08 Sep 2019, 23:58
ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު "ތިބާ ސައިކޮލޮޖީ" ކުލިނިކް ރަސްމީގޮތުން މިރޭ ހުޅުއްވައިދެއްވައިފި އެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާދޭން ހާއްސަކޮށް ހުޅުވި މި ކްލިނިކް ހުންނަނީ، މާފަންނު ފްލެމިންގޯ ގޭގަ އެވެ.
މި ކްލިނިކު ރަސްމީގޮތުން ހުޅުއްވައިދެއްވުމަށް ފަހު ފަސްޓް ލޭޑީ، ފަޒްނާ ވިދާޅުވީ، ނަފްސާނީ ބަލިތަކާ ގުޅޭ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

ފަސްޓް ލޭޑީ، ފަޒްނާ "ތިބާ" ކްލިނިކް ހުޅުއްވައިދެއްވުން: މިއީ ނަފްސާނީ ބަލިތަކަށް ފަރުވާދޭން ހާއްސަ ކްލިނިކްއެއް -- ފޮޓޯ/ ރައީސް އޮފީސް
ނަފްސާނީ ބަލިތައް ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ފަރުވާދިނުމަށް ހަރަކާތްތެރިވާ ފަރާތްތައް މުޖުތަމައުގައި އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި އެއީ އުފާކުރައްވާ ކުރިއެރުމެއްކަަމަށް ވިދާޅުވި އެވެ. އަދި ތިބާ ކްލިނިކްގެ އެންމެހާ ފަރާތްތަކަށް މަރުހަބާ ވިދާޅުވަމުން ފަސްޓް ލޭޑީ ވަނީ އެ ކްލިނިކްގެ ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.

"ތިބާ" ކްލިނިކް ފަސްޓް ލޭޑީ ބައްލަވާ ލައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
ކްލިނިކް ހުޅުއްވައި ދެއްވުމަށް ފަހު ފަޒްނާ ވަނީ، ކްލިނިކްގެ ވެބްސައިޓުވެސް އިފްތިތާހު ކޮށްދެއްވާފަ އެވެ. އަދި އެކަމަނާ ވަނީ ކްލިނިކުގައި ފަރުވާދިނުމަށް ގާއިމުކޮށްފައިވާ ތަންތަން ބައްލަވާލައްވާފަ އެވެ.