08 Sep 2019, 14:00
ނޫސްވެރިޔާ އަހުމަދު ރިލްވާން ރަހީނުކޮށް މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ފުލުހުން ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައި ވަނިކޮށް އަލުން ވަޒީފާއަށް ނެރެފައި ވަނީ މިދިޔަ އަހަރުގެ ފަހު ކޮޅު ވެރިކަން ބަދަލު ކުރުމުގެ މަރުހަލާ ހިނގަމުން ދަނިކޮށްކަން އެނގިއްޖެ އެވެ.
ރިލްވާންގެ މައްސަލައިގައި މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ފަސް ފުލުހެއްގެ މައްޗަށް ތުހުމަތުތަކެއްކޮށްފައިވެ އެވެ. އޭގެ ތެރެއިން މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިފްއަތު (ސާވިސް ނަމްބަރު 3246) ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް މަސައްކަތްކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
އެ ދެމީހުން ހައްޔަރުކޮށްގެން މައްސަލަ ބަލަން ބަންޑާރަނައިބު ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންނަށް އަންގަވައިފަ އެވެ.
މަރު ކޮމިޝަނުގެ ރިޕޯޓުގެ ހުލާސާ އާންމުވުމަށް ފަހު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ ޖިނާހުއާއި ރިފްއަތު ކުރީގެ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް އަލުން ވަޒީފާ ދިނީ މި ސަރުކާރުން ކަމަށެވެ.
އެކަމަކު، ފުލުހުން ބުނެފައި ވަނީ ޖިނާހު އާއި ރިފްއަތު އެއްވެސް އިރެއްގައި ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށެވެ. އެކަމަކު، އެ ދެމީހުންގެ މައްސަލަ ފުލުހުންގެ ޕްރޮޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަން ފަށައި އެ މައްސަލަ ބަލައި ނިމެންދެން 13 ޖުލައި 2017ގައި އެ ދެ މީހުން މަސައްކަތުން އެކަހެރި ކުރި ކަމަށެވެ. އެ ދެ މީހުން އަލުން ވަޒީފާއަށް ނެރުނީ 7 ނޮވެމްބަރު 2018ގައި ކަމަށް ފުލުހުން ބުންޏެވެ.
ޖިނާހު އާއި ރިފްއަތު އަލުން ވަޒީފާއަށް ނެރުނު ދުވަސްވަރަކީ ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރުމުން، ވެރިކަން ބަދަލު ވުމުގެ މަރުހަލާ ހިނގަމުން ދިޔަ ދުވަސްވެރެވެ. އެ ދުވަސްވަރު ކުރީގެ ސަރުކާރުން ވަޒީފާއިން ސަސްޕެންޑުކޮށްފައި ތިބި ފުލުހުންނާއި ސިފައިންނަށް ވަޒީފާދީ ހެދި އެވެ. އަދި ވަޒީފާއިން ވަކިކޮށްފައި ތިބި ސިފައިންނާއި ފުލުހުން ކޯޓަށް ގޮސްގެން ބަދަލު ހޯދަމުން ދިޔައެވެ.
ޖިނާހު އާއި ރިފްއަތު މިހާރު ހުރީ އަނެއްކާ ވެސް ވަޒީފާއިން އެކަހެރިކޮށްފަ އެވެ. އެ ދެ މީހުން ސަސްޕެންޑުކޮށްފައެއް ނުވެއެވެ. އެ ދެ މީހުން ހައްޔަރު ކުރަން އެންގި ނަަމަވެސް، ހެކި ނެތުމުން ކަމަށް ބުނެ ހައްޔަރުކޮށްފައި ނުވެއެވެ. ހައްޔަރު ކުރަން އަމުރަކަށް އެދެވޭނީ މަރުތައް ބަލާ ކޮމިޝަނަށް ކަމަށާއި ފުލުހުންނަށް ނޫން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ވަނީ ވިދާޅުވެފަ އެވެ.