10 Sep 2019, 12:09
ހެރިސްބާގް (ސެޕްޓެމްބަރު 10): އެމެރިކާގެ ބޭންކަކަށް އޮޅިގެން އެގައުމުގެ ދެމަފިރިއެއްގެ އެކައުންޓަށް ޖަމާކުރެވުނު އެތައް ހާސް ޑޮލަރު ބޭނުން ކުރި މައްސަލައިގައި އެދެމަފިރިންގެ މައްޗަށް ވައްކަމުގެ ދައުވާކޮށްފި އެވެ.
އެމައްސަލަ ފެށުނީ މިދިޔަ މެއި މަހު ބީބީ އެންޑް ޓީ ކިޔާ ބޭންކަކުން ރޮބަޓް އާއި ޓިފަނީ ވިލިއަމްސްގެ އެކައުންޓަށް އޮޅުމަކުން 120،000 ޑޮލަރު ޖަމާ ކުރެވުމުންނެވެ. އެބޭންކުން އިންވެސްޓްމެންޓް ކުންފުންޏަކަށް ފޮނުވަން ޖެހޭ ފައިސާ ވިލިއަމްސްގެ ދެމަފިރިންނަށް ފޮނުވުނުކަން އެނގުނީ ޖޫން 20ގަ އެވެ.
ނަމަވެސް އޭރު ވިލިއަމްސްގެ ދެމަފިރިން ވަނީ އެފައިސާގެ ތެރެއިން 107،000 ޑޮލަރު ހޭދަކޮށްފަ އެވެ. އެމީހުން އެފައިސާ ބޭނުން ކުރީ ކާރާއި އެހެނިހެން އުޅަނދުތަކާއި ގެއަށް ބޭނުންވާ ތަކެތި ގަތުމަށެވެ. އަދި އެމީހުންގެ އެކުވެރިންނަށް 15،000 ޑޮލަރު ހަދިޔާވެސް ކުރި އެވެ.
އެމައްސަލަ ބޭންކަށް ފާހަގަ ކުރެވުމުން ބޭންކުން ޓިފަނީ ވިލިއަމްސްއަށް ގުޅި އެވެ. އަދި ފައިސާ އަނބުރާ ދައްކަން ބުނުމުން އޭނާ ވަނީ އެފައިސާގެ ބޮޑު ބައެއް އޭނާގެ ފިރިމީހާ ހަރަދުކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި ފައިސާ އަނބުރާ ދެއްކުމާ ބެހޭ ގޮތުން ފިރިމީހާއާ ވާހަކަ ދައްކާނެ ކަމަށް ބުނެފަ އެވެ.
ނަމަވެސް އޭގެ ފަހުން ބީބީ އެންޑް ޓީއަށް ވިލިއަމްސްގެ ދެމަފިރިންނަށް ނުގުޅުނެވެ. އެހެންކަމުން ބޭންކުން އެމައްސަލަ ކޯޓަށް ހުށަހެޅީ އެވެ.
އަދި ފުލުހުން ވިލިއަމްސްގެ ދެމަފިރިންނާ ސުވާލު ކުރުމުން އެމީހުން ވަނީ އެއީ އެމީހުންގެ ފައިސާއެއް ނޫންކަން އެނގޭ އިރުވެސް، އެފައިސާ ހަރަދު ކުރި ކަމަށް އެއްބަސްވެފަ އެވެ. އެފައިސާ ބޭންކަށް ޖަމާ ކުރެވުމުގެ ކުރިން އެދެމަފިރިންގެ ބޭންކު އެކައުންޓުގައި އެވަރެޖުކޮށް ހުންނަނީ 1،000 ޑޮލަރެވެ.
އެމައްސަލައިގައި 36 އަހަރުގެ ރޮބަޓް ވިލިއަމްސް އާއި 35 އަހަރުގެ ޓިފަނީ ވިލިއަމްސްގެ މައްޗަށް ވަނީ ވައްކަމުގެ ހަތަރު ދައުވާކޮށްފަ އެވެ. އޭގެ ތެރެއިން އެއް ދައުވާ ސާބިތުވި ނަމަވެސް އެދެ މީހުން ގިނަވެގެން 10 އަހަރަށް ޖަލަށް ލެވޭނެ އެވެ.
އެދެމަފިރިންގެ ޝަރީއަތް ފެށުމުގެ ކުރިން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.