އެތެންސް (ނޮވެމްބަރ 9) : ގްރީސްގައި އެކުލަވާލުމަށް ހަމަޖެހިފައިވާ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑުވަޒީރަކަށް އިޤްތިސާދީ ތަޖްރިބާކާރެއް ކަމަށްވާ ލޮކާސް ބަބާދިމޮސް އިޚްތިޔާރު ކޮށްފިއެވެ.

ގްރީސްގައި ވެރިކަންކުރާ ސޯޝަލިސްޓް ޕާޓީންބުނީ ޤައުމު މާލީ ގޮތުން ބަނގުރޫޓްވުމުން ސަލާމަތް ކުރުމަށްޓަކައި އެކުލަވާލުމަށް ނިންމާފައިވާ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑުވަޒީރަކަށް ލޮކާސް ބާބާދީމޮސް އިޚްތިޔާރުކުރީ ހުރިހާ ސިޔާސީ ޕާޓީތަކުގެ ވެރިން މަޝްވަރާކުރުމަށްފަހު އެޕާޓީތަކުގެ ވެރިންގެ އަޣްލަބިއްޔަތުން ކަމުގައެވެ. ގްރީސްއަކީ ދަރަނީގެ ސަބަބުން އިޤްތިސާދީގޮތުން އިނދަޖެހި މާލީގޮތުން ބަނގުރޫޓްވެ ޔޫރޯ ޒޯނުން ބޭރުވާންޖެހޭ ޙާލަތުގައި މިހާރު އޮތް ޤައުމެކެވެ.

ގްރީސްގެ ބޮޑުވަޒީރު ޖޯޖް ޕަޕަންޑްރިޔޯ އޭނާގެ ދައުރު ނިމުމުގެ ކުރިން މަޤާމުން އިސްތިއުފާދެއްވުމަށް ނިންމެވީ ކުރިމަތިވެފައިވާ އިޤްތިސާދީ އަދި މާލީ ކާރިޘާއިން ސަލާމަތްވުމަށްޓަކައި ޔޫރަޕްގެ އިއްތިޙާދުން ހުށަހަޅާ "ރެސްކިޔު ޕްލޭން" ތަންފީޒުކުރުމަށް ހުރިހާ ޕާޓީތަކެއް ގުޅިގެން ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ރައީސް ކާރލޮސް ޕަޕުލިޔާސް އެދިވަޑައިގަތުމުންނެވެ.

ޕަޕުލިޔާސް ގެ އޮފީހުންބުނީ ހުރިހާޕާޓީތަކެއް ގުޅިގެން ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށްޓަކައި މަޤާމުން އިސްތިއުފާ ދެއްވުމަށް ޖޯޖް ޕަޕަންޑްރިޔޯގެ ކިބައިން ރައީސް ކާރލޮސް ޕަޕުލިޔާސް އެދުމުން އެކަމަށް އިޖާބާ ދެއްވުމަށް އޭނާ އެއްބަސްވެ ވަޑައިގެންފައިވާކަމުގައެވެ. މިހާރުގެ ބޮޑުވަޒީރު ޖޯޖް ޕަޕަންޑްރިޔޯގެ ސަރުކާރު ސިޔާސީ ގޮތުން ބަލިކަށިވުމުގެ ސަބަބުން އިޤްތިސާދީ މުހިއްމު ނިންމުންތައް ނިންމުމަށް އޭނާގެ ސަރުކާރުވަނީ ނުކުޅެދިފައެވެ.

އަލަށްއެކުލަވާލާ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑުވަޒީރަކަށް އިޚްތިޔާރު ކޮށްފައިވާ ލޮކާސް ބާބާދީމޮސްއަކީ ޔޫރަޕްގެ އިއްތިޙާދުގެ މަރުކަޒީ ބޭންކްގެ ގަވަރނަރކަން ކުރައްވާފައިވާ އިޤްތިސާދީ ތަޖްރިބާކާރެކެވެ. އައު ސަރުކާރުގެ ކެބިނެޓްގެ މަޤާމުތަކަށް ޢައްޔަންކުރާ ވަޒީރުންގެ ނަންތައް މިއަދު އިޢްލާން ކުރާނެއެވެ.

އައުސަރުކާރުގެ އޮނިގަނޑު ބިނާކުރެވޭނީ މިހާރު ވެރިކަންކުރާ ސޯޝަލިސްޓް ޕާޓީއާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ސިޔާސީ ތަޖްރިބާކާރުންގެ އިތުރުން ވަކިޕާޓީއަކަށް ނިސްބަތްނުވާ ޓެކްނޮކްރޭޓުންގެ މައްޗަށެވެ. -- ރޮއިޓާސް