09 Nov 2011, 08:35
ސ. ހިތަދޫން: އަހުމަދު ނާއިފު
އައްޑޫ ސިޓީއާ މެދު ވާހަކަދައްކާ ކޮންމެ މީހަކު ވެސް މިހާރު ދައްކާ ވާހަކައަކީ މަދު ދުވަސްކޮޅަކުން އެޅި ސަތާރަ ވަނަ ސާކު ސަމިޓަށް ތައްޔާރުކޮށްފައިވާ ދަރުބާރުގެ ރަސްމީ ނަމުން ނަމަ އީކުއެޓޯރިއަލް ކޮންވެންޝަން (އީސީސީ) ސެންޓަރުގެ ވާހަކަ އެވެ. ދޮންދީނި އާއި އައްޑޫ ބަހުރުވައަކީ މީގެ ކުރިން އައްޑޫ ރަމްޒުކޮށްދޭ ނިޝާންތައް ކަމުގައިވިޔަސް އެ ހަގީގަތް މިއަދު ބަދަލުވެއްޖެ އެވެ.
"އަޅުގަނޑުމެން އެއީ ޝަރަފެއްކަމުގައި ދެކެން. އައްޑޫގެ ރައްޔިތުން ފަހުރުވެރިވާ އެއް ބިނާ މިއަދު އެއީ. މުޅި ރާއްޖޭގައިވެސް ހުރި އެންމެ ރީތި ބިނާ ހުންނާނީ އަޅުގަނޑުމެންގެ މި ސިޓީގައޭ ބުނުމުގެ ޝަރަފުއޮތީ އަޅުގަނޑުމެންނަށް،" އައްޑޫ ސިޓީ ކައުންސިލްގެ މެންބަރަކު އީސީސީ އާމެދު އޭނާ ދެކޭގޮތް ފާޅުކުރެއްވި އެވެ.
އީސީސީ އިމާރާތްކޮށްފައިވާ ހިތަދޫ މާމެންދޫ ސަރަހައްދުގެ މާކިޅީގެ ޗަސް ބިމަކީ މީގެކުރިން މީހުން ނުދާ ފަޅު ހިސާބެކެވެ. އިހުއްސުރެ "ނާމާން" ތަނެއްގެ ގޮތުގައި އެ ސަރަހައްދު ވަނީ ލޭބަލްކޮށްފަ އެވެ. އެ ހިސާބުން އިންސާނެއްގެ ދިރުން ފެންނާނެ ކަމަށް ބަޔަކު ދުވަހަކު ހީވެސް ނުކުރެ އެވެ. އީސީސީ އާ އެކު އެ މަންޒަރު ވަނީ މުޅިން ބަދަލުވެފަ އެވެ.
"މަންމަމެން، ކުޑަ އިރުވެސް ބުނޭ ނާމާންވާނޭ. އެކަކުވެސް މިތަނަށް ނާންނާނެ. އެހެންވެ މި ސަރަހައްދުގައި މީހަކުވެސް ނޫޅޭނެ،" އައްޑޫގެ ޒުވާނަކު ބުންޏެވެ. "އެކަމަކު އިގިއްޖެ މިއީ ބިރުވެރިތަނެއް ނޫންކަން. މިއަދު އެންމެންވެސް އުޅެނީ މިތަނަށް ނާދެވިގެން. މި ސަރަހައްދަށް ދިރިއުޅެން އަންނަންވެސް ބޭނުންވޭ،"
އީދާއި ސުކޫލް ޗުއްޓީ އާ ގުޅިގެން އައްޑުއަށް 5000 ވުރެވެސް ގިނަ މީހުން އައިސްފައިވާކަމަށް ލަފާކުރެވޭއިރު، އިއްޔެ އިރު އޮއްސެމުން އައި ގަޑީގައި ކޮންވެންޝަން ސެންޓަރު ވަށައިގެން ވަނީ މީހުން ޖަމާވެފަ އެވެ. ވަރަށް ބައިބޮލެވެ. ކޮންވެންޝަން ސެންޓަރުން ފުރަތަމަ ނިކުމެ މަގަށް ނިކުތްއިރު ހީކުރީ ކުޑަ ވަރެއްގެ މުޒާހަރާއެއް ހެންނެވެ. އެތަނުގައި ތިބި އެކި ފުރާގެ މީހުންނާ ވާހަކަދެއްކީމެވެ.
