07 Sep 2019, 14:31
ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ތަނުޝްރީ ދައްތާ ބޮލީވުޑް ފިލްމު އިންޑަސްޓްރީއަށް އެނބުރި އަންނަން ނިންމައިފިއެވެ.
"އާޝިކު ބަނާޔާ އާޕްނޭ" ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދާފައިވާ ތަނުޝްރީ ފިލްމު އިންޑަސްޓްރީން ދުރަށް ދިޔަ ފަހުން ނުވަ އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
ތަނުޝްރީ ބޮލީވުޑާ ދުރަށް ޖެހުނީ "ހޯން އޯކޭ ޕްލީޒް"ގެ ސެޓުގައި ދުވަސްވީ އެކްޓަރު ނާނާ ޕާޓޭކަރު އޭނާއާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލައާ ގުޅިގެން ތަނުޝްރީ ވަނީ ދާދި ފަހުން ނާނާ އާ ދެކޮޅަށް މައްސަލަ ހުށަހާޅާފައެވެ. ތަނުޝްރީ ބުނީ އޭނާ ބޭނުންވަނީ ދެން ކުރިއަށް ދާން ކަމަށެވެ.
އިންޑަސްޓްރީއަށް ނިކުންނާނީ ކުރީގެ ތަޖުރިބާތަކުން ފިލާވަޅު ނަގައިގެން ކަމަށް ތަނުޝްރީ ބުންޏެވެ.
އޭނާ ބުނިގޮތުގައި ކުރިއަށް އޮތްތަނުގައި އެއްވެސް ކަހަލަ ރޯލެއް ނަގާއިރު ކާސްޓުގައި ހިމެނޭ އެހެން ފަންނާނުންނަކީ ކޮން ކަހަލަ ބައެއްކަން ރަނގަޅަށް ބަލާނެއެވެ.
"އަހަރެން މަސައްކަތްކުރާނީ ކޮން ކަހަލަ ބައެއްކަން އެނގިގެން. އަދި އަހަރެންގެ ހުނަރު ނެރެވޭނެ ކަހަލަ ބަޔަކަށް ބަލާފައި އަހަރެން ރޯލުތައްވެސް ނަގާނީ،" އޭނާ ބުންޏެވެ.
ތަނުޝްރީ އެންމެ ފަހުން ފެނިގެން ގޮސްފައިވާނީ 2010 ވަނަ އަހަރުގައި ނެރުނު "ރަމާ" ނަމަކަށް ކިޔާ ފިލްމަކުންނެވެ.