ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ގުޅުން ހުރި ހަރަކާތްތަކެއް އީރާނުން ހިންގާ ކަމުގެ ހެކި ލިބިއްޖެ ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނަޖީ އެޖެންސީ ]އައިއޭއީއޭ[ އިން ބުނެފި އެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން އައިއޭއީއޭ އިން އިއްޔެ ނެރުނު އެ އެޖެންސީގެ އެންމެ ފަހުގެ ރިޕޯޓްގައި އެ އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް ޔުކިޔާ އަމާނޯއާ ހަވާލާދީ ބުނެފައި ވަނީ ނިއުކްލިއަ ގޮވާ އެއްޗެއް އުފެއްދޭ ފަދަ ހަރަކާތްތަކެއް އީރާނުން ވަނީ ކުރިއަށް ގެންގޮސްފައި ކަމަށެވެ.

"ނިއުކްލިއަ ހަތިޔާރާ ގުޅުން ހުރި ، ރަނގަޅަށް އިންތިޒާމު ކޮށްފައިވާ ހަރަކާތްތަކެއް 2003 ވަނަ އަހަރާ ހަމައަށް އީރާނުން ވަނީ ކުރިއަށް ގެންގޮސްފައި،" އައިއޭއީއޭގެ ރިޕޯޓްގައިވެ އެވެ.

އަދި އޭގެ ތެރެއިން ބައެއް ހަރަކާތްތައް މިހާރު ވެސް ދަނީ ކުރިއަށް ކަމަށް ވެސް އެރިޕޯޓްގައިވެ އެވެ. އަދި އީރާނުގެ ނިއުކްލިއަ ޕްރޮގްރާމްގެ މަގުސަދަކީ އަސްކަރީ މަގުސަދެއް ކަމުގައި ވެދާނެ ކަމުގެ ކަންބޮޑުވުން އައިއޭއީއޭ އިން ވަނީ ފާޅުކޮށްފަ އެވެ.

ނިއުކްލިއަ ހަތިޔާރާ ގުޅުން ހުރި ހަރަކާތްތަކެއް އީރާނުން ކުރިއަށް ގެންދާ ކަމަށް އައިއޭއީއޭ އިން ބުންޏަސް އެފަދަ ހަތިޔާރެއް އުފައްދަން އެގައުމުން މަސައްކަތް ކުރާ ކަމަކަށް އައިއޭއީއޭގެ ރިޕޯޓްގައި ސީދާ ގޮތެއްގައި ބުނެފައެއްނުވެ އެވެ.
އައިއޭއީއޭގެ ރިޕޯޓަށް އީރާނުން ވަނީ ދެކޮޅު ހަދާފަ އެވެ. ކުރިއެކޭ އެއްގޮތަށް އެގައުމުން ބުނެފައި ވަނީ އެ ގައުމުގެ ނިއުކްލިއަ ޕްރޮގްރާމަކީ އެ ގައުމަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.