އިސްލާމީ ޝިޔާރުތަކާއި ހިލާފަށް ބަހައްޓާފައި ހުރި ތަކެތި ވަގުތުން ނަގާ ސާފުކުރުމަށް އިދިކޮޅު ފަސް ޕާޓީން ސަރުކާރަށް އިންޒާރުކޮށްފި.

އިސްލާމީ ޝިޔާރުތަކާއި ޙިލާފަށް ހުޅުލޭގައި ހަރުކޮށްފައިވާ ބެނާތަކާއި އައްޑޫ ސިޓީގައި ބަހައްޓާފައި ހުރި ބުދުފަދަ ތަކެތި ވަގުތުން ނަގާ އެތަންތަން މިހާރުން މިހާރަށް ސާފުކުރަން އިދިކޮޅު ފަސް ޕާޓީން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

ޕީޕީއެމާއި ޑީއާރްޕީ އާއި އަދާލަތާއި ގައުމީ ޕާޓީއާއި ޖުމްހޫރީ ޕާޓީ ގުޅިގެން މިއަދު އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީތަކުން ބުނެފައިވަނީ ސާކް ސަމިޓާއި ގުޅިގެން ކަމަށް ބުނެ ހުޅުލޭ އާއި އައްޑޫ ސިޓީގައި ބަހައްޓާފައިފަހު އިސްލާމް ދީނާ ހިލާފު ހުރިހާ އެއްޗެއް މިހާރުން މިހާރަށް ނަގާ އެތަންތަން ސާފު ނުކޮށްފިނަމަ ރައްޔިތުން ނުކުމެ ނަގަން ޖެހިދާނެ ކަމަށެވެ.

އިދިކޮޅު ޕާޓީތަކުން ބުނީ މިއީ ސާކް ސަމިޓްގެ ދުވަސްވަރު ކަމަށް ވިޔަސް މިކަމުގައި ރައްޔިތުންގެ އެދުންތައް ބޮލާލާޖަހައި ސަރުކާރުން ހަރުކަށިކަން ދައްކާނަމަ މަގުމައްޗަށް ނުކުންނަން ފަސް ނުޖެހޭނެ ކަމަށެވެ.

އަދާލަތުގެ ޕާޓީގެ ރައީސް އިމުރާން އަބުދުﷲ ވިދާޅުވީ މި މައްސަލައަކީ ވަރަށް ހައްސާސީ މައްސަލައެއް ކަމަށާއި މިއީ ސާކް ސަމިޓުގެ މަގުސަދާ ގުޅުމެއްނެތް، ވަރަށް މަކަރުވެރިކަމާއެކު ސަރުކާރުން ކޮށްފައިވާ ލާދީނީ، ނުރައްކާތެރި ކަންތައްތަކެއް ރާއްޖޭގައި ހިންގުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށެވެ.

"ވަރަށް މަކަރުވެރި ގޮތެއްގައި މަކަރުވެރި ރޭވުމެއްގެ ދަށުން މިހާރު އެވަނީ ސަރުކާރުން ލާދީނީ މަސައްކަތްތަކެއް ފަށާފައި. ގައުމީ ދީނީ މައްސަލަތަކުގައި އަޅުގަނޑުމެން ޕާޓީތަކުން އެއްގަލަކަށް އަރައިގެން ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރަން ތައްޔާރަށް ތިބިކަން ރައްޔިތުންނށް ހަމަކޮށްދޭން ބޭނުން،" އިމުރާން ވިދާޅުވި އެވެ.