"މިތަން ބަލައިލަން އައީ. އިރުއޮއްސޭގަޑީގައި އެންމެ ސަޅީ. މި އެންމެންވެސް އެހެންވެ މި އުޅެނީ. ވަރަށް ގިނައިން އަންނަން. ރޭގަނޑު އާއި އިރުއޮއްސޭ ގަޑީގައި ވަރަށް ސަޅީ،" ކޮންމެ ދުވަހަކުހެން ކޮންވެންޝަން ސެންޓަރު ބަލަން އަންނަ މަރަދޫގެ ޒުވާނަކު ބުންޏެވެ.
ސެންޓަރާ ގުޅީފައިވާ މަގުތަކުގައިވެސް ވެހިކަލްތަށް ޕާކުކޮށް އޮތީ މަގު ފުރާލާފަ އެވެ. އަލަށް ހަދާފައިވާ އެ މަގުތަކަށް މީހުން ފޭބުމަށްފަހު ކޮންވެންޝަން ސެންޓަރުގެ ގޭޓާ ހިސާބަށް އަންނަން ޖެހެނީ ހިގާފަ އެވެ. އެއީ ވެހިކަލް ވަނުން މަނާ ސަރަހައްދެކެކެވެ.
ކުޅީގެ މެދަށް ވާގޮތަށް ވަށައިގެން ނޫކުލައިގެ ބިއްލޫރި ޖަހައިގެން އައިސީސީ ހަދާފައިވާއިރު ކުޅީގެ ފެންގަޑަށް މުޅި އިމާރާތުގެ ހިޔަނި ވަނީ އެޅިފަ އެވެ. އެކަމުން އިމާރާތުގެ ފުރިހަމަކަން އިތުރުކޮށްދެ އެވެ. ވަށައިގެންވާ މާހައުލުގައި އިންދާފައިވާ ފެހިކަން ގަދަ ވިނަޔާއި ރުށްތަކުގެ ރާއްޖޭގެ ރީތިކަން އަދި އައްޑޫގެ ތަފާތު ވެށި ރަމްޒްކޮށްދެ އެވެ.
އީސީސީ ކައިރިއަށް ގިނަ ބަޔަކު ކޮންމެ ދުވަހަކު ހަވީރު ޖަމާވަނީ ފޮޓޯ ނަގާށެވެ. ކުޑަކުދިން ގޮވައިގެން ހިތް ހަމަ ޖައްސާލާށެވެ. ފޯނާއި ލެޕްޓެޕް އަދި ޑެސްކްޓޮޕްގައި ވެސް އައިސީސީގެ ފޮޓޯއެއް ނެތް މީހަކު މަދުވާނެ އެވެ. ރޭގަނޑު އެތަށް ދަމެއް ވަންދެން ފޮޓޯ ނަގަން މީހުން އެ ސަރަހައްދަށް އާދެ އެވެ.
"ފޮޓޯއެއް ނުނަގާ ގޮސްފިއްޔާ ކަޑަވާނެ. މީހުން ބުނާނެ އައްޑުއަށް ގޮސްކަމެއް ނުވި ނޫންހޭ. އެހެންވެ މި އައީ،" ޗުއްޓީއަށް އައްޑުއަށް އައިސް ހުރި ޒުވާނަކު ބުންޏެވެ.
