09 Sep 2019, 12:19
މޯލްޑިވްސް ސްވިމްގެ ފަރާތުން އިންތިޒާމްކޮށް ބާއްވަން ނިންމާފައިވާ އޯޕަން ވޯޓާ ފެތުމުގެ މުބާރާތުގެ ޕާޓްނަރަކަށް ދިރާގުވެއްޖެއެވެ.
ރޭ ބޭއްވި ރަސްމިއްޔާތެއްގައި ދިރާގާއި މޯލްޑިވްސް ސްވިމްއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ.
މޯލްޑިވްސް ސްވިމްއަކީ ރާއްޖޭގައި އޯޕަން ވޯޓާ ފެތުމުގެ ހަރަކާތް ޕްރޮމޯޓުކުރުމަށް ފަށާފައިވާ ހަރަކާތެކެވެ.
އެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ މާކެޓިން މެނޭޖަރު މުހައްމަދު މިރުޝާންއެވެ. އަދި މޯލްޑިވްސް ސްވިމްގެ ފަރާތުން ސޮއިކުރެއްވީ އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ހުސައިން ޝަމީމެވެ.
އެ މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އޮކްޓޫބަރު 12 ވަނަ ދުވަހު ހެނދުނު ހަޔަކުން 11 އަށެވެ.
އެއް ކިލޯ މީޓަރު ފެތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ރަސްފަންނު ސަރަހައްދުން ބްރިޖު ޕްލެޓްފޯމް ސަރަަހައްދަށް ގޮސް އެ ސަރަަހައްދުން އައިޖީއެމްއެޗު ސަރަހައްދަށް ގޮސް ނިންމާ ގޮތަށެވެ. އަދި 500 މީޓަރު ފެތުން ކުރިއަށް ދާނީ ރަސްފަންނު ސަރަހައްދުން ބްރިޖު ޕްލެޓްފޯމް ސަރަަހައްދަށެވެ.
ހަތް ކެޓަގަރީއަކީ ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ފެތުމަށް ހަމަޖެހިފައިވަނީ އެއް ކިލޯމީޓަރާއި 500 މީޓަރަށެވެ. އޭގެ ތެރޭގައި އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ހުޅުވާލައިފައިވާ ކެޓަގަރީއެއްވެސް ހިމެނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް 250 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. މުބާރާތާ ބެހޭ އިތުރު މައުލޫމާތު 7836955 އަށް ގުޅުން ލިބޭނެއެވެ.