ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އެހެން ބުނެ ބަޔާނެއް ނެރެފައި މިވަނީ ފުލުހުން އެމަނިކުފާނަށް ފާރަލާ ކަމަށް އެމްއެންޑީއެފްއާ ހަވާލާދީ ރައީސް ނަޝީދު ރޭ ވިދާޅުވެފައި ވަނިކޮށެވެ. އެކަމާ ގުޅިގެން ބަޔާން ނެރުނު ނަމަވެސް ފުލުހުން ރައީސް ނަޝީދަށް ފާރަލާ ކަމެއް އަދި ފާރަނުލާކަމެއް ވެސް ބަޔާނުގައި ސާފުކޮށްދީފައެއް ނުވެ އެވެ.

ފުލުހުން ނެރުނު ކުރު ބަޔާނުގައި ބުނެފައިވަނީ މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެއްވެސް ނުރައްކަލެއް އޮތް ކަމަށް އެ ސާވިސްއަށް ފާހަގަ ކުރެވިިފައި ނުވާ ކަމަށެވެ. އަދި ރައީސް ނަޝީދަށް ނުރައްކަލެއް އޮތް ކަމުގެ މައްސަލައެއް ހުށަހެޅިފައިވެސް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

"އެހެންނަމަވެސް އާއިލާގެ ފަރާތުން ނުވަތަ އެހެން ފަރާތްތަކުންވިޔަސް ސޯޝިއަލް މީޑިއާ ނުވަތަ އެހެންވެސް ގޮތަކަށް ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރާނަމަ އެ މައުލޫމާތު ވަޒަން ކުރުމަށް ފަހު އަޅަންޖެހޭ އެންމެހައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް ދެމެވެ." ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ ގާނޫނީ ގޮތުން ސެކިއުރިޓީ ބެލެހެއްޓުން ގާނޫނީގޮތުން ލާޒިމުކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން އެމްއެންޑީއެފްއާ ވާހަކަ ދައްކަައިގެން ކުރަން ޖެހޭ ކަންކަން ކުރަމުން ގެންދާ ކަމަށެވެ.

ފުލުހުން އެމަނިކުފާނަށް ފާރަލާ ކަމަށް ވިދާޅުވެ، މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަންބޮޑުވުންތަކެއް ދިވެހި ފުލުހުންގެ އިދާރާއަށް ވަނީ އަމާޒު ކުރައްވާފަ އެވެ.

"އަޅުގަނޑަށް އޭގެ ސަބަބުން ކިތަންމެ ނުރައްކަލެއް ދިމާވޭ. އަޅުގަނޑަށް އެކަން ވެސް އެނގޭ. އަދި އަޅުގަނޑު ގާތުގައި އެމްއެންޑީއެފްއިން ބުނި މީގެ ތިން ދުވަސް ރޭ ކުރީގައި އަޅުގަނޑަށް ފުލުހުން ފާރަލައޭ. އެކަން ވެސް ފުލުހުން ކޮށްފާނެ. ނުވަތަ ފުލުސް އޮފީހުން ވެސް ކޮށްފާނެ،" ނަޝީދު ވިދާޅުވި އެވެ.