ބޮޑު އީދާ ދިމާކޮށް ފ. ނިލަންދޫ ޝަބާބު ޖަމިއްޔާ އިން ފެށި ފުޓްބޯޅަ މުބާރާތުގައި މައްސަލަޖެހި އިއްޔެ އިން ފެށިގެން އެ ރަށުގައި ހަމަނުޖެން ހިންގަމުން އެބަދެ އެވެ.

ފުޓްބޯޅަ މުބާރާތް ރޭވުމުގައި އިސްކޮށް އުޅޭ ޝުއައިބު އިސްމާއީލް ބުނީ އިއްޔެ ހަވީރު މުބާރާތް ފެށުމާ އެކު މެޗްތައް ކުރިޔަށް ނުގެންދެވި ހުއްޓާލަން ޖެހުނީ އެ މުބާރާތުން ޑިސްކޮލިފައި ކުރި ދެ ޓީމަކަށް ނިސްބަތްވާ މީހުން ހަމަނުޖެހުން ހިންގަން ފެށުމުން ކަމަށާއި އޭގެ ފަހުން މެދުނުކެނޑި ރަށު ތެރޭގައި ތަފާތު ހަމަނުޖެހުންތައް ހިނގަމުންދާ ކަމަށެވެ.

އެ ރަށުން މައުލޫމާތު ދިން މީހުން ބުނި ގޮތުގައި ކޮންމެ ބޮޑު އީދެއްގައި އޮންނަ ފުޓްބޯޅަ މުބާރާތް "ފަނި"ވެ ރަށުގެ ތެރޭގައި މުޒާހަރާކޮށް ހަޅޭއް ލަވަމުންދާ ކަމަށާއި ގާތްގަނޑަކަށް 1800 އެއްހާ މީހުން އުޅޭ ރަށުގައި އެކަން އާންމު އުނދަގުލަކަށް ވެފައިވާ ކަމަށެވެ. ނަމަވެސް މީހުންނަށް އަނިޔާކޮށް ތަކެއްޗަށް ގެއްލުން ނުދޭ ކަމަށް ވެސް ބުންޏެވެ.

"މުބާރާތުން ޑިސްކޮލިފައި ކުރި ދެ ޓީމަށް ނިސްބަތްވާ މީހުން މުބާރާތް ކުރިޔަށް ގެންދިޔަ ނުދީ ހަމަނުޖެހުންހުން ހިންގަން ފެށުމުން އެހެން ޓީމްތައް ވެސް އެމީހުންނާ ދެކޮޅަށް ނުކުމެ ހަމަނުޖެހުން ހިންގަން ފެށީ. އޭގެ ސަބަބުން ބޮޑު އީދުގެ އުފާތައް ވަނީ ހަމަނުޖެހުން ގަނޑަކަށް ބަދަލުވެފައި. މުޅި ރަށުގައި އޮތީ އެކަން،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެ ރަށުގެ އެހެން މީހަކު ބުނީ ރެ އާއި މިއަދު ވެސް ނިލަންދޫގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށާއި އޭގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ، ޝަކުވާ ބޮޑުވެފައިވާ ކަމަށެވެ.

ނިލަންދޫ ކައުންސިލުގެ ރައީސް އަބްދުލް ޖަލީލު އަހުމަދު ވިދާޅުވީ ރަށުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވައި ދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް މިހާތަނަށް ފުލުހުން އެކަން ކޮށްދީފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ "ފުލުހުންނަށް ކަމެއް ކޮށްދެވޭނީ މަތިން އޯޑަރު އައުމުން" ކަމަށް ބުނެފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ފުލުހުން އަބަދު ވެސް އަމުލުކުރަނީ "މަތިން އަންނަ އޯޑަރަށް" ކަމަށެވެ. އަދި ނިލަންދޫގެ ހަމަނުޖެހުންތައް ހުއްޓުވައިދޭން ފުލުހުން މަސައްކަތް ނުކުރާ ކަމަށް ރަށު ކައުންސިލުން ބުނާ ބުނުންތައް ޝިޔާމް ވަނީ ދޮގުކޮށްފަ އެވެ. ވިދާޅުވީ ދެ ފަރާތުގެ މެދުގައި ވާހަކަ ދައްކައި ސުލްހަވެރިކަމާ އެކު މައްސަލަ ހައްލުކުރަން ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝަބާބު ފުޓްބޯޅަ މުބާރާތުގެ ކުޅުން ހުއްޓިފައިވާ އިރު މުބާރާތް ކުރިޔަށް ގެންދިއުމަށް ވުރެ ބޮޑަށް ރަށުތެރޭގައި އޮތީ އެއްބަޔަކު އަނެއް ބަޔަކަށް ޖެއްސުން ކުރުމާއި ހޯބޯލެވުމުގެ ފޯރި އެވެ.

ނިލަންދޫ ފުޓްބޯޅަ މުބާރާތުގައި މައްސަލަ ޖެހިފައިވާ އިރު، ފުވައްމުލަކުގައި ކުރިޔަށް ދިޔަ ޒަމާނީ ބަށި މުބާރާތް ވެސް އިއްޔެ ނިންމައިލީ ބޮޑު މާރާމާރީއަކަށް ބަދަލުވެ، މީހަކަށް އަނިޔާވެ އެކަކު ފުލުހުންގެ ހައްޔަރަށް ގެންގޮސްގެނެވެ.