16 Jun 2010, 07:17
10:00
ދެކުނު އެފްރިކާގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގެ ދެވަނަ މެޗްގައި އުތުރު ކޮރެޔާ ބައްދަލުކުރި މެޗް ދޭއް އެކަކުން ބްރެޒިލް ކާމިޔާބުކޮށްފި އެވެ.
ރޭގެ މެޗުގައި ބްރެޒިލްގެ ފުރަތަމަ ލަނޑު ޖަހައިދީފައި ވަނީ 55 ވަނަ މިނެޓްގައި މައިކަން އެވެ. ބްރެޒިލްގެ ލީޑް ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދީފައި ވަނީ 72 ވަނަ މިނެޓްގައި އެލާނޯ އެވެ. އުތުރު ކޮރެޔާގެ ލަނޑު ޖަހަފައި ވަނީ މެޗްގެ އިތުރު ވަގުތުގެ ފަހު މިނެޓްގެ ތެރޭގައި ޖޭ ޔުން ނާމެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބްރެޒިލްގެ ފުރަތަމަ ލަނޑު ޓީމަށް ކާމިޔާބުކޮށްދިން މައިކަނެވެ.
އިއްޔެ ކުޅުނު ގްރޫޕް ޖީގެ ފުރަތަމަ މެޗުގައި ޕޯޗުގަލް އާއި އައިވަރީ ކޯސްޓް ބައްދަލުކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިފަހަރުގެ ވޯލްޑްކަޕްގައި ''ގްރޫޕް އޮފް ޑެތް'' ގެ ގޮތުގައި ހިމެނިފައިވާ ގްރޫޕް ޖީގެ މި މެޗްގައި ފެނިގެންދިޔައީ ގިނަ ބަޔަކު ހީކުރި ގޮތާ ޚިލާފަށް އާދައިގެ ކުޅުމެކެވެ. މި މެޗްގައި ފޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށާއި ޕޯޗްގަލްގެ ދެ ކުޅުންތެރިއަކަށް ވަނީ ރީދޫ ކާޑު ދައްކައިފަ އެވެ. ޗެލްސީއަށް ކުޅޭ މަޝްހޫރު ފުޓްބޯޅަ ތަރި ޑިޑިއޭ ޑްރޮގްބާގެ ކުޅުން ފެނިގެން ދިޔައީ މެޗްގެ ދެވަނަ ހާފްގަ އެވެ.
އިއްޔެގެ ފުރަތަމަ މެޗްގައި ނިއުޒިލެންޑާ ސްލޮވާކިޔާ ބައްދަލުކުރި މެޗް ނިމުނީ އެކެއް އެކަކުން ދެޓީމް އެއްވަރުވެގެންނެވެ. ސްލަވާކިޔާއިން މެޗްގެ ލީޑް ނަގާފައި ވަނިކޮށް ނިއުޒިލެންޑުން ނަތީޖާ ހަމަހަމަކުރި ލަނޑު ޖަހާފައި ވަނީ އިތުރު ވަގުތުގެ ފަހު މިނެޓްގަ އެވެ. މިއީ މި ދެ ޓީމަށް ވެސް ވޯލްޑްކަޕްގެ ތާރީޚްގައި ލިބުނު ފުރަތަމަ ޕޮއިންޓެވެ.
ގްރޫޕް އެފްގައި ހިމެނޭ ކޮންމެ ޓީމެއް ވެސް މިހާތަނަށް އެއްމެޗް ކުޅެފައިވާއިރު ގްރޫޕްގެ ހުރިހާ ޓީމެއް ވެސް ވަނީ ޕޮއިންޓްގެ ގޮތުންނާއި ލަނޑުގެ ގޮތުން އެއްވަރުވެފަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އިޓަލީ އާއި ޕެރަގުއޭ އެވެ. މި ދެ ޓީމު ބައްދަލުކުރި މެޗް ވެސް ނިމިފައި ވަނީ އެކެއް އެކަކުން އެއްވަރުވެގެންނެވެ.