ދޫނިދޫއިން: އަހުމަދު އާޒިފު އަދި މުހައްމަދު ހަސަން

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އީސާގެފާނު ސޫރަ ރަމްޒުކޮށްދޭ ބެނާތަކެއް ހުރި ކަމަށް ބުނެ އެ ބެނާތައް ނަގަން މާލެއިން ފުރައިގެން އެއާޕޯޓަށް އަރަން ދިޔަ 80 އަށް ވުރެ ގިނަ މީހުން ގޮވައިގެން ދަތުރު ކުރި ދެ ފެރީއެއް ހުއްޓުވައި އެ އެންމެން ދޫނީދޫއަށް ގެން ގޮސް ހައްޔަރުކޮށްފި އެވެ.

http://sun.mv/albums/l_2354.jpg

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު ވެސް ހިމެނެ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އަންހެނުން ވެސް ހިމެނޭ ގޮތަށް ތިބީ ޕީޕީއެމާއި އަދާލަތާއި ޑީއާރްޕީ އާއި ގައުމީ ޕާޓީއަށް ނިސްބަތްވާ މީހުނާއި ޖުމްހޫރީ ޕާޓީގެ މީހުންނެވެ. އަދި ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ ބަޔަކުވެސް ތިއްބެވެ. އަދި ދެ ޓޫރިސްޓުން ވެސް ތިއްބެވެ.

މީގެ އިތުރުން އެ ދަތުރު ކަވަރު ކުރަން ފެރީއަށް އެރި 13 ނޫސްވެރިން ވެސް އޭގެ ތެރޭގައި ހިމެނުނެވެ. ނަމަވެސް މިރޭ 10:00 ޖަހަން އުޅެނިކޮށް ފުލުހުން ވަނީ ނޫސްވެރިން ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ސަންގެ ދެ ނޫސް ވެރިން ހިމެނެ އެވެ.

ބެނާތައް ނަގަން އެއާޕޯޓަށް އަރަންދާން ހުޅުލޭ ފެރީ ސަރަހައްދަށް މީހުން ޖަމާވީ މިއަދު އިރު އޮއްސުނު ވަގުތު އެވެ. ދެ ފެރީއެއްގައި މީހުން ނައްޓައިލީ ފެރީ ސަރަހައްދަށް މީހުން އެއްވެފައި ވަނިކޮށް އެތަނަށް އެއްވި އެހެން ބަޔަކާ ދެމެދު ދޭތެރޭ ދޭތެރެއިން ކޮންމެވެސް ވަރަކަށް ހަމަނުޖެހުންތައް ވެސް ހިނގުމަށް ފަހު އެވެ. ދެ ފެރީ ފުރައިގެން ދިޔައިރު ފެރީ ސަރަހައްދަށް އެއްވެސް ބަޔަކަށް ނުވަދެވޭ ގޮތަށް މުޅި އެހިސާބުގަނޑު އޮތީ ފުލުހުން ބަންދުކޮށްފަ އެވެ. އަދި އޭގެ ފަހުން މުޅި އެސަރަހައްދުގައި ތިބި އެންމެން ފޮނުވާލައި ފުލުހުން ވަނީ ސަރަހައްދު ސާފުކޮށްފައެވެ. ލޯންޗުތަކުގައި ފެރީތައް ހުއްޓުވަން ފުލުހުން ނައްޓައިލީ ވެސް އެވަގުތު އެވެ.

ފުލުހުން ބުނީ ސާކް ސާމިޓާ ދިމާކޮށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް އަރައި އެތަނުގެ ސަލާމަތަށް ނުރައްކާކުރަން އުޅުނު ބަޔަކު ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. ހައްޔަރު ކުރި މީހުންގެ ސީދާ އަދަދެއް ފުލުހުން ނުބުނެ އެވެ.

