09 Nov 2011, 16:51
އިންޑިޔާގައި ހައްޔަރުކުރި މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރޭގައި ހިމެނޭ މީހާ އާއި އިތުރު މީހެއްގެ މައުލޫމާތު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އިންޑިޔާގެ ފުލުސް ނާކޮޓިކްސް ބިއުރޯއިން އަތުލައިގަތް ދިވެހި ދެ މީހުންނަކީ ދަފްތަރު 757 ހުސައިން ފަޔާޒު 57، އާއި އަބްދުﷲ ޒަކަރިއްޔާ ދަފްތަރު 2364 އެވެ.
ޒަކަރިއްޔާގެ އުމުރެއް ނުބުނެ އެވެ. އަދި އިންޑިޔާގެ ޓްރެވިންޑްރަމުން މި ދެމީހުން ހައްޔަރުކުރި ދުވަހެއް ވެސް ފުލުހުން ނުބުނެ އެވެ. މި ދެ މީހުންގެ ތެރެއިން މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރޭ ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ މީހަކީ ފަޔާޒެވެ.
ސްޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހު ވިދާޅުވީ ފަޔާޒާއި އަބްދުﷲ ޒަކަރިއްޔާ އިންޑިޔާގެ ނާކޮޓިކްސް ބިއުރޯއިން އަތުލައިގަތީ އެއް ކިލޯ ހެރޮއިންނާއެކު ކަމަށެވެ. އަދި ވިދާޅުވީ މި ދެ މީހުން އަތުލައިގަތް އޮޕަރޭޝަނަކީ ރާއްޖޭ ބޭރުގައި މިހާތަނަށް ހިންގުނު އެންމެ ކާމިޔާބު އޮޕަރޭޝަން ކަމަށެވެ.
"މިއީ ވަރަށް ގިނަ ދުވަހުގެ އިންޑިޔާގެ ނާކޮޓިކްސް ބިއުރޯ އާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ނަތީޖާ. މިއީ މިހާތަނަށް ބޭރު ގައުމަކާއި ގުޅިގެން ހިންގުނު އެންމެ ކާމިޔާބު އެއް އޮޕަރޭޝަން" ޖިނާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަޔާޒާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ފުލުހުން ހޯދަން ފެށީ އެކިފަހަރު މަތިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި ފަޔާޒްގެ ދައުރެއް އޮތްކަން ފުލުހުންނަށް ކަށަވަރުވި ހިސާބުން ކަމަށެވެ.
~
ޖިނާހު ވިދާޅުވި ގޮތުގައި ޑިސެމްބަރު 6، 2009 ގައި އެއާކާގޯގެ ގޮތުގައި ފަޔާޒް، ތަރުކާރީ ފޮށޑިގަނޑެއްގައި 480 ގްރާމަށް ވުރެގިނަ ހެރޮއިންނާއި އެއް ކިލޯގެ ހޭޝް އޮއިލް ރާއްޖެ ފޮނުވާފަ އެވެ. އަދި އެ އަހަރުތެރޭ ފައިވާން ޖޯޑެއްގެ ތެރޭގައި ވެސް ގިނަ އަދެއްގެ މަސްތުވާތަކެތި އޭނާ ރާއްޖެ ފޮނުވި އެވެ.
އެ ދެ މައްސަލައިގެ މައުލޫމާތު ކުރިން ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
"އޭނާއަކީ [ފަޔާޒަކީ] ބޭސްފަރުވާއަށް [އިންޑިޔާއަށް] ދާ އެކި މީހުންނަށް އޮޅުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވާ މީހެއް. އޭނާ ހައްޔަރުކުރަން ދެހާސް ނުވަ ވަނަ އަހަރު އިންޓަނޭޝަނަލް ވޮރެންޓެއް ވެސް ނެރެފައިވާނެ. އެހާ ހިސާބުން ފެށިގެން އަޅުގަނޑުމެން އިންޑިޔާގެ ނާކޮޓިކްސްއާ ގުޅިގެން މަސައްކަތް ފެށީ." ޖިނާހު ވިދާޅުވިއެވެ.
ފަޔާޒާއެކު އިންޑިޔާއިން އަތުލައިގަތް އަބުދުﷲ ޒަކަރިއްޔާއަކީ ވެސް ނޮވެމްބަރު 8، 2009ގައި ބައި ކިލޯގެ ހޭޝް އޮއިލް ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ފުލުހުން އަތުލައިގަތް މީހެކެވެ. ފުލުހުން ބުނީ އެ މައްސަލައިގައި އޭނާ ދޫކޮށްލާފައި ވަނީ ޑުރަގް ތަހުލީލު ކުރަން ފުލުހުން ބޭނުންކުރި މެޝިނަށް ދިމާވި މައްސަލައަކާ ގުޅިގެން އޭނާގެ ރިޕޯޓުތައް މައްސަލަ ޖެހިގެން ކަމަށެވެ.
"އޭނާ [ޒަކަރިއްޔާ] ހަމަ ދޫކޮށްލި ހިސާބުން އިންޑިޔާއަށް ފުރައިގެން ހިނގައްޖެ. އެއަށްފަހު އޭނާ ވެސް ދިރިއުޅެމުން ގެންދަނީ އިންޑިޔާގައި ކަމަށް މަޢުލޫމާތު ލިބިފައި ވަނީ،" ޖިނާހު ވިދާޅުވި އެވެ.
ފުލުހުން ބުނީ މި ދެ މީހުންނަކީ ޓްރެވެންޑްރަމް ސަރަހައްދުގެ އިންޓަނޭޝަނަލް ޑްރަގް ޓުރެފިކިން ނެޓްވޯކްތަކާއި ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ދެ މީހުން ކަމަށާއި އަދިވެސް އެމީހުން ތިބީ އިންޑިޔާގެ ފުލުހުންގެ ހައްޔަރުގައި ކަމަށެވެ.
ޖިނާހު ވިދާޅުވީ ރާއްޖެއިން ހޯދަން ބޭނުންވާ މަސްތުވާތަކެތީގެ ބޮޑުން ކަމުގައި ބެލުވެނު ހަ މީހުންގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު އަތުނުލެވި ތިބި ދެ މީހުން ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަސްތުވާތަކެތީގެ ބޮޑުން ކަމަށް ބުނެ ފުލުހުން ހައްޔަރު ކުރި އެކެއްގެ މައްޗަށް ވެސް އަދި ޝަރީއަތުގައި ކުށް ސާބިތުވެފައެއް ނުވެ އެވެ.