މިއަދު ހަވީރުން ފެށިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ހަތަރު އަވަށުން ކަރަންޓު ކެނޑިފައި ވާތީ، އެ މައްސަލަ ހައްލު ކުރުމަށް ފެނަކައިގެ ޓީމުން ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ކަރަންޓް ކެނޑިފައި ވަނީ ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ އަދި ހިތަދޫއިން އެވެ. އަދި އެއާޕޯޓް އޮންނަ ގަމުގެ މުހިންމު ތަންތަނުގައި ކަރަންޓް އެބަ ހުއްޓެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސައީދު މުހައްމަދު "ސަން" އަށް ވިދާޅުވީ ޖެހިގެން އުޅެނީ ކޮން މައްސަލައެއް ކަން އަދި ބުނަން ނޭނގޭ ކަމަށާއި، ނަމަވެސް އިންޖީނުތަކަށް މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ.

"ބޮޑަށް ބެލެވެނީ ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހެން. ސީދާ ފޯލްޓެއް އަދި ނޭނގޭ. އަޅުގަނޑުމެން މި އަންނަނީ ވީހާވެސް އަވަހަކަށް މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން،" ސައީދު ވިދާޅުވި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑެން ފެށީ މިއަދު ހަވީރު 5:00 އެހާކަންހާއިރު އެވެ. އަދި ދޭތެރެއަކުން ކަރަންޓު ލިބިފައި އަނެއްކާ ވެސް ކެނޑެނީ ކަމަށް އައްޑޫ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ސައީދު ވިދާޅުވީ މިހާރު ދެތިން ފަހަރެއްގެ މަތިން ކަރަންޓު ދީފައިވާ ކަމަށާއި، ނަމަވެސް އިރުކޮޅެއް ކޮށްފައި އަނެއްކާވެސް ދަނީ ކަމަށެވެ.

ޖެހިގެން އުޅޭ މައްސަލަ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދެވޭނެ ސީދާ އިރެއް ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަކީ ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. އެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް މި އަހަރު 1.2 މެގަވޯޓާއި 800 ކިލޯ ވޯޓުގެ ދެ ޖަނަރޭޓަރު ސެޓް ވަނީ ފޮނުވާފަ އެވެ.