08 Sep 2019, 16:33
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ކަމުގެ މަގާމަށް މައްޗަންގޮޅި ޑާޗާ، އަލީ ހާޝިމް މިއަދު އައްޔަން ކުރައްވައިފި އެވެ.
މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަލީ ހާޝިމް އެ މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސް ސޯލިހު އޭނާއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އަލީ ހާޝިމް އެމްއެމްއޭގެ ގަވަރުނަރު ކަމަށް ހަމަޖައްސަން މަޖިލީހުން ރުހުން ދިނީ، މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން މަޖިލީހުގެ ރުހުން ލިބުނީ އެވަގުތު މަޖިލީހުގައި ތިއްބެވި 55 މެންބަރުންގެ އިއްތިފާގުން އެވެ.
ފިނޭންސް މިނިސްޓަރުގެ ކުރެއްވުމުގެ އިތުރަށް އަލީ ހާޝިމް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ކަންކަމުގައި ލަފާ އަރުއްވާ ކޮމިޓީގެވެސް މެންބަރެކެވެ.
ގަރަވަރުނަރުކަމުގެ މަގާމު ހުސްވެފައިވަނީ، އެމަގާމުގައި ހުންނެވި އަހުމަދު ނަސީރު މިދިޔަ ޖުލައި 24ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާދެއްވީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތަށް އޭނާ ނުފޫޒު ފޯރުވަން އުޅުއްވި ކަމަށް ތުހުމަތުވެ އޭނާގެ މައްސަލަ މަޖިލީހުން ބަލަން ފެށުމުން އެވެ.
އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމު ހުސްވެފައި އޮންނަތާ މަހެއްހާ ދުވަސް ވަނީ ވެފައެވެ.