އެއާޕޯޓަށް އަރަން ދިޔަ މީހުން ދަތުރު ކުރި ފެރީގައި ތިބި ނޫސްވެރިން ބުނީ ރަޔަޓް ގިޔަރު ފުލުހުން ލޯންޗްތަކުގައި ގޮސް ފުރަތަމަ ފެރީ ހުއްޓުވައި ދޫނިދޫއާ ދިމާއަށް މިސްރާބު ބަދަލު ކުރުވީ ހުޅުލެއަށް ދަތުރު ކުރަމުން ދަނިކޮށް ފެރީގެ ކެޕްޓަނު ދޯނި އަނބުރައިލުމުން އޭގައި ތިބި މީހުން އެކަމާ ދެކޮޅު ހަދައި އަލުން ހުޅުލެއަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށާއި ދަތުރު މަތީގައި އެންމެން އެއްއަޑުން "ﷲ އަކުބަރު" އޭ ގޮވައި އަޑު ހަރުކޮށްފައިވާ ކަމަށެވެ.

"ފުލުހުން އަރައި ދޯނި ހުއްޓުވުމަށް ފަހު ދޫނީދޫއަށް ގެންދިޔައީ، އޭގެ ކުރިން ފެރީގައި ތިބި ދެ ޓޫރިސްޓުން ފުލުސް ލޯންޗަށް ނެގި. އެމީހުން ތިބީ ރޯން. އަޅުގަނޑުމެން އެންމެން ދޫނިދޫއަށް ގެންގޮސް އެއްވެސް ސުވާލެއް ނުކޮށް ފުރަތަމަ ބައިތިއްބީ ދޯނިން ނުފޭބޭ ގޮތަށް ފޮޓޯ ނުނެގޭ ގޮތަށް ދޮޅުގަޑިއިރު ވަންދެން. އޭގެ ކުޑައިރުކޮޅެއް ފަހުން ދެވަނަ ފެރީ ގެނައީ. ދެފެރީގައި ގާތްގަނޑަކަށް 80 މީހުން ހިމެނޭ،" ދަތުރު ކަވަރު ކުރަން ދިޔަ ނޫސްވެރިޔަކު ބުންޏެވެ. "އޭގެ ތެރޭގައި އަންހެނުން ވެސް ހިމެނޭ، މުޅިން ވެސް ތިބީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މީހުނާއި އެމްޑީޕީގެ އެކްޓިވިސްޓުން އެ އެންމެނާ ފުލުހުން ސުވާލު ކުރުމުގެ ކުރިން، ފުރަތަމަ ސުވާލު ކުރީ މެންބަރު މަހުލޫފާއި އަލީ އާރިފާ،"

ނޫސްވެރިން ބުނީ ދޫނިދޫއަށް ފޭބުމަށް މަހުލޫފާއި އަލީ އާރިފަށް ފުލުހުން އެންގުމުން ނުފައިބާނެ ކަމަށާއި އެބޭފުޅުން ފެރީއަށް އެރީ ހުޅުލެއަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވި ކަމަށާއި އޭގެ އިރުގަނޑެއް ފަހުން ހުރިހާ ނޫސްވެރިން ބިޑި ނާޅުވައި ގެންގޮސް ފާހާއި ފޯނު އަތުލައި ހައްޔަރު ކުރި ކަމަށެވެ.

"އަޅުގަނޑުމެންގެންގޮސްފައި ބުނީ ނޫސްވެރިންނެއް ކަމަކު ތިތިބީ ހައްޔަރުގައޭ، މިހާރަކު ކާޑެއްވެސް ނޯންނާނޭ ކާޑު ހަވާލު ކުރާނީ ސްޓޭޝަނަށޭ، ޖަވާބެސް ދެވޭނީ 24 ގަޑި އިރު ފަހުންނޭ،" ފެރީގައި ދަތުރުކުރި ނުސްވެރިޔަކު ބުންޏެވެ.

ނޫސްވެރިން ބުނީ އޭގެ އިރުގަނޑެއް ފަހުން މަހުލޫފާއި އަލީ އާރިފާ ދެބޭފުޅުން ބިޑި އެޅުވައި ހައްޔަރު ކުރި ކަމަށާއި އެ ދެ ބޭފުޅުން ހައްޔަރުކުރުމާއެކު އެހެން އެންމެން ވެސް ގުރޫޕް ގުރޫޕަށް ބިޑި އަޅުވައި ހައްޔަރު ކުރި ކަމަށެވެ.
" ބައެއް މީހުން ގަދަވެސް ހެދި، ރައީސްގެ އިސްތިއުފާއަށް ގޮވައި ހަޅޭއްވެސް ލެވި،"

