09 Sep 2019, 22:08
ޝަހްސް އޮޅުވަލައިގެން ދެ މީހަކު ރާއްޖެ އެތެރެވާން މަސައްކަތް ކުރަނިކޮށް އަތުލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
މި ދެމީހުންވެސް އެތެރެވެފައި ވަނީ، ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެނެވެ.
އިމިގްރޭޝަނުން މިއަދު ކުރި ޓުވީޓެގައި ބުނެފައި ވަނީ، ޝަހްސް އޮޅުވަލައިގެން އިއްޔެ އާއި މިއަދު ދެ މީހަކު އަތުލައިގަނެފައިވާ ކަމަށެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) މިރޭ "ސަން" އަށް ވިދާޅުވީ، އެ ދެމީހުންގެ އިތުރުން މިހާތަނަށް މިއަހަރު ތެރޭ އިތުރު ބަޔަކު ވެސް ޝަހްސް އޮޅުވަލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރަނިކޮށް އަތުލައިގެންފައިވާ ކަމަށެވެ.
އެތެރެވި މީހުން ނިސްބަތް ވަނީ ކޮން ގައުމަކަށްތޯ އަދި އެ މީޙުން އެތެރެވެފައި ވަނީ ކޮން ގައުމަކުންތޯ ސުވާލު ކުރުމުން ހަނަފީ ވިދާޅުވީ، ސަލާމަތީ ސަބަބުތަކަށް ޓަކައި އެ މައުލޫމާތު ހާމަ ނުކުރާ ކަމަށެވެ.
އަދި މިކަމާ ގުޅޭ އިތުރު ތަފްސީލު ދިނުމަށް އިމިގްރޭޝަން އިން ވަރަށް އަވަހަށް ބަޔާނެއް ނެރޭނެ ކަމަށް ހަނަފީ ވިދާޅުވި އެވެ.
އިމިގްރޭޝަންގެ ޓުވީޓްގައި، އޮޅުވާލައިގެން އެތެރެވާން މަސައްކަތްކުރި ދެ މީހުންގެ ޕާސްޕޯޓުގައިވާ ފޮޓޯ އާއި އަސްލު މީހާގެ ފޮޓޯއެއް ވަނީ އާއްމުކޮށްފަ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އިމިގްރޭޝަން އިން ޑީޕޯޓުކޮށް، އަނބުރާ ގައުމަށް ފޮނުވާލުމުން އެހެން މީހެއްގެ ޕާސްޕޯޓުގައި ޝަހްސު އޮޅުވަލައިގެން އަލުން ރާއްޖެ އެތެރެވުމަކީ، ހިނގާ ކަމެއް ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އެއާ އެކު އަލުން އެ މީހުން ރާއްޖޭން ޑީޕޯޓު ކުރުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ. އެކަން ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ނިޒާމް ވަރުގަދަ ކުރުމަށް އިމިގްރޭޝަންއާއި ކަމާ ގުޅޭ އިދާރާތަކުން ވަނީ މަސައްކަތްތަކަތް ފަށައިފަ އެވެ.