09 Nov 2011, 11:15
ތިން ވަނަ ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ބިލްޑަރުންގެ ޓީމް ރޭ މެލޭޝިއާއަށް ފުރައިފިއެވެ.
މިއަދުން ފެށިގެން މިމަހުގެ 14 އަށް މެލޭޝިއާގެ މަލާކާގައި އޮންނަ މި މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ތިން ބިލްޑަރުންނެވެ. އެއީ ގައުމީ ބޮޑީބިލްޑިން ޗެމްޕިއަން އާދިލް މުހައްމަދާއި ތަޖުރިބާކާރު ބިލްޑަރު ނިހާދު ރަޝީދު (ބެއްޔާ) އަދި މުހައްމަދު އަލީ އެވެ. އަދި ޓީމާއެކު ތިން އޮފިޝަލުން ވެސް ރޭ ވަނީ ފުރައިފައެވެ.
ބޮޑީބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއެފްއެމް) އިން ބުނި ގޮތުގައި މި ތިން ބިލްޑަރުން މުބާރާތަށް ނަގާފައި ވަނީ މުބާރާތުގައި ބައިވެރިވާން އެދުނު ބިލްޑަރުންގެ ތެރެއިން އެންމެ ރަނގަޅު ކޮންޑިޝަނެއް ތިބީ އެ ތިން ބިލްޑަރުން ކަމަށްވާތީ އެވެ.
މުބާރާތުގައި ރާއްޖެ ވާދަކުރަނީ 60 ކިލޯގެ ކެޓަގަރީ އާއި 70 ކިލޯގެ ކެޓަގަރީގަ އެވެ.
ރާއްޖޭގެ ޓީމުގެ މެނޭޖަރެއްގެ ގޮތުން ރޭ ޓީމާއެކު ފުރާފައި ވަނީ ބީބީއެފްއެމްގެ އެކްސްކޯ މެންބަރު އިސްމާއިލް ނަސީރެވެ.
އަދި މުބާރާތާއެކު، މެލޭޝިއާގައި އޮންނަ ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަނުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް އެފެޑަރޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު އަމީންގެ އިތުރުން ނައިބް ރައީސް އިބްރާހިމް ހަމީދު ވެސް މެލޭޝިއާއަށް ދިޔަ އެވެ.