09 Nov 2011, 08:22
ވޮޝިންޓަން (ނޮވެމްބަރ 9) : އެމެރިކާގެ ރައީސްކަމުގެ މަޤާމަށް ވާދަކުރައްވާ ކޮންމެ ކެންޑިޑޭޓަކީވެސް ނަސާރާދީނުގެ ޢަޤީދާ ވަރުގަދަމީހަކަށް ވާންޖެހޭނެކަމަށް އެމެރިކާ ރައްޔިތުންގެ ވަރަށް ގިނަބަޔަކު ޤަބޫލުކުރާކަން ޚިޔާލު ހޯދުމުގެ ސަވޭއަކުން ހާމަވެއްޖެވެ.
އެމެރިކާގެ މަޝްހޫރު މުއައްސަސާއެއް ކަމަށްވާ "ޖެނެރަލް އިންސްޓިޓިއުޓް ފޯރ ރެލިޖަސް ރީސާޗް" އިން ކުރި ޚިޔާލު ހޯދުމުގެ ސަރވޭއެއްގެ ނަތީޖާ ދައްކާގޮތުން އެމެރިކާ ރައްޔިތުންގެ ތިންބައިކުޅަ ދެބައިމީހުން ދެކޭގޮތުގައި އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ކުރެވެންޖެހޭނީ ނަސާރާދީނުގެ ޢަޤީދާ ވަރުގަދަ އަދި ނަސާރާ ދީނުގެ އުސޫލުތަކަށް ފުރިހަމައަށް އިޙްތިރާމްކޮށް އެއުސޫލުތައް ދަމަހައްޓަން މަސައްކަތްކުރާ ޝަޚްސިއްޔަތެކެވެ.
އެމެރިކާގެ ރައީސްކަމުގެ މަޤާމަށް މުސްލިމަކު އިންތިޚާބު ކުރުމަށް އެމެރިކާ ރައްޔިތުންގެ ހަތަރުބައިކުޅަ ތިންބައި މީހުން ނުރުހޭކަންވެސް މިސަރވޭން ހާމަވެފައިވެއެވެ.
ރެލިޖަސް ރީސާޗް އިންސްޓިޓިއުޓްގެ މިސަރވޭގައި ޚިޔާލުހޯދި މީހުންގެތެރެއިން 29 % މީހުން ބުނެފައިވަނީ އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ކުރެވެންޖެހޭނީ އިވެންޖެލިކަލް (އިންޖީލީ ކޮމިއުނިޓީގެ) ކްރިސްޓިޔަނެއް ކަމުގައެވެ.
53% މީހުން ބުނެފައިވަނީ އެމެރިކާގެ ރައީސްކަމަށް ކްރިސްޓިޔަން މޯރމޮން ފިކުރު (ނަސާރާ ދީނުގައި ސޫފީވައްތަރު) ގެ މީހަކު އިންތިޚާބު ކޮށްގެންނުވާނެ ކަމުގައެވެ. އަދި ކަލަކު ވޮޑިގެންވާކަމަށް ޤަބޫލުނުކުރާ އެތީސްޓަކު (މުލްޙިދަކު) އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ކުރުމާދެކޮޅުހަދާކަމަށް 64% މީހުން ބުނެފައިވެއެވެ. އެމެރިކާގެ ރިޔާސީ ރޭހުގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ މިޓްރުމްނީ އާއި ޖޯން ހެންޓްސްމެން އަކީ ކްރިސްޓިޔަން މޯރމޮން ފިކުރު (ނަސާރާ ދީނުގައި ސޫފީވައްތަރު) ގެ ދެބޭފުޅުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިދެބޭފުޅުންގެ ތެރެއިން ރިޕަބްލިކަން ޕާޓީގެ އާންމު މެންބަރުންގެ ތާއީދު އެންމެބޮޑީ މިޓްރުމްނީއާއި ހެރްމަންކެން އަށް ކަން ޚިޔާލުހޯދުމުގެ ސަރވޭތަކުން ހާމަވެފައިވެއެވެ. މިދެބޭފުޅުންގެ ތެރެއިން ހެރްމަންކެން އަކީ ކްރިސްޓިޔަން ބެޕްޓިސްޓް ފިކުރުގެ ބޭފުޅެކެވެ. މިޓްރުމްނީ އަކީ ކްރިސްޓިޔަން މޯރމޮން ކޮމިއުނިޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.
-- ނޫސް އެޖެންސީތައް