މަދު ދުވަސްކޮޅެއްގެ ބުރަ މަސައްކަތުން އަމީން ކޮންސްޓްރަކްޝަން އިން ބިނާކުރި ބިޔަ އެ އިމާރާތުގައި އިވެންޓްތަށް ހޮސްޓްކުރުމަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް ވަނީ އެންމެ ފުރިހަމަޔަށް ގާއިމްކޮށްފަ އެވެ. ވީއައިޕީ ރޫމާއި ބޮޑަތި ކޮންފަރެންސް ހޯލްތަކާއި ޕްރައިވެޓް މީޓިން އޭރިއާތަށް ހުރީއިރު މީޑިޔާ ސެންޓަރެއްވެސް ވަނީ ގާއިމްކޮށްފަ އެވެ.
އެ އިމާރާތުން ލިބޭ ހިދުމަތަށާއި ފުރިހަމަކަމަށް ތައުރީފު ކުރަނީ ހަމައެކަނި ދިވެހިން ނޫނީ އައްޑޫގެ ރައްޔިތުން އެކަންޏެއް ނޫނެވެ.
"މި އިމާރާތް ހާދަބޮޑޭ. އަސްލުވެސް ވަރަށް ރީތި. ރާއްޖޭން މިހާރީތި އިމާރާތެއް ނުދެކެން،" އެ އިމާރާތަށް ތައުރީފު ކުރަމުން ސާކު ސަމިޓް ކަވަރު ކުރާ އޭއެފްޕީގެ ނޫސްވެރިއަކު ބުންޏެވެ. "މި މުޅި ހިސާބުވެސް ވަރަށް ހިތްގައިމު. މި ސަރަހައްދުން ފެނުނު އެންމެ ތަފާތު ތަން މިއީ،"
އައްޑޫރައްޔިތުންގެ އުންމީދުތަކެއް އީސީސީ އާ އެކު ވާއިރު އައްޑޫ ކޮންވެންޝަން ސެންޓަރުގެ ރީތިކަން ދުވަހެއް ދުވަހަކަށް ވާނީ އިތުރެވެ. އެއީ ވަށައިގެން ވާ ވިނަތަކުގެ ތަކުގެ ފެހިކަން ގަދަވާ ވަރަކަށެވެ. ނާމާންކަމުގެ ބިރަށް މާކިޅި އާއި ދުރުގައި ތިބި ރައްޔިތުން ކައިރިވުމުން އެ ފުރިހަމަކަންވެސް އިތުރުވާނެ އެވެ.
"ކޮންމެ ދުވަހަކު ފެންދެމުން މިދަނީ. އެންމެ ހޫނު ގަދަވާ ގަޑީގަވެސް ފެންދެން. އެއީ މިލާ މޯލި ވާނެ ތީ. އިތުރަށް މިއޮތް މަހެއް ތެރޭގައި ވިނަތަށް ރަނގަޅަށް ހެދޭނެ،" ވިނަތަކަށް ފެންދޭހުރި އެ ސެންޓަރުގެ މުވައްޒަފަކު ބުންޏެވެ.
އައްޑޫރައްޔިތުން ބިރުން އުޅުނު މާކިޅި އަކީ މިއަދު އެމީހުން ފަހުރުވެރިވާ އައްޑޫ ސިޓީގެ ރަމްޒެވެ. އައްޑޫ ސިޓީ ތާރީހުގެ އައު ސޮފްހާއެއް ލިޔަނީ އީސީސީގެ ސަބަބުންނެވެ.
"މި ސެންޓަރުގެ ސަބަބުން އައްޑޫގައި އައު ތާރީހެއް މި ލިޔެވެނީ. އަހަރުމެން ފަހުރުވެރި ނުވާންވީ ސަބަބެއް ނެތް. މިއީ އައްޑޫ ސިޓީއެއްގެ ގޮތުގައި ދުނިޔެއަށް ހުޅުވުމުގެ އަސްލު،" ކުރިންވެސް ވާހަކަދެއްކެވި ސިޓީ ކައުންސިލްގެ މެންބަރު ވިދާޅުވި އެވެ.