06 Sep 2019, 12:50
ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ތައުލީމަށް އެންމެ އެހީތެރިވީ މިއަދުގެ ސަރުކާރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނ. ކުޑަފަރީ ސްކޫލުގެ ރަންޔޫބީލްގެ ޖަލްސާގައި ރޭ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ހިދުމަތްކުރަން ނުކުމެ ތިބީ ހުރިހާ ދާއިރާއަކުން ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގާތުން ބަލައި އޮޅުންފިލުވައިގެން ކަމަށެވެ.
އެގޮތުން ތައުލީމީ ދާއިރާއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެ ދާއިރާގައި ހިމެނޭ ޓީޗަރުންގެ ކަންބޮޑުވުންތައް ބަލައި، ދަރިވަރުން ބޭނުންވާ ކަންތައްތައް ދެނެގަނެފައިވާ ކަމަށެވެ. އަދި ބެލެނިވެރިންގެ ކަންބޮޑުވުންވެސް އަޑުއަހާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ހުރިހާ ކަންބޮޑުވުންތަކަކަށް ރިއާޔަތްކޮށް ތައުލީމީ ދާއިރާގެ ސިޔާސަތުތައް ބަދަލުކުރުމަށް މިހާރު މަސައްކަތް ފަށައިފައިވާ ކަމަށެވެ. އެގޮތުން އެންމެ ޅަފަތުގެ ތައުލީމުން ފެށިގެން ޔުނިވާސިޓީގެ ތައުލީމާ ހަމައަށް އިސްލާހީ ހެޔޮ ބަދަލުތައް ގެނައުމަށް މިހާރު މަސައްކަތް ފަށާފައިވާކަމަށާއި އެހެން ނަމަވެސް އަދިވެސް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ މުޅި ތައުލީމީ ސިޔާސަތު ބަދަލުވެ، ކިޔަވައިދިނުމަކީ ދައުލަތުގެ ޒިންމާއަކަށް މިއަދު ވެއްޖެ. ރާއްޖޭގެ މުޅި ތާރީހުގައިވެސް، ރައްޔިތުންނަށް ކިޔަވައިދިނުމަށް ދައުލަތުގެ ފަރާތުން، އެންމެ ބޮޑު އެހީތެރިކަމެއް ދޭން ފެށީ މިސަރުކާރުން. އެކަމުގެ ހެޔޮ ނަތީޖާ، މާތް ﷲގެ ވާގިފުޅާއެކު މާ ލަސްތަކެއް ނުވެ ފެންނާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާ ސަރުކާރުގެ ތައުލީމީ ސިޔާސަތުތަކުގެ އެންމެ ބޮޑު ތަފާތަކީ އިލްމީ ގޮތުން ސިކުނޑި ހުޅުވާލައި ދިރިއުޅުމުގެ އަމަލީ މައިދާނަނަށް އަހުލުވެރިކުރުވުން ކަމަށެވެ. އެގޮތުން ވަށާޖެހޭ ތައުލީމީ ނިޒާމެއްގެ ތެރެއިން ޖަޒީރާ ސްކޫލުތަކެއް ހިންގުމަށް ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައެޅީވެސް އެ މަގްސަދު ހާސިލްކުރުމުގެ ބޭނުމުގައި ކަަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެމުން އަންނަ ކަމެކެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ 213 ސަރުކާރުގެ ސްކޫލްގެ ތެރެއިން 144 ސްކޫލް މިހާރު އެއް ދަންފަޅިއަށް ބަދަލުކޮށްފައިވާ ކަމަށާއި ބާކީ ހުރި 69 ސްކޫލް، އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ތަންފީޒީ މަރުހަލާ މިހާރު ފަށައިފައިވާ ކަމަށެވެ.
"މި ނިޒާމަށް ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަދަލުވުމުން، އޭގެ ނަތީޖާ ވަރަށް އަވަހަށް ފެންނަން ފަށާނެ. މި ނިޒާމުގެ ތެރެއިން ދަސްވެނިވާއިރު ކޮންމެ ދަރިވަރެއް ހުންނާނީ، އަމިއްލަ ޒިންމާތަކަށް ފަރިތަވެފައި. ދިރިއުޅުމުގެ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ހޭނެން ފަށާފައި. އެކުދިން ތިބޭނީ ސްކޫލްގައި ދަސްކުރި އެއްޗެހި، އަމަލީ ގޮތުން ތަންފީޒުކުރަން އަހުލުވެރިވެފައި" ރައީސް ވިދާޅުވިއެވެ.