ނުރައްކާތެރި ކުށްވެރިން ހައްޔަރުކޮށްފައި ބައިތިއްބައިގެން މައްސަލަތައް ތަހުގީގު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހުތަކެއް ހުށަހަޅަން ނިންމައިފި އެވެ.

ރަހީނުކޮށް މަރާލަފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލާގައި މަރާލާފައިވާ މީހުންނާއި ގެއްލުވާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އާންމު ކުރި ރިޕޯޓާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާންމުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ނުރައްކާތެރި ކުއްވެރިން ހައްޔަރު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 މާއްދާގެ (ހ) ގައި ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކުރެވި ފުރަތަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭތާ 30 ދުވަހުގެތޭރެގައި އެމީހެއްގެ މައްޗަށް ދައުވާ އުފުލަންޖެހޭނެ ކަމަށެވެ. އަދި ހަމަ އެމާއްދާގެ (ށ) ގައި ބުނެފައިވަނީ ހައްޔަރުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންގޮސް ދޫކޮށްލާފައި ހުރި މީހެއް ނަމަ 45 ދުވަހުގެ ތެރޭގައި ދައުވާ ކުރަން ޖެހޭނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ މާއްދާތަކަށް ބަދަލުގެންނަން ހުށަހަޅާނެ ކަމަށެވެ. ޓެރަރިޒަމާއި ގުޅޭ ބޮޑު ކަމެއް އަދި ދައުލަތުގެ މަސްލަހަތާ ގުޅޭ ބޮޑު ކަމެއްގައި ހައްޔަރު ކުރެވޭ މީހަކު ތަހުގީގުކޮށް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭނެ ކަން ރިލްވާނު މައްސައިގެ ތަހުގީގު ތެރެއިން ފާހަގަ ވެފައިވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

"މިފަަދަ ބޮޑުކަމެއް ޓެރަރިޒަމާއި ގުޅޭ އަދި ދައުލަތުގެ މަސްލަހަތާއި ގުޅޭ މިފަދަ ބޮޑު ކަމެއްގައި ހައްޔަރުކުރެވޭ މީހަކު ތަހުގީގުކޮށް ނިމި އަދި ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބަހައްޓަން ޖެހޭނެ ހާލަތެއް އަތުވެދާނެ. އެހެންކަމަށްވަންޏާ އެޖާގަ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލިބިދޭން ޖެހޭ." ރައީސް ސޯލިހު ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އިތުރުން ޓެރަރިޒަމްގެ ގާނޫނަށްވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ. އެއީ ޓެރަރިޒަމް ރަނގަޅަށް ތަފްސީލުކޮށް ޓެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތައް ފަސޭހައިން ހައްޔަރުކުރެވޭނެ ގޮތަކަށް ގާނޫނު ބަދަލު ކުރުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ ދެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ޑްރާފްޓްކޮށް ނިންމައި މިއަދު ރައީސް އޮފީހަ ހަމައަށް އަންނާނެ ކަމަށެވެ. އަދި މަޖިލީހަށް ފޮނުވައިގެން ވީހާވެސް އަވަހަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު މިހާރުއޮތް ގޮތުން މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށް އެ ގާނޫނު ބުނާ މުއްދަތުގެ ތެރޭގައި ދައުވާ ނުކުރެވިއްޖެ ނަމަ ދެން އެމީހާގެ މައްޗަށް އެމައްސަލާގައި ދައުވާއެއް ނުކުރެވޭނެ އެވެ.