ނޭޝަނަލް ޓެންޑަ ބޯޑުން އެވެލުއޭޓްކޮށް ނިންމާ ބިޑްތަކުގެ މައުލޫމާތު އާންމުކުރަން ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫންު "ސަން" އަށް މިއަދު ވިދާޅުވީ އެ މައުލޫމާތުތައް އާންކުރަން ފެށީ އިއްޔެއިން ފެށިގެން ކަމަށެވެ.

އެ މައުލޫމާތުތައް އާންމުކުރަން ފެށީ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގަ އެވެ.

"މިހާރު ވެބްސައިޓުން ފެންނަން ހުންނާނެ ބިޑް ހުށަހެޅި އަގުތަކާ ހަވާލުކުރި ފަރާތާ އަދި ނިންމަން އަދި ޕްރޮޖެކްޓް ނިންމަން ކަނޑައެޅި ތާރީހުތައް. މިހާރުވެސް ހުންނާނެ 60 އަށް ވުރެ ގިނަ މަޝްރޫއުތަކުގެ މައުލޫމާތުތައް" ޝަނޫން ވިދާޅުވި އެވެ.

ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެ ޕްރޮޖެކްޓެއްގެ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނަމަ އެ ޕްރޮޖެކްޓްތަ އެޕްރޫވްކުރަނީ ޓެންޑާ ބޯޑުންނެވެ.

ޝަނޫން ވިދާޅުވީ މިއީ ސަރުކާރުގެ ޕްރޮޖެކްޓްތައް ދެފުށް ފެންނަގޮތަށް ހާމަކުރުމަށް އެޅި އާ ބޮޅެއް ކަމަށެވެ.

ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ބިޑްކޮށްގެން ހަވާލުކުރުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަބަދުވެސް އަމާޒުވެ އެވެ.