09 Nov 2011, 12:47
ވަޅިހަރައި ޒަޚަމްކޮށްލާފައި ވަނިކޮށް މާލޭ މަގުމަތިން ފެނުނު މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އެބަދެ އެވެ.
ވަޅި ހަރައި ޒަހަމްކޮށްލާފައި ވަނިކޮށް ރޭ ދަންވަރު މަގުމަތިން ފެނުނީ ޏ. ފުވައްމުލަކު ހޯދަނޑު އަވަށު ވިދާތަރި، މުހައްމަދު ސައީދު 24 އެވެ. އަމީނީ މަގު ޣިޔާސުއްދީން ސްކޫލް ކައިރީގައި ސައީދު އޮއްވާ ފެނުނީ ސިފައިންނަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ވެސް ސިފައިންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ މީހާއަށް ހަމަލާ ދީފައިވަނީ ވަޅިއަކުންކަން އަދި ނޭނގޭ ކަމަށާއި، ނަމަވެސް ހަމަލާ ދީފައިވަނީ ތޫނު އެއްޗަކުން ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަކަމަށެވެ.
ފުލުހުން އެހެން ބުނި ނަމަވެސް ސިފައިން ބުނީ ރޭ 1:30 އެހާކަން ހާއިރު ސައީދު ފެނުނު އިރު އޭނާގެ ގަޔަށް ވަޅި ހަރާފައިވާ ކަމަށާއި ބުރަކަށިން 20 އިންޗީގެ ތަނަކާއި 15 އިންޗީގެ ތަނެއް ވަޅިއަޅާ ކަފާލާފައިވާ ކަމަށެވެ.