެވެ.
ބްރެއިން އެންޑް ސްޕައިން ކޮންފަރެންސަކީ ސިކުނޑިއާއި، މައިބަދައިގެ ބަލިތަކާއި، އެ ބަލިތަކަށް ފަރުވާދިނުމަށް ކުރެވޭ ދިރާސާތަކާއި، އެ ދާއިރާގައި ފަރުވާ ދިނުމަށް ހޯދިފައިވާ އެންމެ ފަހުގެ އީޖާދުތަކާއި ހޯދުންތައް އަދި އުފެއްދުންތަކާބެހޭ ގޮތުން ބާއްވާ ކޮންފަރެންސެއް ކަމަށް އޭޑީކޭއިން ބުންޏެވެ.