10:00


ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދު އިތުރުވަމުން ގޮސް، ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވަމުން ދިއުމާ ގުޅިގެން މާލެއާއި އަތޮޅު ތެރޭގެ ކޯޓުތަކަށް 21 ފަނޑިޔާރަކު ހޯދުމުގެ މަސައްކަތް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަށައިފި އެވެ.


ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ މާލޭގެ ހަތަރު ކޯޓަކަށް 11 ފަނޑިޔާރަކާއި، އަތޮޅުތެރޭގެ 10 ކޮޓަށް 10 ފަނޑިޔާރަކު ހޯދުމަށް މިހާރު އިއުލާންކޮށްފައިވާ ކަމަށާއި މި ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން ނިންމީ ހުށަހެޅޭ މައްސަލަތައް އިތުރުވެގެން ގޮސް މައްސަލަ ނުނިމު ލަސްވަމުންދާތީ ކަމަށެވެ.


އެގޮތުން މާލޭގެ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އިޢުލާންކޮށްފައިވަނީ ޖިނާއީ ކޯޓަށް ހަތަރު ފަނޑިޔާރުން އަދި ކުޑަކުދިންނާ ބެހޭ ކޯޓަށް އެއް ފަނޑިޔާރަކާއި އާއިލާއާ ބެހޭ ކޯޓަށް ދެ ފަނޑިޔާރުން އަދި މަދަނީ ކޯޓަށް ހަތަރު ފަނޑިޔާރުންނެވެ.


ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ އާ ޤާނޫނު އަސާސީ ތަސްދީގުކުރުމާއެކު މާލޭކޯޓުތަކާއި، ރަށު ކޯޓުތަކަށްވެސް ހުށަހެޅާ މައްސަލަތައް ނިސްބަތުން ވަރަށް ބޮޑު ތަން އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން މަދަނީ ކޯޓަށް ހުށަހެޅޭ މައްސަލަތައް 45 ޕަސެންޓް އިތުރުވެފައިވާއިރު ޖިނާއީ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދު 43 ޕަސެންޓް އިތުރުވެފައި ކަމަށް އެކޮމިޝަނުން ބުނެ އެވެ. އަދި ކުޑަކުދިންނާ ބެހޭ ކޯޓަށް ހުށަހެޅޭ މައްސަލަތައް 89 ޕަސެންޓަށް އިތުރުވެގެން ގޮސްފައިވާ ކަމަށްވެސް އެކޮމިޝަނުން ބުނެ އެވެ.


ޖުޑީޝަލް ސާވިސް ކޮމިޝަނުން އަދި ބުނީ 2009 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖިނާއީ ކޯޓުގައި މަސައްކަތްކުރައްވަނީ ހަތް ފަނޑިޔާރުން ކަމަށެވެ. އަދި އެކޯޓަށް މުއްދަތު އިތުރުކުރުމަށް އެކަނިވެސް މިދިޔަ އަހަރު 9،000 ހާހަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެ އެވެ.