ވިލިނގިލި، (ވިލިމާލެ) އިން ފެނުނު ގިނަ އަދަދެއްގެ މިނިކަށިތަކުގެ މައްސަލަ ފުލުހުން ތަހުގީގު ނުކުރާނެ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް މިނިކަށިތަކުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ޕޮލިސް މީޑިޔާ އޮފިޝަލް އަހުމަދު ސިޔާމް މިއަދު ވިދާޅުވީ ކަށިތައް ފެނުނު ސަރަހައްދަށް ފުލުހުން ގޮސް ބޭނުންވާ ސާމްޕަލް ނަގާފައިވާ ކަމަށާއި މިހާރު އެ ކަށިތައް ތަހުގީގު ކުރުމަށް އިތުރަށް ކަންކަން ހޯދަން ފަށާފައިވާ ކަމަށެވެ.

“އަޅުގަނޑުމެން ކަށިތައް އެ ވަޅުލަން ހުއްދަ ދިނީ ވެސް ސާމްޕަލް ނަގާފައި. ވަޅުލާފައި މިހާރު ހުރި ތަން ވެސް ފުލުހުންނަށް އެނގޭ. އަދިވެސް އިތުރަށް ސާމްޕަލް ނަގަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ” ޝިޔާމް ވިދާޅުވިއެވެ.

ފުލުހުން މި މައްސަލަ ބަލާ ކަމަށް ބުނެފައި މިވަނީ ކަށިތަކުގެ މައްސަލައިގައި ފުލުހުން އަޅައި ނުލި ކަމަށް ބުނެ ޕީޕީއެމުންނާއި އަދާލަތުޕާޓީން މައްސަލަ ބެލުމަށް ފުލުހުންނަށް ގޮވާލައިފައި ވަނިކޮށެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ޖަލެއް ހަދައިގެން އުޅުނު ވިލިނގިލީގެ ޖަލުހުރި ސަރަހައްދުން ކަށިތަށް ފެނުނު ދުވަހު ފުލުހުން ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލައި ގުޅިގެން ކަށި ތަށް ސަހަރާއާއި ހަވާލުކުރަން ކަށިތައް ނެގި ކޮންސްޓްރަކްޝަން ކުންފުންޏަށް އަންގާފައިވާ ކަމަށެވެ. އެހެންނަމަވެސް މިއަދު ފުލުސް އޮފިޝަލް ވިދާޅުވީ މި މައްސަލައަކީ ފުލުހުން އިތުރު ހޯދުންތައް ހޯދަމުންގެންދާ މައްސަލައެއް ކަމަށާ މިބާވަތުގެ މައްސަލައެއް ތަހުގީގު ނުކޮށް ދޫކޮށް ނުލާނެ ކަމަށެވެ.

ވިލިމާލެ އިން މިނިކަށިތަކެއް ފެނުނީ މިދިޔަ ހޮނިހިރު ދުވަހު އެ ރަށުގައި ހުންނަ ކުޑަކުދިންގެ ހިޔާގެ އުތުރަށް އޮންނަ ހުސްބިމުގައި ޕްރީސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތުގައި ކޮންނަމުން ދަނިކޮށެވެ.

ޕްރީ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ކުރާ އެސްޖޭ ކޮންސްޓްރަކްޝަންގައި މަސައްކަތް ކުރި މީހުން ބުނެފައި ވަނީ އެ ސަރަހއްދުން ފެނުނު ކަށިތަކަކީ އެކި ފަހަރު މަތިން އެ ކުންފުނިން ކޮނުނު ހަތަރު ވަޅުގަނޑެއްގެ ތެރެއިން ދެ ވަޅު ގަނޑަކުން ފެނިފައިވާ ކަށި ކަމަށެވެ. އަދި އިތުރު ކަށިތައް އެ ސަރަހައްދުގައި ހުރެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކުރީގެ ވިލިނގިލި ޖަލުގައި 11 މަސް ދުވަސް ވަންދެން ހައްޔަރުކޮށްފައި ބެހެއްޓި ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަދި ތާރީހު ލިޔުންތެރިޔާ، ސިއްކަގޭ މުހައްމަދު ނަސީމް (ނ ދ ޝ ޢ) ވިދާޅުވީ ވިލިމާލޭ ދެނުކު ފަރާތު އިރުމައްޗަށްވާ ބޮޑު ސަރަހައްދެއްގައި ކުރީގެ ރައިސް އިބުރާހިމް ނާސިރު ހެއްދެވި ޖަލުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 1967 ވަނަ އަހަރުގެ ތެރޭ ތިބި ބައެއް މީހުންނަށް ބޮޑެތި އަނިޔާކޮށް އޭގެ ތެރެއިން ބައެއް މީހުން މަރުވެ، އެތަނުގައި ވަޅުލާފައިވާ ކަމަށެވެ.

ވިލިނގިލީގައި ޖަލުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ސިފައިން ތަޅައި އަނިޔާ ކުރުމުގެ ސަބަބުން ހީރާ މުހައްމަދު ރަޝީދާއި އިތުރު މީހަކު މަރުވެފަ އެވެ.