07 Sep 2019, 22:40
ނޫސްވެރިޔާ އަހުމަދު ރިލްވާން ރަހީނުކޮށް މަރާލި މައްސަލައިގައި މީހަކު ހައްޔަރު ކުރަން ބޭނުން ނަމަ އެރެސްޓު ވޮރެންޓް ނޫނީ ހައްޔަރު އަމުރަކަށް އެދެވޭނީ މަރުތައް ބަލާ ރިޔާސީ ކޮމިޝަނަށް ކަމަށާއި ފުލުހުންނަށް އެކަން ނުކުރެވޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
މިރޭ ކުރެއްވި ޓްވީޓެއްގައި ހަމީދު ވިދާޅުވީ، ރިލްވާން ގެއްލުވާލި މައްސަލަ ބެލުމުގެ އިހްތިސޯސް ލިބިގެން ވަނީ މިހާރު ހަމަ އެކަނި މަރު ކޮމިޝަނަށް ކަމަށެވެ. އެއީ ކޮމިޝަނުތަކަށް ބާރުދޭ ގާނޫނުން ރިލްވާންގެ މައްސަލަ ބެލުމުގެ ބާރު ކޮމިޝަނަށް ބަދަލުކޮށްފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރަން ބޭނުން ނަމަ އެކަން ކުރުމުގެ ގާނޫނީ ބާރުވެސް މިހާރު ލިބިގެން ވަނީ މަރު ކޮމިޝަނަށް ކަމަށް ހަމީދު ވިދާޅުވި އެވެ. އެހެންކަމުން، އެ ކޮމިޝަނުން އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރަން ކޯޓު އަމުރެއް ހޯދައިގެން އައިސްފި ނަމަ އެކަމުގައި ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިލްވާންގެ ރަހީނުކޮށް ގެއްލުވާލި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ފުލުހެއް ހައްޔަރުކޮށް މައްސަލަ ބެލުމަށާއި އެ މައްސަލައިގައި އިހުމާލުވާ އެހެން ތިން ފުލުހަކާއި އެމްއެންޑީއެފްގެ އޮފިޝަލެއްގެ މައްސަލަވެސް ބަލަން ބަންޑާރަނައިބު ވަނީ ފުލުހުންނަށް އަންގަވައިފަ އެވެ.
ރިލްވާން މައްސަލައިގައި ހައްޔަރު ކުރަން އެންގި ދެ ފުލުހުން ހައްޔަރުކުރަން އެޓާނީ ޖެނެރަލް އެންގެވި ނަމަވެސް، އެފަހުން ފުލުުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެދެ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާތީ އެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ފަދަ ހުއްޖަތެއް ނެތް ކަމަށް މަރުގެ މައްސަލަތައް ބަލައި ކޮމިޝަނުން ފުލުހުންނަށް ލަފާ ދީފައިވާ ކަމަށެވެ. އަދި ކޮމިޝަނުން ލަފާދެނީ، އެ ފުލުހުންގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެހެންކަމުން އަދިވެސް އެ ދެ ފުލުހުން ހައްޔަރުކޮށްފައެއް ނުވެ އެވެ.
ބަންޑަރަ ނައިބު ހައްޔަރު ކުރަން އެންގެވި ދެ ފުލުހުންނަކީ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. އެ ދެމީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ރިލްވާން ސީރިއާގައި މަރުވެފައިވާ ކަމަށް ދައްކަން އަސްލު ނޫން ލިޔުމެއް ތައްޔާރު ކުރަން މަސައްކަތް ކުރި ކަމަށެވެ.