06 Sep 2019, 22:07
ރާއްޖެ އާއި ރުވާންޑާ އާ ދެމެދު ސިޔާސީ ގުޅުން މިއަދު ގާއިމުކޮށްފި އެވެ.
ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރުމަށް، ދެގައުމުގެ ދެމެދުގައި ވެވުނު ގުޅިފައިވާ ބަޔާނުގައި ސޮއިކުރުން އޮތީ، ނިއުޔޯކުގައި ހުންނަ ރުވާންޑާގެ ދާއިމީ މިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރާއްޖޭގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ، ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެއިން އެވެ. ރުވާންޑާގެ ފަރާތުން ސޮއިކުރެއްވީ ރުވާންޑާއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ އެ ގައުމުގެ ދާއިމީ މަންދޫބު ވެލެންޓައިން ރުގްވަބިޒާ އެވެ.
ރުވާންޑާ އަކީ ކޮމޮންވެލްތުގެ ގައުމެކެވެ. އަދި 2020 ވަނަ އަހަރުގެ ކޮމޮންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީވެސް ރުވާންޑާގެ ވެރިރަށް ކިގާލީގަ އެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ ރާއްޖެއާއެކު ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ގައުމުތަކާއެކު ހާރިޖީ ގުޅުންތައް ގާއިމުކޮށް، ރާއްޖެއަކީ ބޭރު ގައުމުތަކުން ބަލައިގަންނަ ގައުމަކަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ހުޅުވާލެވިފައިވާ ހާރިޖީ ސިޔާސަތުގެ މުހިންމު އެއް އަމާޒު ކަމަށެވެ.
ރުވާންޑާ އާ އެކު ސިޔާސީ ގުޅުން ގާއިމުކުރުމުން، ރާއްޖެއާއެކު ސިޔާސީ ގުޅުން އޮންނަ ގައުމުތަކުގެ އަދަދަކީ ވަނީ 172 އަށް އަރައިފަ އެވެ. އަދި މިއީ މި ސަރުކާރުގައި ސިޔާސީ ގުޅުން ގާއިމުކުރި ދެވަނަ ގައުމެވެ.