09 Nov 2011, 11:30
ސ. ހިތަދޫން: އަހުމަދު ނާއިފު
ސާކު ސަމިޓުގެ ހަވާސާގައި ރައީސް މުހަންމަދު ނަޝީދާއި ލަންކާގެ ރައީސް މަހިންދުރަ ރާޖަޕަކްސާ މިއަދު ބައްދަލުކުރައްވާނެ އެވެ.
މިއަދު މެންދުރު މީޑިޔާ ނުވައްދާ ބާއްވާ އެ ބައްދަލުވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު މިއަދު ވިދާޅުވީ "ވަކި ހާއްސަ" ކަމަކާއި މެދު މަޝްވަރާ ކުރަން ނިންމާފައި ނުވާކަމަށެވެ. އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ސާކުގެ ފެރީ ނިޒާމާއި އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން ކަމަށެވެ.
"ސާކު ސަމިޓްގެ ކަންކަމާއި ގުޅޭގޮތުން އެބޭފުޅުން މަޝްވަރާ ކުރައްވާނީ. އަނެއްހެން ވަކި ހާއްސަ ކަމެއް ނެތް،" ޒުހައިރު ވިދާޅުވި އެވެ.
އެ ބައްދަލުވުން އޮންނާނީ ސްޓޭޓް ހައުސްގަ އެވެ.
އިންޑިއާ އާއި ޕާކިސްތާންގެ ފޮރިން މިނިސްޓަރުން އިއްޔެގެ ވަގުތެއްގައި ބައްދަލުކުރި ކަމަށް ސަރުކާރާ ހަވާލާދީ އޭއެފްޕީން ވަނީ އިއްޔެ ބުނެފަ އެވެ.
ސާކްގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ސާކުގެ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ބޮޑެތި މައްސަލަތަކުގައި އެއްގަލަކަށް އެރުމަށް މަޝްވަރާ ކުރާނެ އެވެ.