މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން އެކުލަވާލި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ރިޕޯޓްގެ ހޯދުންތަކާ ގުޅިގެން ދިވެހި ސިފައިން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން މިއަދު ދީފި އެވެ.

އެ ޔަގީންކަން ގައުމީ ދިފާއީ ބާރުގެ ފަރާތުން ދީފައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ އާއި މަރުތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގައި އެވެ. އެ ބައްދަލު ކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި، ސިފައިންގެ އެހެން ވެސް އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

މިއަދު ޑިފެންސް މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން އެ މިނިސްޓްރީ އިން ބުނީ ޑިފެންސް މިނިސްޓަރު މާރިޔާ އާއި ސިފައިންގެ އެންމެ އިސްވެރިން ވަނީ ކޮމިޝަނުން އާންމު ކުރެއްވި އިންޓެރިމް ރިޕޯޓުން ހައްދުފަހަނައަޅާދިޔުމާއި ވަޔަލެންޓް އެކްސްޓްރީމިޒަމްގެ އަމަލުތައް ރާއްޖޭގައި ހިނގާކަން ހާމަވެފައި ވާތީ އެފަދަ އަމަލުތަކާ މެދު އަސްކަރިއްޔާއިން އިންތިހާއަށް ކަންބޮޑުވާކަން ހާމަ ކުރައްވާފައި ކަމަށެވެ.

މަރުތައް ބަލައި ކޮމިޝަންގެ ރައީސް ސުއޫދުއާ އެކު ދިވެހި އަސްކަރިއްޔާގެ ވެރިން ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ ޑިފެންސް މިނިސްޓްރީ

ޑިފެންސް މިނިސްޓްރީ ބުނީ ރިޕޯޓްގައި ފާހަގަކޮށްފައިވާ އަމަލުތަކަކީ ރާއްޖޭގެ ގައުމީ ސަލާމަތާއި ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަންކަން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ، "ޕޮލިސީ އޮފް ޒީރޯ ޓޮލެރަންސް އޮން ޓެރަރިޒަމް" ސިޔާސަތުގެ ދަށުން ސިފައިންނާއި ކައުންޓާ ޓެރަރިޒަމް ސެންޓަރު އަދި ދައުލަތުގެ އެހެން ވެސް ކަމާ ބެހޭ އިދާރާތައް ގުޅިގެން މިހާރުން މިހާރަށް ވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީ އިން ބުންޏެވެ.