07 Sep 2019, 13:32
ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން ހަކުރުބައްޔަށް ސްކްރީން ކުރުމާއި، ބައްޔާ ގުޅޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މެޑިކާ ހޮސްޕިޓަލުން މިއަދު ފަށައިފިއެވެ.
މިއަދު ހެނދުނު 09:00 ގައި ފެށި ޕްރޮގްރާމް މެންދުރު 13:00 އަށް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. ޕްރޮގްރާމުގެ ދަށުން ހަކުރު ބައްޔަށް ޓެސްޓު ކޮށްލަން ބޭނުންވާ ފަރާތްތަކުން، އެ ހޮސްޕިޓަލަށް ގޮސް ނަން ނޯޓު ކޮށްލުމުން، މުޅިން ހިލޭ ބައްޔަށް ޓެސްޓު ކުރެވިގެންދާނެ އެވެ.
ކުރިއަށް ގެންދާ ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މެޑިކާ ހޮސްޕިޓަލުގެ ޑިރެކްޓާ އަބްދުﷲ ޝާހިދު މުހައްމަދު "ސަން" އަށް ވިދާޅުވީ ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އެ ހޮސްޕިޓަލުގެ މުވައްޒަފުންނާއި، މުވައްޒަފުންގެ އާއިލާތަކުގެ އިތުރުން، ހޮސްޕިޓަލުގެ ބެލެނިވެރި ކުންފުނި، ދަމާސްގެ މުވައްޒަފުންނަށް ކަމަށެވެ.

މެޑިކާ ހޮސްޕިޓަލުގެ ޑިރެކްޓާ އަބްދުﷲ ޝާހިދު މުހައްމަދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
އެހެން ނަމަވެސް އާންމު ހުރިހާ ފަރާތްތަކަށް ވެސް މި ޕްރޮގްރާމުގެ ދަށުން ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މިހާތަނަށް 200 އެއްހާ މީހުން ހަކުރު ބައްޔަށް ސްކްރީން ކޮށްފައި ވާއިރު، ގިނަ ބަޔަކު ނަން ނޯޓު ކުރުމަށް އެދޭނަމަ، ޕްރޮގްރާމްގެ ވަގުތު އިތުރުކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މެޑިކާ ހޮސްޕިޓަލްގެ އަމާޒަކީ ބައްޔެއް ވެގެން ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދު މަދުކޮށް، ބަލިތަކުން އާންމުން ރައްކާތެރި ކުރުމަށް ފިޔަވަޅު އެޅުން ކަމަށެވެ.
"އަޅުގަނޑުމެންގެ ޗެއާމަންގެ އެންމެ ބޮޑު އަމާޒަކީ މީހާ ބަލިނުވެ، ރަނގަޅު ސިއްހަތެއްގައި ހުރުން. ބަލިވެގެން އަންނަ ތަނެއްގެ ގޮތުގައި ނޫން މެޑިކާ ދެކެނީ. މެޑިކާގެ އަމާޒަކީ މެޑިކާ އަށް އަންނަ މީހުން މިކޮޅަށް ނައިސް ވޭތޯ ބެލުން،" ޝާހިދު ވިދާޅުވިއެވެ.

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
ޝާހިދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުން ހޭލުންތެރިކުރުމަށް ތަފާތު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.
މިހާރު ކުރިއަށްދާ ޕްރޮގްރާމުގެ ތެރެއިން ހަކުރު ބައްޔަށް ޓެސްޓުކޮށް، ބައްޔާ ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން، ހަކުރު ބަލި ހުންނަ ފަރާތްތަކަށް ބަލީގެ ސަބަބުން އިތުރަށް ދިމާވާ މައްސަލަތައް ހުރިތޯ ބެލުމަށް ވެސް ސްކްރީން ކޮށްދޭނެއެވެ.
ޕްރޮގްރާމުގެ ތެރެއިން އިތުރަށް ކުރިއަށްދާ ހަރަކާތްތައް:
- ލޭގެ ޕްރެޝަރު ބަލައިދިނުން.
- އިސްކޮޅާއި ބަރުދަން ބަލައިދީ، އިސްކޮޅާ ގުޅުވައިގެން ބަރުދަން ބަހައްޓަންވީ ވަރު އަންގައިދިނުން.
- ހަށިގަނޑުގައި ސަރުބީ ހުރި މިންވަރު ބަައިދިނުން.
- އުނަގަނޑުގެ ވަށަމިން ހުންނަ މިންވަރު ބަލައިދިނުން.
- ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު މިންވަރު ބެލުން.
- ނަތީޖާއާ ބެހޭގޮތުން ޑޮކްޓަރުން އަދި އެޑިއުކޭޓަރުންނާއެކު މަޝްވަރާ ކުރުމަށް ފުރުސަތު ދިނުން.