ބުދު ދީންގެ މީހުން އަޅުކަންކުރާ ބުދާއި އަދި އެނޫން ވެސް ބުދުތަކާ އެކު އައްޑޫ ސިޓީގައި ޕާކިސްތާން ޑެލިގޭޝަންގެ ފަރާތުން ބެހެއްޓި މޮނިއުމަންޓް ނެގުމަށް ފަހު އަލުން ރޭގައި ބަހައްޓައިފި އެވެ.

ނަމަވެސް އަލުން އެ މޮނިއުމަންޓް ބެހެއްޓި އިރު އެ އަށް ގެނެސްފައިވާ ބަދަލެއް ސާފުވާގޮތް އަދި ވަނީ ނުވެފަ އެވެ. މޮނިއުމަންޓްގެ ވަށައިގެން ވަނީ ސަތަރިއަޅައި ބަންދުކޮށްފަ އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ]ސޯބެ[ މިއަދު ވިދާޅުވީ އެ މޮނިއުމަންޓަކީ ޕާކިސްތާންގެ ފަރާތުން ބެހެއްޓި އެއްޗެއް ކަމަށާއި އިސްލާމްދިނާ ހިލާފު އެއްވެސް އެއްޗެއް ނުބެހެއްޓޭނެ ކަމަށް ހުރިހާ ފަރާތްތަކަށް ވެސް އަންގަވާފައިވާނެ ކަމަށެވެ. ނަމަވެސް އަޅުކަން ކުރާ ބުދާ އެކު އެ ތަކެތި އެތާ ބެހެއްޓުނީ ކީއްވެގެންތޯ ދެންނެވުމުން އެ ސުވާލަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި އަދި އެ އޭގައި އަޅުކަން ކުރާ ބުދު ހުރި ކަމަށް އެއްބަސް ނުވެ، ސޯބެ ވިދާޅުވީ މާދަމާ ގައުމުތަކުގެ ހެޑް އޮފް ސްޓޭޓުން އެ ތަކެތި ހާމަކުރާ އިރު އެއޭގައި ހުރީ ކޮން އެއްޗެއް ކަން އެނގޭނެ ކަމަށެވެ. އަދި ސޯބެ ވިދާޅުވީ އެއޭގައި ހުރީ ކޮން އެއްޗެއްތޯ ސާފު ކުރުމަށް ޕާކިސްތާން ހައިކޮމިޝަނާ ގުޅުމަށެވެ.

ޕާކިސްތާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ހެޑް އޮފް ޗާންޝަރީ ޖައުފަރު އިގްބާލާ މިއަދު ސަންގެ ފަރާތުން ފޯނުން ގުޅުމުން އައްޑޫ ސިޓީގައި ހުންނަވައިގެން ވިދާޅުވީ މޮނިއުމަންޓްގައި ހުރީ ކޮން އެއްޗެއްކަން އޭނާ އަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި އެއީ ޕާކިސްތާނުން ފޮނުވާފައި ހުރި އެއްޗެއް ކަމަށެވެ.

އަޅުކަން ކުރާ ބުދު އައްޑޫ ސިޓީގައި ބެހެއްޓުމަށް ދެކޮޅު ހެއްދެވި މީހުންގެ ތެރޭގައި ހިމެނޭ، ސ. ހިތަދޫ ބުލޫވިލާ ހަސަން ދީދީ މިއަދު ވިދާޅުވީ އައްޑޫގައި ސާކް ސަމިޓް ބޭއްވުމަށް އެ ބޭފުޅުން ދެކޮޅު ނުހައްދަވާ ކަމަށާއި ނަމަވެސް ސަމިޓާ އެކު އެހެން ދީންތަކުގެ އަޅުކަން ކުރާ ސާމާނު އައްޑޫ ސިޓީ އަށް ތައާރަފު ކުރެއްވުމަކީ އެ ބޭފުޅުން ގަބޫލުކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ޕީޕީއެމް އަށް ނިސްބަތްވާ ހަސަންދީދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިތަދޫ ޕަވާ ޕާކް ކުރިމަތީގައި ބަހައްޓާފައި ހުރި މޮނިއުމަންޓް، ރޭ އެ ބޭފުޅުން ހުޅުވައި ބެއްލެވި ކަމަށާއި މޮނިއުމަންޓްގެ ކުރިބޯށީގައި މުހައްމަދު އަލީ ޖަނާހުގެ ފޮޓޯއެއް އިން ކަމަށާއި އަދި މޮނިއުމަންޓްގެ ފުލުގައި ވަށައިގެން އެއް ފޫޓް، އެއް ފޫޓުގެ ބުދުތަކެއްގެ ފޮޓޯތަކެއްވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ބުދު ދީންގެ މީހުން އަޅުކަން ކުރާ އެންމެ ބޮޑު ބުދު ގޯތަމަ ބުއްދާގެ ކަނޑާނަގާފައިވާ ފޯޓޯއެއް ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޮނިއުމަންޓް ނެގީ ރޭ ދަންވަރު ކަމަށާއި ނަމަވެސް ހެނދުނު ބެލި އިރު، ވަށައިގެން ކަވަރުކޮށްފައި، ހުރި މޮނިއުމަންޓް އަލުން ބަހައްޓާފައި ހުރި ކަމަށެވެ. އަދި އޭނާ ވިދާޅުވީ އަލުން މޮނިއުމަންޓް ބެހެއްޓި އިރު ގެނެސްފައިވާ ބަދުލު ނޭނގޭ ކަމަށާއި އެތަނާ ކައިރިވުމަށް ފުލުހުން ފުރުސަތު ނުދޭ ކަމަށެވެ.

އައްޑޫ ސިޓީގައި އަޅުކަން ކުރާ ބުދުތަކެއް ބެހެއްޓި މައްސަލައެއް ފެންމަތިވި އިރު، ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖީސަސް ކްރައިސްޓް ]އީސާގެފާނު[ގެ ކުރެހުންތަކެއް ހިމެނޭ ބެނާތަކެއް ބެހެއްޓި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.