ނޫސްވެރިން ބުނީ އެންމެން ހައްޔަރު ކުރުމަށް ފަހު ނޫސްވެރިން ދޫކޮށްލީ 10:00 ޖެހިއިރު ކަމަށާއި ހުރިހާ ނޫސްވެރިން ދޫކޮށްލަމުން "މިހާރުތީ ކުށްވެރިން" ނޫން ކަމަށް ފުލުހުން ބުނި ކަމަށެވެ.
"އަޅުގަނޑުމެން ލޯންޗަށް އެރުވިއިރުވެސް މީހުންތައް ބިޑއަޅުވަމުންދޭ، އެމީހުންނަށް ކާން ގެންދިއުމުން ނުކާނަމޭ ގޮވައި ހަޅޭލަވާ އަޑުވެސް އިވޭ،"

ހުޅުލެއަށް އަރަން ދިޔަ މީހުން ދޫނިދޫއަށް ގެންގޮސްފައި ވަނިކޮށް މަހުލޫފާއި އާރިފުގެ ފަރާތުން ވަކާލާތު ކުރުމަށް ގާނޫނީ ވަކީލު މުހައްމަދު އިބްރާހީމް ލޯންޗެއްގައި ދޫނިދު އަށް ވަޑައިގަތެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ ފޮނުވާލައިފަ އެވެ. ބައިވަރު މީހުން ތިބި އެ ލޯންޗުގައި ތިބި މީހުން ވެސް ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވައި އެންމެން މިނިވަން ކުރުމަށް ގޮވި އެވެ.

ފުލުހުން ބުނީ ލޯޔަރު ވަހީދު ފޮނުވައިލީ "ދޫނިދޫއަށް ވަގަށް އެރުމުން" ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

ދެ ފެރީ އޮތީ އަދިވެސް އޮތީ ދޫނިދޫގައި ކަމަށް ވެއެވެ.


---

20:51 މިހާރު އެންމެން ވެސް ބިޑި އަޅިވަމުން އެބަދޭ.

20:47 މަހުލޫފާއި އާރިފު ބިޑި އަޅުވައި ހައްޔަރުކޮށްފި. މިހާރު ދޫނިދޫއަށް ބާލަން މަސައްކަތް ކުރަނީ. ބައެއް އެހެން މީހުން ވެސް ބޮޑި އަޅުވައިފި، ބައެއް މީހުން ނުފައިބަން ގަދަ ހަދަމުންދާއިރު ބައެއް މީހުން ފައިބަން ފަށައިފި

20:27 ދޫނިދޫއަށް ބޭލި ނޫސްވެރިންގެ ފޯނުތަކާއި މީޑިއާ ފާސް ވެސް އަތުލައިގެން ގެންގޮސްފި އެވެ.

20:21 ފެރީގައި ތިބި ހުރިހާ ނޫސްވެރިން ދޫނިދޫއަށް ބާލައިފި އެވެ. ނޫސްވެރިންނާ ސުވާލު ކުރަމުން އެބަދެ އެވެ. އެއް ފެރީގެ ކެޕްޓަން ވެސް ވަނީ ދޫނިދޫއަށް ބާލާފަ އެވެ.

19:56 ދެ ފެރީގައި ތިބީ 80 މީހުންނެވެ. ތިން ފުލުހުން ފެރީއަށް އަރާ ސުވާލު ކުރަމުން ދަނީ މެންބަރު އަލީ އާރިފާއި މަހުލޫފާ އެވެ. އެމީހުން އެދެމުން ދަނީ ދޫނިދޫއަށް ފޭބުމަށެވެ. މަހުލޫފުމެން ވިދާޅުވަމުން ދަނީ ނުފައިބާނެ ކަމަށާއި އެބޭފުޅުން ފެރީއަށް އެރީ އެއާޕޯޓަށް ދިއުމަށް ކަމަށެވެ. އެހެން މީހުންނަކާ ސުވާލެއް ނުކުރެ އެވެ. އެންމެންވެސް ފެރީގައި އެބަތިއްބެވެ.

19:54 ފުލުހުން ފެރީއަށް އަރާ މެންބަރު އަލީ އާރިފާ ސުވާލު ކުރަމުން އެބަދެ އެވެ.

