07 Sep 2019, 12:13
"ބޫތު"ގެ ޝޫޓިން ނިންމާލައިފި
ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދާ ބިރުވެރި ފިލްމު ކަމަށްވާ "ބޫތު : ޕާޓް ވަން - ހޯންޓެޑް ޝިޕް"ގެ ޝޫޓިން ނިންމާލައިފި އެވެ.
ބޫތުގެ ޝޫޓިން ނިންމާލާފައިވާއިރު އެ ފިލްމު ރިލީޒުކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ ނޮވެމްބަރު މަހުގެ 15ގައެވެ.
ބަނޫ ޕްރަތާބު ސިންގު ޑައިރެކްޓުކުރާ އެ ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ވިކީ ކޯޝަލްއާއި ބޫމީ ޕަޑްރޭނާޔަކް އެވެ.
އެ ފިލްމަކީ ބޮލީވުޑުން އުފައްދާ ބިރުވެރި ފިލްމުތަކުގެ ތެރެއިން ތަފާތުވާނެ ފިލްމެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.
ދޯސްތާނާގެ ދެވަނަ ބަޔަށް މުޅީން އާ ފަންނާނެއް
ބޮލީވުޑްގެ މަޝްހޫރު ފިލްމު ދޯސްތާނާގެ ދެވަނަ ބައިގައި ފިލްމު އިންޑަސްޓްރީއަށް މުޅީން އާ މޫނެއް ތައާރަފުކުރަން ތައްޔާރުވެއްޖެ އެވެ.
ލަކްޝް ލަލްވާނީ ނުވަތަ ލަކްޝާޔާ ވަނީ ދޯސްތާނާގެ ލީޑް ރޯލުގެ ކާސްޓަށް ހޮވާފައެވެ. ފިލްމު އިންޑަސްޓްރީއަށް އަލަށް ނުކުތް ނަމަވެސް އޭނާ ވަނީ ޓީވީ ސީރީޒްތަކުގައި މަސައްކަތްކޮށްފައެވެ.
ދޯސްތާނާގެ ލީޑް ރޯލަށް ލަކްޝް ހަމަޖެއްސުމާ ގުޅިގެން އިންޓަނެޓްގައި ވަރަށް ގިނަ ވާހަކަތައް ދެކެވުނެވެ. އެންމެ ބޮޑު އެއް ވާހަކައަކީ އޭނާއަކީ މަޝްހޫރު ފަންނާނެއްގެ ދަރިއެއް ކަމާމެދުގައެވެ.
ނަމަވެސް ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރު ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. ކަރަން ބުނިގޮތުގައި ލަކްޝް އެ ރޯލަށް ހޮވާފައިވަނީ އޮޑިޝަނުގެ ތެރެއިން ކަމަށް އޭނާ ބުންޏެވެ.

މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރު -- ފޮޓޯ : އިންޑިއާ ޓައިމްސް
މަލައިކާ އާއި އަރްޖުންގެ ލޯބީގެ ވާހަކަ
ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ކަމަށްވާ އަރްޖުން ކަޕޫރާއި މަލައިކާ އަރޯރާގެ ލޯބީގެ ވާހަކަ އެނގޭނެއެވެ. އަރްޖުން އާއި މަލައިކާ ދެމީހުން ދަނީ އެކީގައި ޗުއްޓީ ހޭދަކުރަމުންނެވެ.
މަލައިކާއަށް އަރްޖުންގެ ލޯބީގެ ވާހަކަ ކިޔައިދިނުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ "ދޯ ދިލް މިލް ރަހޭ ހޭ" ކިޔާ ކުރި ޕޯސްޓެކެވެ.
ޕޯސްޓުން އެނގޭގޮތުގައި އަރްޖުން ވަނީ މަލައިކާއަށް ހާއްސަ ހަދިޔާއެއް ދީފައެވެ.
ދެ ފަންނާނުންގެ ލޯތްބަށް އިންޓަނެޓުގައި ވަރަށް ތައުރީފު ލިބިފައިވެއެވެ.

ރާނޫ މޮންޑާލް (ކ)، ލަތާ މަންގޭޝްކަރު (ވ) ---
ރާނޫ އަށް ލަތާގެ ފާޑުކިޔުން
ރޭލު ސްޓޭޝަނުގައި ލަތާ މަންގޭޝްކަރުގެ ލަވައެއް ކިޔައިގެން ގިނަ ބައެއްގެ ހިތްތައް އަތުލި ރާނޫ މޮންޑާލް އަށް ލަތާގެ ފާޑުކިޔުން ރައްދުވެއްޖެ އެވެ.
ރާނޫ އަށް އަމާޒުކޮށް ލަތާ ބުނީ ވަކި މީހަކު ލަވަކިޔާ ގޮތަށް ލަވަ ކިޔުމަކީ ހުނަރެއް ނޫން ކަމަށެވެ. އެހެންކަމުން ރާނޫ އަށް ދޭނެ ނަސޭހަތަކީ "އޮރިޖިނަލް" ވުން ކަމަށް ލަތާ ބުންޏެވެ.
"އެއީ [ކޮޕީ ކުރުމަކީ] މާ ގިނަ ދުވަހަކަށް ދެމިއޮންނާނެ ކަމެއް ނޫން. ދިގު މުއްދަތަކަށް ތިމާގެ ހުނަރު ދަމަހައްޓަން ބޭނުން ނަމަ އަމިއްލަ ސްޓައިލެއް ގެންގުޅެން ޖެހޭނެ،" ލަތާ ބުންޏެވެ.
ރާނޫ މަޝްހޫރު ވެފައިވަނީ ލަތާގެ ލަވައެއްކަމަށްވާ "އެކް ޕްޔާރުގަ ނަގްމާ ހޭ" ލަވައެވެ.