08 Sep 2019, 06:55
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގައި ބޯހިޔާވަހިކަމުގެ ބިލުގެ މަސައްކަތް ފެށޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުން ވަނީ ފުރަތަމަ ދައުރު ނިންމައި، މިދިޔަ ބުރާސްފަތި ދުވަހު ޗުއްޓީއަށް ގޮސްފަ އެވެ. ނަވާރަ ވަނަ މަޖިލީހުގެ ދެވަނަ ދައުރު ފެށޭނީ، އޮކްޓޯބަަރު އެއް ވަނަ ދުވަހު އެވެ.
ނަވާރާނަ ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތްތަކާ ގުޅޭގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވީ، ފުރަތަމަ ދައުރުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ދެވަނަ ދައުރަށް ވެސް ގިނަ މަސައްކަތެއް މިހާރުވެސް ރޭވިފައިވާ ކަަމަށެވެ. އެގޮތުން ދެވަނަ ދައުރުގައި ބޯހިޔާވަހި ކަމުގެ ބިލުގެ މަސައްކަތަކީ، ކުރާނެ އެއް މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"[ދެވަނަ ދައުރުގައި ކުރެވޭނެ މަސައްކަތުގެ ތެރޭގައި] ވެށިފަހި މާލެ، އަދި ބޯހިޔާވަހިކަމުގެ ކަންކަން، ގެދޮރުގެ މަސައްކަތް [ހިމެނޭ]. ވެށިފެހިމާލޭގެ ޕްރޮގްރާމާ ގުޅޭ އަދި ބޯހިޔާވަހިކަމުގެ ގާނޫނާއި ގޯތިގެދޮރު ބިނާ ކުރުމާ މި ބާވަތުގެ ކަންކަން [ދެވަނަ ދައުރުގައި] އުފެދިގެން އަންނާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ބޯހިޔާވަހިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ އެންމެ ބޮޑު ވައުދެވެ. އަދި އެމްޑީޕީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އެޖެންޑާ 19 މެނިފެސްޓޯގައި ބޯހިޔާވަހިކަން ގާނޫނަކުން ކަށަވަރުކޮށްދިނުމަށްވެސް ވަނީ ހިމަނާފަ އެވެ.
މަޖިލިސް ފުރަތަމަ ދައުރުގައި ބޯހިޔާވަހިކަމާ ގުޅޭ ތިން ގަރާރެއް ވަނީ ހުށަހަޅާފަ އެވެ. ތިން ގަރާރުގެވެސް ފުރަތަމަ ކިޔުން މިހާރު ވަނީ އިއްވާފަ އެވެ. ދެން އޮންނާނީ، ތިން ގަރާރުގެ އިބްތިދާއީ ބަހުސް އެވެ.
ބޯހިޔާވަހިކަމާ ގުޅޭ ތިން ގަރާރު:
ގޯތި ދެވޭވަރުގެ ޖާގައޮތް ރަށްރަށުން ގެދޮރު ނެތް ފަރާތްތަކަށާއި އަލަތު ކައިވެންޏަށް ގޯތި ދޫކުރުމާ ގުޅޭ ގަރާރު
- މާލެއާއި ރަށްރަށުން ފްލެޓް ދޫކުރުމާ ގުޅޭ ގަރާރު
- ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާ ގުޅޭ ގަރާރު

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ --- ފޮޓޯ/ މަޖިލިސް
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ދެވަނަ ދައުރު ފެށިގެންދާނީ ލާމަރުކަޒީ ބިލުގެ މަސައްކަތުން ކަމަށެވެ. އަދި އެއީ ވެސް މަޖިލީހުން ކުރާނެ ވަރަށް ބޮޑު މަސައްކަތެއްގެ ގޮތުގައި ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"ލާމަރުކަޒީ ގާނޫނުގައި އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަ ވަނީ، ރަށްރަށުގެ އިހްތިސޯސް ކަނޑައެޅުމުގައި، ގެނެވޭ އިސްލާހު. އޭރުން ރަށްރަށުން ލިބިގެންދާނެ 700 މީޓަރު ކައިރީގައި [ފަޅު] ރަށެއް އޮތެއްޔާ އެއީ އެ ރަށުގެ އިހްތިސޯސް ގޮތުގައި ރަށް ލިބިގެން ދާނެ. އަދި ބަޖެޓްގައިވާ އަދަދުގެ ފަސް ޕަސަންޓްގައި މަސައްކަތާއި އެއަށްވާ ފައިސާ ކައުންސިލްތަކަށް ބަދަލުވެގެން ދާނެ. އަދި ކައުންސިލްތަކަށް ލިބިގެންދާ ގްރާންޓް މާ ބޮޑުތަނުން ލިބިގެން ދާނެ،" ލާމަރުކަޒީ ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
ލާމަރުކަޒީ ބިލުގެ މަޖިލީހަށް އައުމުގެ ކުރިން ފުރަތަމަ ދައުރުގައި ވަނީ، އެ ބިލާ ގުޅޭ ދެ ގަރާރެއް މަޖިލީހަށް ހުށަހަޅާފައެވެ.
ރަށްރަށުގެ ސަރަހައްދު ކަނޑައެޅުމާއި ރަށްރަށުގެ މުއްސަދިކަން އެރަށަކަށް ލިބިދިނުމާ ގުޅޭ ގަރާރު
- ކައުންސިލްތަކަށް ދިމާވެފައިވާ މާލީ ހުރަސްތައް ނައްތާލައި، މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމާ ގުޅޭ ގަރާރު
ރައީސް ނަޝީދު ވިދާޅުވީ، އެ ބިލު ފަރުމާވެގެން އަންނަ އިރު، ވަރަށް ބޮޑަށް ކައުންސިލްތަކަށް ބާރުތަކެއް ލިބިގެން އަންނާނެ ކަމަށެވެ.
ދެވަނަ ދައުރުގައި ކުރެވޭނެ އިތުރު މަސައްކަތެއްގެ ގޮތުގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އަމާޒަކީ، މިއަހަރު ނިމެންވާއިރަށް އެ މަސައްކަތް ނިންމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފުރަތަމަ ދައުރުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަން ފާހަގަ ކުރައްވަމުން ފުރަތަމަ ދައުރަށް ރައީސް ނަޝީދު ދެއްވީ "ބީ ޕްލަސް" އެކެވެ.
"ޖުމްލަކޮށް އަޅުގަނޑު މި ދައުރާ ދޭތެރޭގައި ބީ ޕްލަސްއެއްގެ ގޮތުގައި މި ދެކެނީ. [ނަމަވެސް] އަދި އެބައޮތް އަޅުގަނޑަށްވެސް މެމްބަރުންނަށްވެސް ސެކްރެޓޭރިއެޓަރަށްވެސް މިއަންނަ ދައުރު ކިތަންމެހާ ތަނެއް ރަނގަޅު ކުރެވެން،" ރައީސް ނަޝީދު ވިދާޅުވި އެވެ.