ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނ. އަތޮޅުގެ ދެ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.

އިއްޔެ ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަޑައިގަތީ އެ އަތޮޅު މިލަދުއަށާއި ކުޑަފަރީއަށެވެ. އެންމެ ފުރަތަމަ މިލަދޫއަށް ވަަޑައިގެން އެމަނިކުފާނު ވަނީ އެ ރަށު ހިދާޔާ ސްކޫލުގެ ރަންޔޫބީލް ހަނދާނީ ބިނާ ހުޅުއްވައިދެއްވައިފައެވެ. އަދި އެ ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެ ޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ.

އެމަނިކުފާނު މިލަދޫ ކައުންސިލާއި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާވެސް ބައްދަލުކުރެއްވިއެވެ. އަދި މިލަދޫގައި، އެރަށު ކައިރީ އޮންނަ ނ. މަގޫދޫގެ ރަށު ކައުންސިލު މެމްބަރުންނާވެސް ރައީސް ބައްދަލުކުރެއްވި އެވެ.

މިލަދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި އިއްޔެ ކުޑަފަރީއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރެއްވިއެވެ. އަދި އެ ރަށުގައި ނ. އަތޮޅުގެ އަތޮޅު ކައުންސިލާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.

އޭގެ އިތުރުން، ކުޑަފަރީ ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.

މިއަދު ހެނދުނު އެމަނިކުފާނު މާލެ ވަޑައިގަތުމަށް އެރަށުން ފުރާވަޑައިގަތުމުގެ ކުރިން އެ ރަށުގެ ގިރާ ސަރަހައްދާއި ކުނިކޮށި ބައްލަވާލެއްވި އެވެ. އަދި އެ ރަށު ސްކޫލު ގޯތިތެރޭގައި ގަހެއް އިންދެވިއެވެ.