މައްކަތުލްމުކައްރަމާ (ނޮވެމްބަރ 9) : މިއަހަރުގެ ޙައްޖުގެ ކަންތައް ނިމިގެންގޮސްފައިވަނީ އެއްވެސް މައްސަލައެއް ކުރިމަތިނުވެ ވަރަށް އަމާންކަމާއި އޮމާންކަމާއެކުގައި ކަމަށް ޙައްޖުގެ ކަންތައް ބެލެހެއްޓުމުގައި އިސްކޮށް އުޅުއްވި ސަޢޫދީ މަސްއޫލުވެރިން ވިދާޅުވެއްޖެވެ.

ސަޢޫދީ އިސްމަސްއޫލުވެރިއެއް ކަމަށްވާ މައްކާ ސަރަޙައްދުގެ އަމީރު ޚާލިދުލްފައިސަލް ވިދާޅުވީ މިއަހަރުގެ ޙައްޖުގެ ކަންތައްތައް ނިމިގެންދިޔައީ ރޭވިފައިވާގޮތަށް ވަރަށް ފުރިހަމަކޮށް ކަމުގައެވެ. މައްކާގެ ޙަރަމްފުޅު ބޮޑުކުރުމަށް ސަޢޫދީ ސަރުކާރުން ރާވާފައިވާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށާއި މިމަޝްރޫޢު ނިންމުމަށް 6 އަހަރުގެ މުއްދަތެއް ނަގާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖަމްރާތަކަށް ހިލައުކުމަށްފަހު ޙައްޖުގެ އަޅުކަން ދިގުކޮށް ނިންމާލަންބޭނުންވާ ޙައްޖުވެރިން ގެފުޅުގެ ވަށައިގެން ވަދާޢުގެ ތަވާފް ކުރުމުގެ ކަންތައް މިއަދުވެސް ކުރިޔަށް ގެންދިޔައެވެ. އަދި ޙައްޖުވެރިންގެ ގިނަމީހުން މިހާރު އަޅުކަން މުޅިންފުރިހަަ ކުރުމަށްފަހު ދަނީ މައްކާއިން ފުރުމަށް ތައްޔާރުވަމުންނެވެ.

ދިގުކޮށް ޙައްޖުގެ އަޅުކަން ނިންމާލަން ބޭނުންވާ މީހުން މިއަދު ވަދާޢުގެ ތަވާފްކޮށް ހައްޖުގެ ކަންތައްތައް މުޅިން ނިންމާލާއިރު ޢުޒުރުވެރިންފަދަ ކުރުކޮށް ޙައްޖު ނިންމާލަންބޭނުންވާ މީހުންވަނީ ތަވާފުލްއިފާޟާ ކުރުމަށްފަހު ފާއިތުވެދިޔަ ދެދުވަހުގެ ތެރޭގައި ޙައްޖުގެ އަޅުކަން މުޅިން ނިންމާލާފައެވެ. -- ސަޢޫދީ މީޑިޔާ