ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމެއް ގާއިމު ކުރެވި ސިޔާސީ ޕާޓީތައް ރަޖިސްޓްރީ ކުރެވެން ފެށި ފަހުން މިވަނީ ސާދަ ވަރަކަށް ޕާޓީ ރަޖިސްޓްރީ ކޮށްފައެވެ. މީގެ ތެރެއިން ގިނަ ޕާޓީތަކަކީ ސިޔާސީ ގޮތުން މާ ގިނަ ހަރަކާތްތަކެއް ހިންގާ ޕާޓީތަކެއް ނޫނެވެ. ސިޔާސީ ދާއިރާގައި އިންތިހާބު ކުރެވޭ މަގާމުތަކުގައި ޕާޓީ ތަމްސީލު ކުރުމުގެ ފުރުސަތު ވެސް މާ ގިނަ ޕާޓީއަކަށް ލިބިފައެއް ނުވެއެވެ. މިކަމަކީ ރައްޔިތުން މި ޕާޓީތައް ބަލައިގަންނަ މިންވަރު ދައްކައިދޭ ކަމެކެވެ.

ސިޔާސީ ޕާޓީތައް ހިންގުމަށް ރައްޔިތުންގެ ބައިތުލްމާލުން ހަރަދު ކުރެވެއެވެ. އެހެން ކަމުން ސިޔާސީ ޕާޓީތައް ހިންގަނީ އެ ފައިސާ ހަލާލުވާނެ ފަދަ ގޮތަކަށްތޯ ބަލަން ޖެހެއެވެ. ރައްޔިތުންގެ ބައިތުލްމާލުން ސިޔާސީ ޕާޓީތަކަށް ފައިސާ ދެނީ ރައްޔިތުންނަށް ލާބަ އާއި ފައިދާ ހުރި ކަންތައް ކުރުމަށެވެ. އެހެން ކަމުން ރައްޔިތުންނަށް ލާބަ އާއި މަންފާ ހުރި ހަރަކާތްތައް ނުހިންގޭ ކަމުގައި ވާ ނަމަ އެ ފަދަ ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ބައިތުލްމާލުން ފައިސާ ދިނުމަކީ ހަމަ ކަމެއް ނޫން ކަމަށް ގަބޫލުކުރެވެއެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ދެ ބަޔަކަށް ބަހައިލެވެއެވެ. އެއް ބަޔަކީ ހުރިހާ ޕާޓީއަކަށް ހަމަހަމަކޮށް، އެއްވަރަކަށް ދޭ ބަޔެވެ. ދެ ވަނަ ބަޔަކީ ޕާޓީގައި މެންބަރުން ތިބި އަދަދުގެ ނިސްބަތުން ދޭ ބަޔެވެ. ހުރިހާ ޕާޓީއަކަށް ހަމަހަމަކޮށް ލިބޭ އަދަދަކީ ވެސް ކުޑަ އަދަދެއް ނޫނެވެ. ކަން މިހެން ހުރުމާ އެކު ވެސް، ބައެއް ޕާޓީތަކަށް ސިޔާސީ ހަރަކާތްތަކެއް ނުހިންގޭ އިރު، ގާނޫނީ ގޮތުން ލާޒިމު ކުރާ އެހެން ކަންތައްތައް ވެސް ބަރާބަރަކަށް ނުކުރެވެއެވެ. މިސާލަކަށް ޕާޓީގެ އަހަރީ ރިޕޯޓާއި އާމްދަނީ އާއި ހަރަދުގެ ތަފްސީލު ފަދަ މައުލޫމާތުތައް ވެސް ކަމާ ބެހޭ ފަރާތަށް ގަވައިދުން ފޯރުކޮށެއް ނުދެވެއެވެ.

ކަން ހުރީ މިހެން ކަމުގައި ވާއިރު ސިޔާސީ ޕާޓީއެއްގެ މަގުސަދު ހާސިލު ނުވާ ޕާޓީތައް ޖެހޭނީ އުވާލާށެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުން ކުރަން ޖެހޭ ކަންތައްތައް ނުކުރާ ޕާޓީތަކާއި، ކަނޑައެޅިގެން މުޖުތަމައުގައި ފަސާދަ އާއި ހަމަ ނުޖެހުން އުފައްދައި އެފަދަ ކަންކަން ފަތުރަން މަސައްކަތް ކުރާ ޕާޓީތައް ވެސް ގާނޫނީ ގޮތުން އުވާލެވެން ޖެހޭނެއެވެ. ނަސްލީ ގޮތުން ވަކި ބަޔަކާ ދިމާކޮށްލައިގެން އުޅޭ ޕާޓީތަކާއި މުޖުތަމައުގެ ފަސާދައަށް ފައުޅުގައި ޕާޓީގެ ގުނަންތަކުން ގޮވާލާ ޕާޓީތައް އުވާލުމަކީ އެހެން ގައުމުތަކުގައި ވެސް އަމަލު ކުރަމުންދާ އުސޫލެކެވެ.

