09 Nov 2011, 12:00
ބަންދުކުރި ފެންޓަސީ ސްޓޯރު ހުޅުވުމުގެ ހުއްދަ ފުލުހުން ދިނުމުން އަލުން ހުޅުވައި މިއަދު ވިޔަފާރި ފަށައިފި އެވެ. ފެންޓަސީ ސްޓޯރު ހުޅުވުމުގެ ހުއްދަ ފުލުހުން ދިނީ ބަންދު ކުރިތާ ދެ ދުވަސް ފަހުން ރޭގަ އެވެ.
ފެންޓަސީ ސްޓޯރު ހުޅުވުމުގެ ހުއްދަ ދިނީ ބޭކަރީ އާއި ސްޓޯރު ހުޅުވުމުގެ އަމުރެއް ހޯދަން ފެންޓަސީން ސިވިލް ކޯޓަށް މައްސަލަ ވައްދާފައި ވަނިކޮށެވެ. ފުލުހުން ބަންދުކުރި ފެންޓަސީ ސްޓޯރު ހުޅުވަން ހުއްދަ ދިން ނަމަވެސް މާލޭ ސިޓީ ކައުންސިލުން ބަންދުކުރި ފެންޓަސީ ބޭކަރީ ހުޅުވުމުގެ ހުއްދައެއް އަދި ނުދެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ފެންޓަސީ ސްޓޯރު ހުޅުވުމުގެ ހުއްދަ ދިނީ ފުލުހުން ބަލަންޖެހޭ ކަންތައް ބަލައި ނިމިފައިވާތީ ކަމަށެވެ.
"ފެންޓަސީ ސްޓޯރުން ފުލުހުން ބަލަންޖެހޭ ކަންތައް ބަލައި ނިމިފައިވާތީ މިހާރު ވަނީ ފެންޓަސީއަށް އެމީހުންގެ ސްޓޯރު ހުޅުވުމުގެ ހުއްދަ ދީފައި،" ޝިޔާމް ވިދާޅުވިއެވެ.
ފެންޓަސީގެ މެނޭޖިން ޑައިރެކްޓާ މުހައްމަދު ޒުހައިރު ވިދާޅުވީ ފުލުހުން ހުއްދަ ދިނުމާއެކު ފެންޓަސީ ސްޓޯރު ހުޅުވައި އަލުން ވިޔަފާރި ފަށާފައިވާ ކަމަށެވެ. ދެން ހަމައެކަނި ވިދާޅުވީ ސިޓީ ކައުންސިލުން ބަންދުކުރި ފެންޓަސީ ބޭކަރީ ހުޅުވުމުގެ ހުއްދަ އަދި ނުލިބޭ ކަމަށެވެ.
ފެންޓަސީއާ ބެހޭ ގޮތުން މިޑިއާއަށް މައުލޫމާތު ދިނުމުގައި ހުރަހެއް ނޯންނާނެ ކަމަށް އިއްޔެ ފެންޓަސީން ބުނި ނަމަވެސް އިތުރު ތަފުސީލަށް އެދުމުން ޒުހައިރު މިއަދު ވިދާޅުވީ އަވަދި ނެތި އުޅުއްވާތީ މައުލޫމާތު ދެވެން ނެތް ކަމަށެވެ.
ފުލުހުން ފެންޓަސީ ސްޓޯރު ބަންދުކޮށްފައިވަނީ އެތާނގެ ތެރެއިން މުއްދަތު ހަމަވެފައިވާތަކެތި ފެނިގެންނެވެ. ފެންޓަސީން ބުނީ ފެންޓަސީ ސްޓޯރުގެ ތެރޭގައި ނައްތާނުލެވި މުއްދަތު ހަމަވެފައިވާ ބައެއްތަކެތި ހުރިކަމަށާއި ނަމަވެސް އެއިން ބާވަތެއް ވިއްކާފައި ނުވާނެ ކަމަށެވެ.
ފެންޓަސީ ބޭކަރީ ވެސް ބަންދުކޮށްފައިވަނީ މުއްދަތު ހަމަވެފައިވާ ތަކެތި ބޭނޫންކޮށްގެން ކާބޯތަކެތި އުފައްދާކަމަށްބުނެ ސިޓީ ކައުންސިލަށް ކޮށްފައިވާ ޝަކުވާއަކާއި ގުޅިގެންނެވެ.
ފެންޓަސީން ބުނީ މުއްދަތު ހަމަވެފައިވާތަކެތި ކާއެއްޗިހި ތައްޔާރުކުރުމަށް ބޭނުންކޮށްފައި ނުވާނެކަމަށާއި، ބޭކަރީގައި ކާބޯތަކެތީގެ ބާވަތްތައް އުފައްދަން ބޭނުންކުރާ ތަކެތި ބަހައްޓަނީ އެތާގެ އިސްޓޯރުގައި ކަމަށެވެ. މުއްދަތު ހަމަވެގެން ފެނުނު 13 ބާވަތެއް ފެންޓަސީ ބޭކަރީގެ އިސްޓޯރުގައި ނައްތާ ނުލައި ބަހައްޓާފައިވަނީ ވަޒީފާއިން ވަކިކުރި ޒިދުނާ އާއި އެތަނުގެ އެހެން ދެ މުވައްޒަފަކާއި ގުޅިގެން ކަމަށެވެ.
ފެންޓަސީ ސްޓޯރާއި ފެންޓަސީ ބޭކަރީ ހުޅުވުމުގެ ކޯޓު އަމުރަކަށް އެދި މިދިޔަ ހޯމަ ދުވަހު ފެންޓަސީން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް މިހާތަނަށް ކޯޓުން އެއްވެސްކަހަލަ ޖަވާބެއް ލިބިފައިނުވާކަމަށް ފެންޓަސީން ވަނީ ބުނެފައެވެ. ފެންޓަސީ ބޭކަރީ އާއި ސްޓޯރު ބަންދު ކުރުމުގެ ސަބަބުން އިއްޔެއާއި ހަމަޔަށް 300000ރ. ގެއްލުން އެ ކުންފުންޏަށް ލިބިފައިވެސް ވަނީ ބުނެފައެވެ.