ާއީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުން: އަހުމަދު ނާއިފް

ސާކުގެ މަސައްކަތްތައް ހަރުދަނާކޮށް ސާކަކީ އަމަލީ ޖަމިއްޔާ އަކަށް ހެދުމަށް ސާކުގެ ސެކްރެޓޭރިއަޓަށް އިތުރު ބާރުތަކެއް ދިނުމަށް ކައުންސިލް އޮފް މިނިސްޓާޒް އިން މިއަދު ނިންމައިފި އެވެ.

ސާކުގެ އަށް ގައުމުގެ ފޮރިން މިނިސްޓަރުން ބައިވެރިވެ ވަޑައިގަތް ކައުންސިލް އޮފް މިނިސްޓާޒްގެ 34 ވަނަ ބައްދަލުވުމުގެ މައުލޫމާތު މިއަދު ނޫސްވެރިންނާއި ހިއްސާކުރައްވަމުން އެ ކޮމެޓީ ޗެއާކުރެއްވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވީ ސާކުގެ މަސައްކަތްތައް ހަރުދަނާކޮށް، އިދާރީ އޮނިގަނޑު ވަރުގަދަ ކުރުމަށް ސާކަކީ އަމަލީ ޖަމިއްޔާއަކަށް ހެދުމަށް ސާކުގެ ސެކްރެޓޭރިއަޓަށް އިތުރު ބާރުތަކެއް ދިނުމަށް އެއްބަސްވެ އެކަމަށް ދިރާސާއެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ހުރިހާ ގައުމަކުން ވެސް އެއްބަސްވޭ ސާކުގެ މަސައްކަތްތައް ހަރުދަނާކުރުމަށް އިތުރު ބާރުތަކެއް ދޭންޖެހޭ ކަމަށް. އެއްވެސް ގައުމަކުން އެކަމާ ދެކޮޅެއް ނަހަދާ،" ނަސީމް ވިދާޅުވި އެވެ. "އެ ދިރާސާއަށް ފަހު އެނގޭނީ އިތުރަށް ބާރުތައް ދޭނެ ގޮތެއް،"

ސާކުގެ ބައެއް ނިންމުންތަކަށް ފުރިހަމަ އަށް އަމަލީ ސިފަ މިހާތަނަށް ގެނެވިފައެއް ނުވެ އެވެ. ސާކުގެ ސެކްރޭޓޭރިއަޓްގާއިމްވެފައި ހުންނަނީ ނޭޕާލްގެ ކަތަމަންޑޫގަ އެވެ. ސާކުގެ ޗާޓަރުގެ ދަށުން ސާކު ސެކެރެޓަރީއަކަށް އިންތިހާބުކުރާ ފަރާތެއް އެ މަގާމުގައި ތިން އަހަރު ދެމި ހުންނާނެ އެވެ. ސާކުގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލަކީ ރާއްޖޭގެ ފަރާތުން ފާތިމަތު ދިޔާނާ ސައީދެވެ.

ނަސީމް ވިދާޅުވީ ސާކުގެ ޕެސެންޖާ އެންޑް ކާގޯ ފެރީގެ ނިޒާމު މި އަހަރު ނިމުމުގެ ކުރިން ގާއިމް ކުރުމަށް މިނިސްޓަރުން އެއްބަސްވި ކަމަށެވެ. އަދި ސާކު ގައުމުތަކުގެ ޓޫރިޒަމް އެންޑް ޓްރޭޑް ފެއާ ހދ. ކުޅުދުއްފުށީގައި ބޭއްވުމަށާއި އޮބްރާވަރުންގެ ދައުރު އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އޮބްޒާވަރުންނާ އެކު އިތުރަށް މަސައްކަތްތައް ކުރުމަށް ނިންމާފައިވައި ވަނީ. ހުރިހާ ގައުމުތަކުން ވެސް އެއްބަސްވި އޮބްޒާވަރުންގެ ދައުރު ފުޅާކުރަން ޖެހޭ ކަމަށް،" ނަސީމް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރުންގެ ނިންމުންތަކަށް އަމަލީ ސިފައެއް އަންނާނީ މާދަމާ ބާއްވާ ހެޑް އޮފް ސްޓޭޓުންގެ ބައްދަލުވުމުގައި އެބޭފުޅުން އެކަމަށް އެއްބަސްވުމުންނެވެ.

ނަސީމް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް ނިމިގެން ދިޔައީ ރާއްޖޭން ބޭނުންވި ގޮތަށް ކަމަށެވެ.

"ގިނަ ކަންކަން ރާއްޖޭން ބޭނުންވި ގޮތަށް ދިޔައީ. ބައެއް ކަންކަން އިސްލާހާ އެކު ވެސް ފާސްވި،" ސަމިޓްގެ ކުރިން ބޭއްވި އެންމެ މުހިންމު ބައްދަލުވުމުގެ ނަތީޖާއާ ގުޅޭ ގޮތުން ނަސީމް ވިދާޅުވި އެވެ.

މާދަމާ އޮންނަ ހެޑް އޮފް ސްޓޭޓުންގެ ބައްދަލުވުމުގައި އެންމެ ހޫނުކޮށް ބަހުސްކުރާނެ ކަމަށް ލަފާ ކުރެވެނީ 2004 ވަނަ އަހަރު އެއްބަސްވި ސަފްޓާ އެގްރިމެންޓާއި އިއާދަކުރަނިވި ހަކަތައިގެ އެއްބަސްވުމާ ގުޅޭ ގޮތުންނެވެ.