08 Sep 2019, 12:05
މުސާރައިގެ އާ އޮނިގަނޑު އެކުލަވާލައި އަންނަ އަހަރު އެއަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ ރައީސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ އިދާރާތަކުގެ މިހާރު އަމަލުކުރަމުންދާ މުސާރައިގެ އޮނިގަނޑުތަކާ ގުޅޭގޮތުން އެ ކޮ މިޝަނުން ދިރާސާތަކެއް ކޮށްފައިވާ ކަމަށެވެ.
ޕޭ ކޮމިޝަނުން ބުނީ އެ ދިރާސާތަކުގެ އަލީގައި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަށް ރިއާޔަތްކޮށް ދައުލަތުގައި ހިމެނޭ 96 ފަންނުތަކުގެ ގިންތިތަކާއި ފަންތިތަކުގެ ޝަރުތުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ. އަދި އެ ހުރިހާ ފަންނުތަކުގެ ގިންތިތަކާއި ފަންތިތަކުގެ ޝަރުތުތައް ކަނޑައަޅާނެ ކަމަށްވެސް ޕޭ ކޮމިޝަނުން ބުންޏެވެ.
" އެއިން ކޮންމެ ފަންނެއްގެ މުސާރަތައް ހިމެނޭގޮތަށް ދައުލަތުގެ މުސާރައިގެ އާ އޮނިގަނޑު އެ ކޮމިޝަނުން އެކުލަވާލައި އަންނަ އަހަރު ތެރޭ އެއަށް އަމަލުކުރުމަށް ވަނީ ހަމަޖެހިފައެވެ." ޕޭ ކޮމިޝަންގެ ބަޔާނުގައި ވެއެވެ.
ޕޭ ކޮމިޝަނުން މިހާރު ވަނީ ދައުލަތުގެ އިދާރާތަކުގައި ހިމެނޭ ފަންނުތައް ގްރޫޕްކުރުމަށްފަހު އެކުލަވާލައިފައިވާ "މޯލްޑިވްސް ޕަބްލިކް ސާވިސް ޖޮބް ފެމެލީ މޮޑެލް" އެ ކޮމިޝަނުގެ ވެބްސައިޓްގައި ޝާއިއުކޮށްފަ އެވެ.
ޕޭ ކޮމިޝަނުން އިތުރަށް ބުނީ ދައުލަތުގެ މުވައްޒަފުންނަށް މިހާރު ދެމުންދާ އެލަވަންސްތައް އެއްހަމަކުރުމުގެ ގޮތުން، ދައުލަތުގެ މުވައްޒަފުންނަަށް ދެވޭނެ އެލަވަންސްތަކާއި އެ އެލަވަންސްތަކުގެ ހަމަތަކާއި މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.