07 Sep 2019, 00:02
ރަހީނުކޮށް މަރާލި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ސީރިޔާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ފޭކް ލިޔުމެއް ތައްޔާރު ކުރަން މަސައްކަތް ކުރި ފުލުހުންގެ ދެ އޮފިސަރުން އެއްވެސް އިރެއްގައި ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް އޭނާގެ ޕާސްޕޯޓު ހޯދުމަށް އޭރުގެ އިމިގްރޭޝަންގެ ވެރިޔާ، ހަސަން އަލީއާ ބައްދަލުކުރީ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެއް ކުރީގެ ސަރުކާރުގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ހޯމް މިިނިސްޓަރު އުމަރު ވަނީ މިރޭ ވިދާޅުވި އެވެ. އަދި އެ ދެ ފަރާތަށް އަލުން ވަޒީފާ ދިނީ މި ސަރުކާރުން ކަމަށް ވެސް އުމަރު ތުހުމަތު ކުރައްވާފައިވެ އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ސްޕޯކްސްޕާސަން އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ، އެ ފުލުހުން އެއްވެސް އިރެއްގައި ވަޒީފާއިން ވަކިކޮށްފައި ނުވާކަން ޔަގީންކޮށްދޭ ކަމަށެވެ. އިތުރު އެއްޗެއް ވިދާޅެއް ނުވެ އެވެ.
ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިލްވާންގެ މަރުގެ ރިޕޯޓާ ގުޅިގެން އެ ދެ ފުލުހުން ވަޒީފާގެ ޒިންމާތަކުން ވަނީ މިހާރު ދުރުކޮށް އިދާރީ ތަހުގީގެއް ފަށައިފަ އެވެ.
އެ ފުލުހުން ހައްޔަރުކުރަން އެޓާނީ ޖެނެރަލް ރޭ އެންގެވި ނަމަވެސް، ފުލުުހުން މިރޭ ބަޔާނެއް ނެރެ ބުނެފައި ވަނީ އެދެ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާތީ އެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ފަދަ ހުއްޖަތެއް ނެތް ކަމަށް މަރުގެ މައްސަލަތައް ބަލައި ކޮމިޝަނުން ފުލުހުންނަށް ލަފާ ދީފައިވާ ކަމަށެވެ. އަދި ކޮމިޝަނުން ލަފާދެނީ، އެ ފުލުހުންގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެދެ ފުލުހުން ހައްޔަރު ނުކުރާތީ ފުލުހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.