ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއެކު ދެން މަސައްކަތް ކުރައްވާނީ، އެ ޕާޓީން ކޯލިޝަނުން ވަކިވުމުން ކަމަށް އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީން ވަނީ، މިދިޔަ އެޕްރީލް މަހު ބޭއްވި މަޖިލިސް އިންތިހާބުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީއާ ގުޅިގެން މަސައްކަތްކޮށްފަ އެވެ.

ޕީޕީއެމް އިން އިއްޔެ އަތޮޅު ތެރެއަށް ފެއްޓެވި ކެމްޕެއިން ދަތުރުގެ ކުރިން އިއްޒުއްދީން ފާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ، ޖުމްހޫރީ ޕާޓީއާ އެކު މިދިޔަ މަޖިލިސް އިންތިހާބުގައި ވެސް މަސައްކަތް ކުރެއްވި އިރު، ވަރަށް ބޮޑަށް ރައްޔިތުންނަށް އޮޅުވާލައިފައިވާ ކަމަށެވެ. އެގޮތުން އޭރު ވެސް ޖުމްހޫރީ ޕާޓީން ވަނީ އެ ޕާޓީން އެއްވެސް ޕާޓީއަކާ އެކު މަސައްކަތް ނުކުރާ ކަމަށް އާންމުކޮށް އަންގައި އިއުލާންކޮށްފައި ކަމަށެވެ.

"ޖުމްހޫރީ ޕާޓީ، އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާ ނަމަ ފުރަތަމަ އެޕާޓީން ޖެހޭނީ ސަރުކާރު ކޯލިޝަން އިން ވަކިވާން. އެނޫން ގޮތަކަށް އަޅުގަނޑުމެން ނެތިން މަސައްކަތް ކުރާކަށް،" ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު މަސައްކަތް ކުރައްވާފާނަންތޯ ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން އޮޅުވާލި ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އެޕާޓީން ވަނީ، ޕީޕީއެން-ޕީއެންސީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރައްވަން ނިންމެވިކަން އިއުލާން ކުރައްވައި، ކުރިން އެޕާޓީގެ ޓިކެޓް ދިން އެ ދާއިރާގެ ކެންޑިޑޭޓުންގެ އަތުން ޓިކެޓް އަތުލައިފަ އެވެ. އަދި ޕީޕީއެމް އިން ވެސް ވަނީ، ޖުމްހޫރީ ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރައްވަން ނިންމެވިކަން އިއުލާން ކުރައްވައި، ކުރިން އެޕާޓީގެ ޓިކެޓް ދިން އެ ދާއިރާގެ ކެންޑިޑޭޓުންގެ އަތުން ޓިކެޓް އަތުލައިފަ އެވެ.

އެގޮތުން ޖުމްހޫރީ ޕާޓީން، ޕީޕީއެމް-ޕީއެންސީގެ 32 ކެންޑިޑޭޓުންނަށް ތާއީދު ކުރި އެވެ. އަދި ޕީޕީއެމް-ޕީއެންސީ އިން ޖުމްހޫރީ ޕާޓީގެ 27 ކެންޑިޑޭޓަކަށް ތާއީދު ކުރި އެވެ. ޖުމްލް 59 ދާއިރާއަށް ގުޅިގެން ވާދަ ކުރި އެވެ.

އެ ތިން ޕާޓީއަށް މަޖިލިސް އިންތިހާބުގައި އެކުގައި މަސައްކަތްކޮށްގެން މަޖިލިސް 87 ގޮނޑިން ކާމިޔާބު ކުރެވުނީ ޖުމްލަ 13 ގޮނޑި އެވެ.