08 Sep 2019, 22:31
ނ. ވެލިދޫގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ، މުހައްމަދު ހަލީމް ފައުންޑޭޝަން (އެމްއެޗް) ގެ ހާއްސަ ދައުވަތަކަށް ބަނޑޮސް އައިލެންޑް ރިޒޯޓްގެ ވޮލީޓީމުން އެ ރަށުގައި ތިން ދުވަހުގެ ތަމްރީނު ކޭމްޕެއް ހިންގައިފި އެވެ.
ވެލިދޫގައި ހަދާފައިވާ ވޮލީ ކޯޓަކީ އެންމެ ޒަމާނީ ފެންވަރަށް އެމްއެޗްގެ ހަރަދުގައި މިދިޔަ އަހަރު ހަދާފައިވާ ކޯޓެކެވެ.
ބަނޑޮސް ޓީމް ވެލިދޫ އަށް އައިސްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އެ ޓީމު ވެލިދުއަށް އައުމުން އެމްއެޗްގެ ފަރާތުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފަ އެވެ.
ތިންދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ވޮލީ ކޭމްޕްގައި ވެލިދޫ ވޮލީޓީމާ އެކު އެކުވެރިކަމުގެ ވޮލީ މެޗެއް ވަނީ ބަޑޮސް ޓީމުން ކުޅެފަ އެވެ. މި މެޗުގައި ވާދަވެރި ކުޅުމެއް ފެނުން ނަމަވެސް ތިން ސެޓުން މެޗު ކާމިޔާބު ކޮށްފައި ވަނީ ބަނޑޮސް ވޮލީ ޓީމެވެ.
ބަނޑޮސް އަދި ގައުމީ ވޮލީ ޓީމްގެ ކޯޗު މުހައްމަދު ސާޖިދު ބުނީ އެމްއެޗްގެ ފަރާތުން ވެލިދޫ ހަދާފައިވާ ވޮލީ ކޯޓަކީ އަތޮޅު ތެރޭގެ ފެންވަރުގައި އަޅާފައިވާ ވަރަށް ފުރިހަމަ ކޯޓެއް ކަމަށާއި މިއީ މެޗްތައް ކުޅެން ފުރިހަމަ ވަސީލަތް ހުރި ކޯޓެއް ކަމަށެވެ. ސާޖިދު އިތުރަށް ބުނީ މިފަދަ ކޯޓެއްގެ ސަބަބުން، މުސްތަގުބަލުގައި ވެލިދޫއިން ގިނަ ވޮލީ ކުޅުންތެރިން އުފެދިގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެމްއެޗްގެ ވޮލީ ކޯޓްގައި ބަނޑޮސް އައިލެންޑް ރިޒޯޓްގެ ވޮލީޓީމުން ހިންގި ތަމްރީން ކޭމްޕް -- ފޮޓޯ/ އެމްއެޗް
"އަޅުގަނޑަށް އެންމެ ފުރަތަމަ މި ކޯޓް ފެނުނީ ވެސް ސޯޝަލް މީޑިއާއިން. އެމްއެޗްގެ އެހީގައި އަޅާފައި މިއޮތީ މިއީ ހަމަ ވަރަށް ފުރިހަމަ ކޯޓެއް. މި ކަހަލަ ކޯޓެއް ރަށެއްގައި ހެދުމުގެ ހަގީގީ ފައިދާ ނިކުންނާނީ ރަށު ފެންވަރުގައި އެކި މުބާރާތްތައް ބާއްވައިގެން،" ސާޖިދު ބުންޏެވެ.
އެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ، ގައުމީ ފެންވަރުގެ މުބާރާތްތައް ވެލިދޫ ވޮލީކޯޓްގައި ބޭއްވުމަކީ އަމާޒެއް ކަމަށާއި އެކަމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި ވެލިދޫގެ ވޮލީޓީމް ވެސް ގައުމީ ފެންވަރުގައި ވާދަކުރެވޭ ފެންވަރުގެ ޓީމަކަށް ހެދުމަށް ވެސް އެމްއެޗުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެމްއެޗުން ހަދިޔާކޮށްފައިވާ މި ވޮލީކޯޓްގެ އިތުރުން ރަޖިސްޓްރީކޮށްގެން ހިންގާ މި ޖަމްއިއްޔާއިން މިހާރު އަންނަނީ، ވެލިދޫ ނަހުޒާ ޕްރީސްކޫލްގެ ކްލާސްތައް އެއްވެސް ފީއެއް ނުނަގާ ހިލޭ ސާބަހަށް ހިންގަމުން އެވެ.

އެމްއެޗްއިން ވެލިދޫގައި ހަދައިދީފައިވާ ވޮލީކޯޓް -- ފޮޓޯ/ އެމްއެޗް
މީގެ އިތުރުން ވެލިދޫގައި އީދު ފާހަގަ ކުރުމާއި އަތޮޅުގެ ބައެއް ރަށްރަށުގައި ގުރުއާން މުބާރާތްތަކާއި އެހެން ވެސް ޒުވާނުންނާ ގުޅުން ހުރި އިޖުތިމާއީ އެކި ހަރަކާތްތަކަށް އެ ފައުންޑޭޝަނުން އަންނަނީ އެހީވަމުން އެވެ.