19:34 ދީނާ ހިލާފު ބެނާތައް ނަގަން ހުޅުލެއަށް އަރަންދިޔަ އިތުރު ފެރީއެއް ކަނޑުމަތިން ހުއްޓުވައިގެން އަނެއްކާވެސް ދޫނިދޫއަށް ގެންގޮސްފި އެވެ. ދޫނިދޫއަށް ފުރަތަމަ ގެންދިޔަ ފެރީގައި ހުރި ސަންގެން ނޫސްވެރިޔާ ބުނީ އެ ފެރީގައި ވެސް ފަންސާހަކަށް މީހުން އެބަތިބި ކަމަށެވެ.

http://sun.mv/albums/l_2351.jpg

19:32 ފުލުހުން ވަނީ ދާދި ދެންމެ އަކު ކުޑަ ސްޓޭޓްމަންޓެއް ނެރެފައެވެ. އޭގައި ބުނަނީ ސާކް ސާމިޓާ ދިމާކޮށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް އަރައި އެތަނުގެ ސަލާމަތަށް ނުރައްކާކުރަން އުޅުނު ބަޔަކު ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެޙޭ އެންމެހާ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

19:23 ދޯނި ދޫނިދޫ ފަޅަށް ވެއްދި ގޮތަށް ބާއްވާފައި އޮތީ އެވެ. އެއްވެސް މީހަކާ ސުވާލެއް ވެސް ނުކުރެ އެވެ. ދޯނީގައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ހިމެނޭ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފެވެ.

19:20 ނަސަންދުރަ ޕެލަސް ހޮޓެލް ކައިރިއަށް އެއްވެފައި ތިބި މީހުންތައް ވެސް ފުލުހުން ފޮނުވައިލައިފި އެވެ.

19:14 ދޯނީގައި ތިބި އެންމެ ގެންދަނީ އެއް އަޑަކުން ﷲ އަކުބަރު ގޮވަމުންނެވެ. ދޯނި ކަނޑުމަތިން ހުއްޓުވައިފައި ވަނީ މާލެއިން ފުރައިގެން ދަތުރު ފެށުމަށް ފަހު ޑްރައިވަރު ދޯނި އަނބުރައިލުމުން ދޯނީގައި ތިބި މީހުންގެ ބާރުގައި އެއާޕޯޓަށް އަރަން ދަނިކޮށެވެ.

19:07 އެއާޕޯޓަށް ދާން ފުރި ފެރީ ހުއްޓުވިއިރު އިތުރު މީހުން ފުރަން ގޮސް އެބަތިއްބެވެ. ފެރީއާ ދިމާއަށް ދެވެން އޮތް ހުރިހާ މަގެއް ފުލުހުން ވަނީ ބަންދުކޮށްފައެވެ. ހުއްޓުވި ފެރީ މިހާރު ދޫނިދޫ ފަޅުތެރެއަށް ވައްދައިފި އެވެ. އޭގައި ނޫސްވެރިން ވެސް އެބަތިއްބެވެ.

http://sun.mv/albums/l_2349.jpg

19:04 ދޯނީގައި ގާތްގަނޑަކަށް 100 އެއްގާ މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި އަންހެނުން ވެސް އެބަތިއްނެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ތިބި ފެރީ ހުއްޓުވީ ފުލުހުންގެ ލޯންޗުތަކުގައި ރަޔަޓް ގިޔަރު ފުލުހުން ގޮސް ދޯންޏަށް އަރައިގެނެވެ. މިހާރު ދޯނު އަނބުރާލައި ފުލުހުންގެ ބާރުގައި ދޫނިދޫއާ ދިމާއަށް ދަތުރުކޮށް އޮތީ އެރަށާ ވަރަށް ގާތުގަ އެވެ.

އިސްލާމް ދީނާ ހިލާފު ޝުއޫރު ފާޅު ކުރާ ބެނާތަކެއް އެއާޕޯޓުގައި ދަމާފައިވާ ކަމަށް ބުނެ އެ ބެނާތައް ނަގަން ހުޅުލެއަށް އަރަން މީހުން ގޮވައިގެން ނައްޓައިލި ފެރީ ފުލުހުން ކަނޑުމަތިން ހިފަހައްޓައި ދޫނިދޫއަށް އެބަގެންދެ އެވެ