ވާމިލިއަން ކުންފުނިން ތިން އަތޮޅަކަށް ދިން ފެރީގެ ހިދުމަތް ހުއްޓާލީ އެއްބަސްވުމާ ހިލާފަށް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާތީ، އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ދީފައިވާ ރަށްތަކާ މެދު ގޮތެއް ނިންމުމަށް ޓޫރިޒަމް މިނިސްޓްރީއާ މަޝްވަރާ ކުރަން ޓްރާންސްޕޯޓު މިނިސްޓްރީން ނިންމައިފި އެވެ.

ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްގެ ވާމިލިއަން ކުންފުނިން ފެރީގެ ހިދުމަތް ދެމުން ގެންދިޔައީ ފ، މ، އަދި ދ. އަތޮޅަށެވެ. ނަމަވެސް މިދިޔަ ރޯދަ މަހުގެ ތެރޭގައި ވަކި ސަބަބެއް ވެސް ނާނގާ ވާމިލިއަން ކުންފުނިން ވަނީ ފެރީގެ ހިދުމަތް ހުއްޓާލައިފަ އެވެ.

ތިން އަތޮޅަށް ފެރީގެ ހިދުމަތް ދިނުމުގެ ބަދަލެއްގެ ގޮތުން ޓުއަރިޒަމް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ރިސޯޓު ހެދުމަށް ދެ ރަށް ވެސް ދޫކޮށްފަ އެވެ. އެއީ ދ. ވޮއްމުލީގައި ހިންގާ ސެއިންޓް ރީޖިސް އާއި ދޫރެސްގައި ހިންގާ އާވީ ރިސޯޓެވެ.

މިއަދު ޓްރާންސްޕޯޓު މިނިސްޓްރީން މީޑިއާ އާއެކު ބޭއްވި "ނުވަގަޑި" ޕްރޮގްރާމުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް ވިދާޅުވީ ވާމިލިއަން ކުންފުނިން އެއްބަސްވުން އުވާލުމާ ގުޅޭގޮތުން އޭޖީ ދިން ލަފަޔާ ގުޅިގެން އަންނަ ހަފްތާގައި ޓުއަރިޒަމް މިނިސްޓްރީއާ ބައްދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީއާ ބައްދަލު ކުރަނީ ވާމިލިއަން ކުންފުންޏަށް ދޫކުރި ރަށްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ.

ވާމިލިއަން ކުންފުނިން ފެރީގެ ހިދުމަތް ހުއްޓާލުމުން، މިހާރު އެ އަތޮޅުތަކަށް ފެރީގެ ހިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.