ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހަދަން މަސައްކަތް ކުރި ދެ ފުލުހުންނަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތް ކަމަށާއި، އެހެންކަމުން އެ ދެ ފުލުހުން ހައްޔަރު ކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް މަރު ކޮމިޝަނުން ލަފާދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް އޭނާގެ ޕާސްޕޯޓު ހޯދުމަށް އޭރުގެ އިމިގްރޭޝަންގެ ވެރިޔާ، ހަސަން އަލީއާ ބައްދަލުކުރީ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. އެމީހުން ހައްޔަރު ކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ރޭ ވަނީ ފުލުހުންނަށް އަންގަވައިފަ އެވެ.

އޭޖީ އޮފީހުން އިއްޔެ ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ދެ ފުލުހުންގެ މައްސަލަ ބަލާ ތަހުގީގު ކޮށްދިނުމަށާއި، މައްސަލަ ތަހުގީގު ކުރާ އިރު ދެ ފުލުހުން މުޖުތަމައުއަށް ދޫވެފައި ތިބުމަކީ މައްސަލައިގައި މިނިވަން ތަހުގީގެއް ހިންގުމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ފެންނާތީ އެ ދެ ފުލުހުން ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުގައި އެދުމަށެވެ.

ނަމަވެސް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭޖީ އޮފީހުން މިގޮތަށް އެދުމުގެ ކުރިން ވެސް، ޖިނާހު އާއި ރިފްއަތުގެ މައްސަލަ އިދާރީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން، އިއްޔެ އެ ދެ ފުލުހުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށް ބުންޏެވެ.

މީގެ އިތުރުން، ފުލުހުން ބުނީ މުވައްޒަފުންގެ އިދާރީ މައްސަލަތައް ބަލާ ތަހުގީގު ކުރަން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މައްސަލަ ބަލާ ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ހަމައެއާއެކު ރިލްވާންގެ މައްސަލައިގައި ފުލުހުންގެ އިންޓެލިޖެންސުން މީގެ ކުރިން ހިންގާފައިވާ އޮޕަރޭޝަންތަކާއި ގުޅޭ ކަންކަން ވެސް މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭޖީ އޮފީހުގެ އިތުރުން މަރުތައް ބަލާ ރިޔާސީ ކޮމިޝަނުގެ ސިޓީއެއް ވެސް އިއްޔެ ލިބިފައިވާ ކަމަށެވެ. މަރު ކޮމިޝަނުން ވެސް އެދިފައި ވަނީ ތުހުމަތު ކުރެވޭ ދެ ފުލުހުންގެ މައްސަލަ އިތުރަށް ތަހުގީގު ކޮށްދިނުމަށެވެ. އަދި ފުލުސް އޮފިސަރެއް ކަމުގައިވާ މުހައްމަދު ފަޔާޒް މަރު ކޮމިޝަނަށް ދިން ބަޔާނުގައި ފުށުއެރުންތަކެއް ހުރުމުން އެކަން އިތުރަށް ތަހުގީގު ކޮށްދިނުމަށް ވެސް އެ ކޮމިޝަނުން އެދިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

ނަމަވެސް ފުލުހުން ބުނީ ރިލްވާންގެ މައްސަލައަކީ މިހާރުވެސް ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ، އެކޮމިޝަނުގެ ހާއްސަ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ޖިނާއީ މައްސަލައަކަށް ވެފައި، އަދި ކޮމިޝަނުގެ ތަހުގީގުން ހެއްކާއި ގަރީނާތައް ހޯދައި މައުލޫމާތު އާންމު ކުރެވިފައިވާ މައްސަލައަކަށް ވުމުން، މައްސަލައާ ގުޅިގެން ޖިނާއީ އިޖުރާއަތު ތަކެއް ފުލުހުން އަލުން ހިންގުމުގެ ކުރިން ރޭ މަރު ކޮމިޝަނާ ފޯނުން މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ.

"ކުރެވުނު މަޝްވަރާގައި އެ ކޮމިޝަނުން މިހާތަނަށް ފާހަގަކޮށްފައިވާ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ފަދަ ހެކިތަކެއް ލިބިފައި ނުވާތީ އެ މައްސަލައާ ގުޅިގެން ކޯޕްރަލް ޖިނާހް އަދި ކޯޕްރަލް ރިފްއަތަށް ޖިނާއީ ދައުވާ ކުރެވޭފަދަ ހެކިތަކެއް ލިބިފައި ނުވާތީ މައްސަލައާ ގުޅިގެން އެ ދެ ފުލުހުން ހައްޔަރުކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން ތުހުމަތު ކުރެވޭ ފުލުހުންނާ މެދު އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ޕޮލިސް ސާވިސް އިން އެ ފުލުހުންގެ މައްސަލަ ތަހުގީގު ކުރުމަށް ފެންނަ ކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަރު ކޮމިޝަނަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދެމުން އަންނަ ކަމަށާއި ރިލްވާންގެ މައްސަލައިގައި ފުލުހުންނަށް ލިބިފައިވާ ހުރިހާ މައުލޫމާތެއް ކޮމިޝަނާ ހިއްސާ ކުރަމުން އަންނަ ކަމަށެވެ.

އަދި ފުލުހުން ކޮށްދޭން ކޮމިޝަނުން އެދޭ ކަމެއް ކޮށްނުދީގެން ތަހުގީގަށް އެއްވެސް ދައްޗެއް ނުވާ ކަމަށާއި، ކޮމިޝަންގެ ތަހުގީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަން ކޮމިޝަނުން ފާހަގަކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން އަދި ބުނީ ރިލްވާންގެ މައްސަލައިގައި މަރު ކޮމިޝަނުން ތައްޔާރު ކުރި ޑްރާފްޓް ރިޕޯޓު ފުލުހުންނާ ހިއްސާ ކޮށްދިނުމަށް އެދިފައިވާ ކަމަށާއި، ރިޕޯޓު ލިބުމުން ފުލުހުންނާ ގުޅޭގޮތުން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.