ޕީޕީއެމްގެ ވަގުތީ ނައިބް ރައީސް އުމަރު ނަސީރު ވިދާޅުވީ ސާކް ސަމިޓްގެ ތެރެއިން ލާދީނީ ފިކުރުތައް ރާއްޖޭގައި ތައާރަފުކުރަން ސަރުކާރުން ދުރާލާއި ރާވައި ބުދު ބެހެއްޓުމާއި އެހެން ދީންތަކުގެ ޝިއާރު ފާޅުކުރާ ބެނާ ބެހެއްޓި ބެހެއްޓުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"އެހެން ދީންތަކަށް ޕްރޮމޯޓުކުރަން ކުރާ މަސައްކަތްތަކީ އެއްގޮތަކަށް ވެސް ސާކް ސަމިޓާއިގުޅޭ ކަމެއްނޫން. މިކަމަކީ މި ސަރުކާރުގެ އެޖެންޑާއެއްގެ ގަދަށުން ކުރާކަމެއް. މި ސަރުކާރުން އެހެން ދީންތައް ފެތުރުމަށް ރައީސް އޮފީހުގައި ބައިތިއްބާފައި ތިބޭނެ ދެ މީހުން. އެ ދެ މީހުން ދިރިއުޅޭނީ ޔާގޫތުގޭގައި އެ ދެމީހުން މާ ދުރާލާ މިގޮތަށް ސާކް ސަމިޓާއި ގުޅުވައިގެން މިފަދަ ލާދީނީ ފިކުރުގެ މަސައްކަތް ކުރަމުން އެގެންދަނީ،" އުމަރު ވިދާޅުވިއެވެ.

ސާކް ސަމިޓާއި ގުޅުވައިގެން ދިވެހިންގެ ދީނީ އެއްބައިވަންތަކަމުގެ އިހުސާސްތަކަށް ހީނަރު ކަމެއް އަދި ނިކަމެތިކަން އަންނަ ކަންކަމަކީ ދެކޮޅު ހަދާނެ ކަންކަން ކަމަށް ގައުމީ ޕާޓީގެ ފަރާތުން ވާހަކަދެއްކެވި އަބުދުﷲ އަމީން ވިދާޅުވިއެވެ.

"ސާކްސަމިޓާއި ގުޅިގެން ރާއްޖޭގެ އެކިއެކި ކަންކޮޅުގައި ބައިބައިވުން އުފެދުމާއި އަޅުގނަޑުމެންގެ ދީނީ އެއްބައިވަންތަކަމަށް ހީނަރުކަން އަންނަގޮތަށް މިހާރުކުރެވުމުންދާ ކަމަށް އަޑުފެތުރެމުންދާ ކަންތައްތަކުގައި ހަގީގަތެއްވާނަމަ ވަރަށް ހަރުކަށި އިބާރަތުން ކުށްވެރިކުރަން" އަމީން ވިދާޅުވިއެވެ.

ޑީއާރްޕީގެ ފަރާތުން ވަހަކަދައްކެވި އެޕާޓީގެ ނައިބް ލީޑަރު އިބްރާހިމް ޝަރީފް ވިދާޅުވީ ސަރުކާރުން އެކި ތަންތަނުގައި ބުދު ބެހެއްޓުމާއި މީހުން އުޅޭ ރަށްރަށުގައި ރާ ވިއްކުމަށް މަސައްކަތް ކުރުމަކީ ގަބޫލު ކުރެވޭނެ ކަންކަން ނޫންކަމަށާއި، އެކަން އެގޮތަށް ކުރާނަމަ ރައްޔިތުންނުކުމެ އެކަން ހުއްޓުވާނެ ކަމަށެވެ.

"ރޭގައި އައްޑޫގައި ބުދު ބަހައްޓަން މަސައްކަތްކުރުމުން އެކަން އެހުއްޓުވީ އަޅުގަޑުމެންގެ ޕާޓީގެ އިސް ބަޔަކު ނުކުމެ،" ޝަރީފް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު ވިދާޅުވީ ރާއްޖޭގެ ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނާއި ހިލާފަށް އިސްލާމް ދިނާއި ބީރައްޓެހި ޕޯސްޓަރުފަދަ ތަކެތި ހަރުކޮށްފައިވުމުން އެކަން ފުލުހުން ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.

މިއަދު ވާހަކަދެއްކި ހުރިހާ ޕާޓީތަކުން ވެސް ބުނެފައިވަނީ ގައުމީ، ދީނީ ކަންކަމުގައި އިދިކޮޅު ހުރިހާ ފަރާތްތަކުން އެއް އަމާޒަކަށް ދަތުރުކުރުމުގެ ފުރަތަމަ މަރުހަލާ މިއަދު ފެށުމުން އެކަންކަން ސަރުކާރުން އަޑު އަހަން ޖެހޭނެ ކަމަށެވެ.