ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މާރާމާރީ ހިންގައި މީހަކަށް އަނިޔާކުރި މައްސަލައިގައި ސަސްޕެންޑް ކުރި ހަތް ފުލުހުންގެ ސަސްޕެންޝަން މުއްދަތު ހަމަވެފައިވާ ކަމަށާއި ނަމަވެސް އެމީހުން ވަޒީފާއަށް ނެރެފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ބުނީ ފުލުހުންގެ ގަވާއިދުތައް ބުނާގޮތުން މި މައްސަލައިގައި ގޮތް ނިންމަން ޖެހޭ، އެންމެ ފަހު ދުވަހަކީ މި މަހުގެ 12 ވަނަ ދުވަސް ކަމަށެވެ.

އަދި އެ ހުރިހާ ފުލުހުންނާ މެދު ދައުވާ ކުރުމަށް ޕީޖީއާ އެކު މަޝްވަރާކުރުމުގެ މަރުހަލާ، ޑިއުޓީ ޕްރޮސިކިއުޝަން މިއަދު ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ނަމަވެސް މިއީ އަދި ޕީޖީ އަށް ފޮނުވުމުގެ ފުރަތަމަ މަރުހަލާ،" ފުލުހުން ބުންޏެވެ.

ޖުލައި މަހު ހިންގި އޮޕަރޭޝަނެއްގައި މ.އުޖާލާގެ ފުލުހުން ބަަލައި ފާސްކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. އަދި ބަލާ ފާސްކޮށް އެގޭތެރެއިން 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތެރެއިން ބަޔަކު އަނިޔާ ކުރީ އެ ބިދޭސީ މީހާއަށެވެ. އެކަން ފަޅާ އެރީ ފުލުހުން އެ އަމަލު ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުން އެވެ. އަދި އެކަން ކުރި ފުލުހުން ވަނީ އެ ވީޑިއޯ ކުރި ކަމަށް ތުުމަތުވާ ބަޔަކު ދިރިއުޅޭ ގެއަކަށް ވަދެ، ބިރުވެސް ދައްކައިފަ އެވެ.

އެ އޮޕަރޭޝަނުގައި 28 އަހަރުގެ ދިވެހި ފިރިހެނަކުވެސް ހައްޔަރު ކުރި އެވެ. އަދި އެގެއިން 461 ގްރާމް މަސްތުވާތަކެތި ހޯދި ކަމަށް ފުލުހުން ބުންޏެވެ.