06 Sep 2019, 16:34
ދިވެހިރާއްޖޭގައި ރުބެއްލާ އަދި ކޮންޖެނިޓަލް ރުބެއްލާ ސިންޑްރޮމް ބަލި ކޮންޓްރޯލް ކުރެވިފައިވާތީ އެކަން ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާއްސަ އެވޯޑެއް ރާއްޖެއަށް ދީފިއެވެ.
އެ އެވޯޑު ހަވާލުކޮށްފައިވަނީ މިއަދު ނިމިގެންދިޔަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 72 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުމުގައެވެ.
އެ އެވޯޑާ ރާއްޖެއިން ހަވާލުވެލެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ.
ރުބެއްލާ ނުވަތަ ޖާމަން މީސަލްސްއަކީއަކީ ރުބެއްލާ ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެ ބަލި ވެސް އާންމު ގޮތެއްގައި ޖެހެނީ ނޭވާލުމުގެ ޒަރީއްޔާއިން ބަލި ޖައްސާ ވައިރަސް ހަށިގަނޑަށް ވާސިލުވުމުންނެވެ. އަދި ބަލި ޖެހިފައިވާ މާބަނޑު އަންހެނާގެ ކިބައިން ބަނޑުގައިވާ ކުޑަ ދަރިފުޅަށްވެސް އެ ބަލީގެ އަސަރު ކުރުވާ ގޮތް ވެއެވެ.
މީގެ ކުރިން ރާއްޖެއިން ފައިލޭރިއާ އަދި ހިމަބިހި ނައްތާލައިފައިވާތީވެސް ޑަބްލިއުއެޗްއޯއިން ވަނީ ހާއްސަ އެވޯޑެއް ރާއްޖެއަށް ދީފައެވެ.
ރުބެއްލާ ރާއްޖެއިން ނައްތާލިއިރު މިހާރުވެސް ގައުމީ ފެންވަރުގައި ރުބެއްލާއިން ރައްކާތެރިވުމަށް ދަނީ ވެކްސިންވެސް ޖަހަމުންނެވެ.