ދެން އޮތީ ޕާޓީގެ މެންބަރުންގެ މައްސަލައެވެ. ބައެއް ޕާޓީތަކުގެ މެންބަރުންގެ އަދަދު ހާހުން ދަށަށް ދާ އިރު ވެސް އެ ޕާޓީތައް ސިޔާސީ ޕާޓީތަކުގެ ގޮތުގައި ބަލައިގަންނަން ޖެހޭތޯއެވެ؟ ޕާޓީ ރަޖިސްޓްރީ ކުރާ އިރު 3000 މީހުންގެ ސޮއި ހޯދަން ޖެހެއެވެ. ޕާޓީ ރަޖިސްޓްރީ ކުރެވެނީ 3000 މީހުން، މެންބަރުންގެ ގޮތުގައި ސޮއި ކޮށްގެން ކަމުގައި ވިޔަސް އަބަދަކު އެ އަދަދު އެއް މިންވަރެއްގައި ނުހިފެހެއްޓޭނެ ކަމީ ކަށަވަރު ކަމެކެވެ. ބައެއް ފަހަރު މެންބަރުންގެ އަދަދު މި އަދަދަށް ވުރެ އިތުރު ވާނެއެވެ. އަނެއް ބައި ފަހަރު މި އަދަދަށް ވުރެ މަދު ވެސް ވެދާނެއެވެ. އެހެންކަމާއެކު ޕާޓީއެއްގެ މެންބަރުންގެ އަދަދު 2999 އަށް ވެއްޓޭ ހިސާބުން ޕާޓީ އުވާލުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

އެހެން ނަމަވެސް ޕާޓީގެ މެންބަރުން ވަކިވަރަކަށް ވުރެ މަދުވެއްޖެ ނަމަ ޕާޓީ އުވާލެވެން ވެސް ޖެހޭނެއެވެ. ސުވާލަކީ އެ އަދަދު ކަނޑައަޅާނީ ކިހިނެއްތޯއެވެ؟ ގާނޫނީ އޮނިގަނޑުގެ ތެރެއިން ބަލާއިރު، މި އަދަދު ފެންނަން އޮތް ކަމަށް ގަބޫލު ކުރެވެއެވެ. އެހެނީ އަމިއްލަ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލާ މީހަކު 1500 މީހުންގެ ސޮއި ހޯދަން ޖެހޭކަން ގާނޫނީ ގޮތުން ވަނީ ކަނޑައެޅިފައެވެ. ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓަކު މި ސޮއި ހޯދާކަށް ނުޖެހެއެވެ. އެހެންކަމުން ސިޔާސީ ޕާޓީއެއްގެ މެންބަރުންގެ އަދަދު 1500 އަށް ވުރެ ދަށް ކަމުގައިވާ ނަމަ، ކަމުގެ ރޫހަށް ބަލާއިރު މައްސަލައެއް އެބަ އޮތް ކަމަށް ފާހަގަ ކުރެވެއެވެ.

އަމިއްލަ ގޮތުން ކުރިމަތިލާ މީހާ 1500 ސޮއި ހޯދަން ޖެހޭއިރު، މި އަދަދަށް މީހުން ހަމަ ނުވާ ސިޔާސީ ޕާޓީއަކުން ނުކުންނަ ކެންޑިޑޭޓަށް ފުރުސަތު ލިބޭ ނަމަ، އެކަމަކީ އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓުންގެ ނިސްބަތުގައި ބަލާ އިރު އިންސާފުން ކުރެވޭ ކަމެއް ނޫނެވެ. އެހެން ކަމުން ސިޔާސީ ޕާޓީއެއްގެ މެންބަރުންގެ އަދަދު 1500 އަށް ވުރެ މަދުވާ ހިސާބުން ޕާޓީ އުވާލަން ޖެހޭކަމަށް ގަބޫލުކުރެވެއެވެ.

މެންބަރުންގެ އަދަދު 3000 އަށް ވުރެ މަދުވާން ފެށުމުން، ޕާޓީތަކުގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެފައިވާ އިދާރާ ނުވަތަ އިލެކްޝަން ކޮމިޝަނުން ޕާޓީއަށް އެކަން އަންގާނީއެވެ. އަދި 2500 އަށް ވުރެ މަދުވީމާ ވެސް އެކަމަށް ސަމާލުވުމަށް އަންގާނީއެވެ. އަދި 2000 އަށް ވުރެ މަދުވީމާ ވެސް އިތުރަށް ސަމާލުވެ ފިޔަވަޅު އެޅުމަށް އަންގާނީއެވެ. އެއަށް ފަހު ގޮސް މެންބަރުންގެ އަދަދު 1500 އަށް ވުރެ މަދުވުމުން ޕާޓީ އުވާލާނީއެވެ.
ދިވެހިރާއްޖޭގައި ހުރި ސިޔާސީ ޕާޓީތަކަކީ ހަރުދަނާ، އަދި ރައްޔިތުންގެ ތާއީދު އޮތް ޕާޓީތަކެއްގެ ގޮތުގައި އޮންނާނީ މި ފަދަ އުސޫލަކުން ކަންތައް ކުރެވިގެން ކަމަށް ގަބޫލުކުރެވެއެވެ.