06 Sep 2019, 17:10
ލަންޑަން (ސެޕްޓެމްބަރު 6) : އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމުގެ މައްސަލައިގައި އިނގިރޭސި ބޮޑުވަޒީރު ބޯރިސް ޖޯންސަންއަށް ޕާލަމެންޓުގައި ކުރިމަތިވެ ވަޑައިގެންނެވި ނާކާމިޔާބީތަކާ ގުޅިގެން އަވަސް އިންތިޚާބަކަށް ދިޔުމަށް ތާއީދުކުރުމަށް އޭނާގެ ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ ކިބައިން އެދެން ފަށައިފިއެވެ.
އިނގިރޭސި އިދިކޮޅު ލީޑަރު އަދި ލޭބާ ޕާޓީގެ ޒައީމް ޖެރިމީ ކޯބިން ވިދާޅުވީ އަވަސް އިންތިޚާބަކަށް ދިޔުމަށް ބޮޑުވަޒީރު ޖޯންސަންގެ ފަރާތުން ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށާއި ނަމަވެސް އެކަމަށް އެއްބަސްވެ ވޯޓުދެވޭނީ އެއްބަސްވުމަކާ ނުލައި ބްރެކްސިޓްގެ ކަންތައް ނިންމުމާބެހޭ ގާނޫނެއް ފާސްވުމުން ކަމުގައެވެ. ޖޯންސަން ވަނީ އަވަސް އިންތިޚާބަށް ކުރިން ދެކޮޅު ހައްދަވާފައެވެ. އޭނާ އަވަސް އިންތިޚާބަކަށް އެދިވަޑައިގަތީ ބްރެކްސިޓްގެ މައްސަލާގައި ޕާލަމެންޓްގައި ތިން ބަލިން ބަލިވެ ވަޑައިގަތުމާ ގުޅިގެން ދެން އެހެން ގޮތެއް ނެތުމުންނެވެ.
ބްރެކްސިޓްގެ ކަންތައް އެއްބަސްވުމަކާނުލައި 31 އޮކްޓޯބަރުގައި ނިންމުމަށާ އަދި ބްރެކްސިޓްގެ ކަންތައް އެ ތާރީޚަށްވުރެ ފަސްނުކުރުމަށް ބޮޑުވަޒީރު ޖޯންސަން ކުރެއްވި މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ޕާލަމެންޓްގައި ވަނީ މުޅިން ނާކާމިޔާބުވެފައެވެ. މި ނާކާމިޔާބީއާއެކު އިނގިރޭސިވިލާތުގައި އާންމު އިންތިޚާބު އަވަސްކުރުމަށް ޕާލަމެންޓުން ގަރާރެއް ފާސްކުރަން ޖޯންސަން ކުރެއްވި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެވެ.
މި ތިން ކަންތައްވެސް ނާކާމިޔާބުވީ ޖޯންސަންގެ ކޮންޒަވެޓިވް ޕާޓީގައި ހިމެނޭ 21 މެންބަރަކު ޖޯންސަންއަށް ގޮންޖައްސަވައި އިދިކޮޅު މެންބަރުންނާ ގުޅިގެން ޖޯންސަން އެދިވަޑައިގެންނެވި ހުރިހާ ކަމަކާ ދެކޮޅަށް ވޯޓު ދެއްވުމުގެ ސަބަބުންނެވެ. އެއްބަސްވުމަކާ ނުލައި ބްރެކްސިޓްގެ ކަންތައް ނުނިންމުމަށާ އަދި އަންނަ ޖެނުއަރީގެ ފަހުކޮޅަށް ބްރެކްސިޓްގެ ކަންތައް ފަސްކުރުމަށް ހައުސް އޮފް ކޮމަންސްގެ ބޮޑު އަގުލަބިއްޔަތަކުން އިއްޔެ ނިންމާފައިވާއިރު އެކަން ގަނޫނަކަށް ވާނީ ހައުސް އޮފް ލޯޑްސްއިންވެސް ފާސްކުރުމުންނެވެ. ގާނޫނަކަށް ވުމުން އެއަށް އަލުކުރަން ޖޯންސަންއަށް މަޖްބޫރު ވެގެންދާނެއެވެ.
ހައުސް އޮފް ލޯޑްސްއިން އެ ގާނޫނު ފާސްކޮށްފިނަމަ އަވަސް އިންތިޚާބަކަށް ދިއުމަށް ބޮޑުވަޒީރު ޖޯންސަން އެދިވަޑައިގެންނެވި އެދިވަޑައިގަތުމަށް އިޖާބަ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް އިދިކޮޅު ލީޑަރު ޖެރިމީ ކޯބިން ވިދާޅުވިއެވެ.
ބްރެކްސިޓްގެ މައްސަލާގައި ޖޯންސަންއަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާއެކު އިނގިރޭސި އާންމު އިންތިޚާބު އަވަސްކުރުމަށް އިއްޔެ އޭނާ ހުށަހެޅުއްވި ގަރާރަށް އިދިކޮޅު ލޭބާ ޕާޓީގެ މެންބަރުން ވަކި އަތަކަށް ވޯޓެއް ނުދެއްވައެވެ.
އެހެންކަމުން އެ ގަރާރަށް ހައުސް އޮފް ކޮމަންސްގައި ހިމެނޭ ޖުމްލަ 650 މެންބަރުންގެ ތެރެއިން ތާއީދުކުރެއްވީ 298 މެންބަރުންނެވެ. ކަނޑައެޅިފައިވާ މުއްދަތަށްވުރެ އިންތިޚާބު އަވަސް ކުރެވޭނީ ހައުސް އޮފް ކޮމަންސްގެ ތިން ބައިކުޅަ ދެބައި މެންބަރުންގެ ތާއީދު އެކަމަށް ލިބިގެންނެވެ.
އަވަސް އިންތިހާބެއް ބާއްވަން ޖޯންސަން ބޭނުންވަނީ އަންނަ އޮކްޓޯބަރު 15 ގައެވެ. ބްރެކްސިޓްގެ މައްސަލަ ކޮޅެއްގައި ޖެއްސުމުގައި ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީ ތަކުރާރުކޮށް ނާކާމިޔާބުވަމުން ދިއުމުގެ ސަބަބުންނާއި އަދި އެކަން ކޮޅެއްގައި ނުޖެހި ލަސްވުމުން އިނގިރޭސި އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އަވަސް އިންތިޚާބެއް ބާއްވައިފިނަމަ ވެރިކަންކުރާ ލޭބާ ޕާޓީއަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ގެއްލި އިދިކޮޅު ލޭބާ ޕާޓީ އިނގިރޭސިވިލާތުގެ ވެރިކަމަށް އައުމުގެ ފުރްސަތު ބޮޑުވެގެންދާނެ ކަމަށް އޮބްޒާވަރުން ދެކެއެވެ. (ނޫސް އެޖެންސީތައް)