08 Sep 2019, 12:52
ނިމިގެން ދިޔަ 33 ވަނަ ގައުމީ ގުރުއާން މުބާރަތުން އެއްވަނަ މާދުއްދީން ސްކޫލްގެ ދަރިވަރު މުހައްމަދު ސާއީ މުބާރިކް ހޯދައިފި އެވެ.
މިމަހުގެ އެއްވަނަ ދުވަހު ފެށި އެ މުބާރާތުން އެއްވަނަ ސާއީ ހޯދީ މުބާރާތުގައި ބައިވެރިވި، 1200 އަށް ވުރެ ގިނަ ދަރިވަރުންނާ ވާދަކޮށްގެން އެވެ. އެ މުބާރާތުގެ ނަތީޖާ ފާޅުކޮށް ރޭ ވަނީ އިސްލާމީ މަރުކަޒުގައި ބައިވެރިންނަށް އިނާމާއި ސެޓްފިކެޓްތައް ހަވާލުކޮށްފަ އެވެ. އެއްވަނަ ހޯދި ސާއީއަށް އިނާމް ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ.
ސާއީއަށް ވަނީ އިނާމެއްގެ ގޮތުގައި ހައްޖު ކޯޕަރޭޝަނުން ހައްޖު ދަތުރެއް ދީފަ އެވެ. އަދި ސާއީއަށް ފެނަކަ ކޯޕަރޭޝަނުން 15،000 ރުފިޔާގެ އިނާމެއް ލިބުނުއިރު މޯލްޑިވިއަންއިން ވަނީ އޭނާއަށް ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް ދިއުމުގެ ދެކޮޅު ޓިކެޓްވެސް ދީފަ އެވެ.

ސާއީއަށް ރައީސް އިނާމް އަރުވަނީ--- ފޮޓޯ: ރައީސް އޮފީސް
ގުރުއާން މުބާރާތުގެ ދެވަނައަށް ހޮވިފައިވަނީ އިސްލާމިކް ޔުނައިޓެޑް ފޯ އަސާސް ވިނަވި އެންޑް އިޔާރުގެ ފަރާތުން ބައިވެރިވި މުހައްމަދު ނަބީހު ރާޝިދެވެ. އަދި ތިން ވަނަ ހާސިލްކޮށްފައިވަނީ ދައުވާ ފައުންޑޭޝަންގެ މުހައްމަދު ނަބްހާނެވެ.
މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްދިޔަ އެ މުބާރާތުގެ ސާނަވީ ސްކޫލްތަކުގެ ބައިން އެއްވަނަ ހޯދާފައިވަނީ ތާޖުއްދީން ސްކޫލެވެ. މަތީ ސާނަވީގެ ބައިން އެއްވަނައަށް ހޮވުނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

ސާއީއަށް ރައީސް އިނާމް އަރުވަނީ--- ފޮޓޯ: ރައީސް އޮފީސް
އޭގެ އިތުރުން އަމިއްލަ މުވައްސަސާތަކުގެ ބައިން އެއްވަނަ ހޯދާފައިވަނީ އިސްލާމިކް ޔުނައިޓެޑް ފޯ އަސާސް ވިނަވި އެންޑް އިޔާރެވެ.
ރޭގެ ރަސްމިއްޔާތުގައި ހާފިޒްކަމުގެ ޝަރަފް ހޯދި 15 ބޭފުޅަކަށް ވަނީ ތަށިވެސް އަރުވައިފަ އެވެ.
ގައުމީ ގުރުއާން މުބާރާރަކީ 1981 ވަނަ އަހަރުން ފެށިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.