07 Sep 2019, 15:43
ދަރިއެއް ހޯދަން ބޭނުންވާ ކަމަށް ހޮލީވުޑް އަދި ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ-ޖޯނަސް ބުނެފިއެވެ.
ވޯގް އިންޑިއާގެ މިމަހުގެ އެޑިޝަނަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ޕްރިޔަންކާ ބުނީ ނިކްއާއެކު ދަރިއެއް ހޯދައި ދިރިއުޅުމެއް ފަށަން ބޭނުންވާ ކަމަށެވެ.
ދަރިއެއް ހޯދުމާއި ގެއެއް ގަތުމަކީ ކުރިއަށް ރާވާފައިވާ ކަންތައްތައް ކަމަށާއި އެކަން އޮތީ "ޓު ޑޫ" ލިސްޓުގައި ކަމަށް ޕްރިޔަންކާ ފާހަގަކުރިއެވެ.
"ގެއަކީ އަހަރެންގެ އާއިލާ ދިރިއުޅޭ ތަން. ވަކި ތަނެއްގައި އެތަން ހުންނާކަށް ނުޖެހޭ. މުހިންމީ އެތަނުގައި އުޅޭ މީހުން،" ޕްރިޔަންކާ ބުންޏެވެ.
ބޮލީވުޑްއާއި ހޮލީވުޑްގައި މަސައްކަތް ކުރާތީ ޕްރިޔަންކާއަށް އިންޑިއާ އާއި އެމެރިކާއާ ދެމެދު ގިނަ ދަތުރުތަކެއް ކުރަން ޖެހެއެވެ. އެހެންނަމަވެސް ދިގު މުއްދަތަކަށް ދިރިއުޅުމެއް ބިނާކުރަން ބޭނުންވަނީ ލޮސް އެންޖެލެސް އަށް ކަމަށް ޕްރިޔަންކާ ފާހަގަކުރިއެވެ. އޭނާ ބުނިގޮތުގައި ލޮސް އޭންޖެލެސްގެ މޫސުން ހުންނަގޮތުން މުމްބައި ހަނދާންކޮށްދެއެވެ.
ޕްރިޔަންކާ ބަލިވެ އިން ކަމަށް މިއަހަރުގެ ކުރީކޮޅުގައި ވަނީ އަޑުތަކެއް އަރާފައެވެ. ނަމަވެސް ޕްރިޔަންކާ ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.